ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަންވާ ދުވަހަކީ، އުފާވެރި ދުވަހެއް ގޮތުގައި ފާހަގަ ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
ހަމާސް އިން އިސްރާއީލް އަށް އަމާޒުކޮށް ހަމަލާ ދިނުމަށް ފަހު ވަނީ، އެ ޤައުމުގެ އެތައް ބަޔަކު ރަހީނު ކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން މިނިވަން ކޮށްފައި ވީ ނަމަވެސް، އަދިވެސް ހަމާސްގެ ބެލުމުގެ ދަށުގައި އިސްރާއީލްގެ ރައްޔިތުން އެބަ ތިބި އެވެ. އޭގެ ތެރެއިން ބައެއް މީހުން މަރުވެފައިވާއިރު، ދިރި ތިބި މީހުން މިނިވަން ކުރުމަށް ނަތަންޔާހޫ އަށް އެތައް ޕްރެޝަރެއް ކުރިމަތިވި އެވެ.
ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ހައްޔަރު ކޮށްފައިވާ ރަހީނުން މިނިވަން ކުރަން ޖެހޭނެ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވެފައި ވަނީ، ހޯމަ ދުވަހުގެ ރޭ ރަހީނުން މިނިވަން ވެއްޖެ ނަމަ، އެ ދުވަހަކީ އިސްރާއީލްގެ އުފާވެރި ދުވަހެއްގެ ގޮތުގައި ފާހަގަ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ހުކުރު ދުވަހު ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނުގައި ނަތަންޔާހޫ ވިދާޅުވެފައި ވަނީ، މީގެ ދެ އަހަރު ކުރިން އިސްރާއީލް އަށް ހިތާމަވެރި ދުވަހަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އޭގެ ފަހުން ހޯމަ ދުވަހުގެ ރޭ އިސްރާއީލްގައި ފަށާ ފެސްޓިވަލް ތަކަކަށް އިޝާރާތްކޮށް ނަތަންޔާހޫ ވިދާޅުވީ، އަނެއްކާ ވެސް އުފާވެރި ކަމުގެ ދުވަސް ތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އިސްރާއީލް އިން ޤަބޫލު ކުރާ ގޮތުގައި ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންގެ ތެރެއިން މިވަގުތު ދިރި ތިބޭނީ 20 ރަހީނުންނެވެ. އޭގެ ތެރެއިން 28 ރަހީނުން މަރުވެފައިވާ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ހާމަކޮށްފަ އެވެ.