އެމެރިކާާގެ ކުރީގެ ރައީސް ޖޯ ބައިޑަން، ޕްރޮސްޓޭޓް ކެންސަރަށް ރޭޑިއޭޝަންގެ ފަރުވާ ހޯއްދަވަން ފައްޓަވައިފި އެވެ.
ނިމުނު ދައުރުގައި އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބައިޑަންގެ ތަރުޖަމާނު ހޮނިހިރު ދުވަހު ވިދާޅުވެފައި ވަނީ، ބައިޑަން ޕްރޮސްޓޭޓް ކެންސަރަަށް ރޭޑިއޭޝަންގެ ފަރުވާ ހޯއްދަވަން ފައްޓަވާފައިވާ ކަމަށެވެ.
އުމުރުން މިހާރު 82 އަހަރުވެފައިވާ ބައިޑަން އަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާކަން ދެނެގަނެވިފައި ވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މިހާރު ބައިޑަން ގެންދަވަނީ ރޭޑިއޭޝަން އަދި ހޯމޯން ފަރުވާ ހޯއްދަވަމުން ކަމަށް އޭނާގެ އޮފީހުން ވަނީ ހާމަކޮށްފަ އެވެ.
ހުސްވި ސެޕްޓެމްބަރު މަހުގެ ތެރޭގައި ބައިޑަން ވަނީ ހަމުގެ ކެންސަރުގެ ސާޖަރީއެއް ވެސް ކޮށްފަ އެވެ. އެ ސާޖަރީ އަކީ "މޯސް ސާޖަރީ"ގެ ނަމުން މަޝްހޫރު، އާންމުކޮށް ހަމުގެ ކެންސަރަށް ފަރުވާ ކުރުމަށް ކުރިއަށް ގެންދާ ޕްރޮސީޖާ އެކެވެ.
ބައިޑަންގެ ޕްރޮސްޓޭޓް ކެންސަރަކީ އެގްރެސިވް ބާވަތެއްގެ ކެންސަރަކަށް ވީ ނަމަވެސް، ހޯމޯން ފަރުވާ އަށް އިޖާބަދޭ ބާވަތެއްގެ ކެންސަރެއް ކަމަށް ބައިޑަންގެ ޞިއްޙީ ޓީމުން ވަނީ ފާހަގަ ކޮށްފަ އެވެ. އެހެންކަމުން، ފަރުވާ އިން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.
ބައިޑަންގެ ޞިއްޙީ ޓީމުން ބުނެފައި ވަނީ އޭނާގެ ޞިއްޙީ ޙާލު ކޮޅާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހާމަ ކުރެވޭނީ ފައުވާގެ ކުރިއެރުމަށް ބެލުމަށް ފަހު ކަމަށެވެ.
އެމެރިކާގެ ރައީސް ކަމުގެ މަގާމުގައި ބައިޑަން ހުންނެވިއިރު، 2023 ވަނަ އަހަރު އޭނާ ހެއްދެވި އާންމު މެޑިކަލް ޗެކަޕަށް ފަހު، އޭނާގެ ހަމުން ވަނީ ލީޝަނެއް ނަގައިފަ އެވެ. އެއީ ބޭސަލް ސެލް ކާސިނޯމާ ކަމުގައި އޭރު ވަނީ ދެނެގަނެވިފަ އެވެ.
ބައިޑަންގެ ޞިއްޙީ ޙާލަތާ މެދު ކަންބޮޑުވުން ތަކެއް ކުރިން ވެސް ވަނީ އުފެދިފަ އެވެ. އެގޮތުން ރައީސް ކަމުގައި ބައިޑަން ހުންނެވިއިރު، ޞިއްޙީ ގޮތުން އޭނާ ހުންނެވީ ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ޙާލަތެއްގައި ނޫން ކަމަށް ބުނެ، ގިނަ ބަޔަކު ވަނީ އެ ވާހަކަތައް ދައްކައިފަ އެވެ.
މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބައިޑަން ވަނީ ދެ ވަނަ ދައުރަކަށް ވާދަ ކުރައްވަން ނިންމަވައިފަ އެވެ. ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ބައިޑަން އަށް ލިބިވަޑައިގެންނެވިއިރު، ރިޔާސީ ބަހުސްގެ ފުރަތަމަ ބުރުގައި ބައިޑަންގެ ފަރާތުން ފެނުނު ދަށް ޕާފޮމެންސްއާ ގުޅިގެން ވެސް ފާޑު ކިޔުން އަމާޒުވި އެވެ. ބައިޑަންއާ ވާދަ ކުރެއްވި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެކު އޮތް ބަހުސް އަށް ފަހު، ބައިޑަންގެ ޤާބިލު ކަމާ މެދު އިތުރު ސުވާލު ތަކެއް އުފެދުނެވެ.
ބައިޑަން ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ވެސް ޚިޔާލު ތަފާތުވުން ތަކެއް އުފެދިގެން އައިއިރު، އޭގެ ދެ ހަފުތާ ފަހުން ބައިޑަން ވަނީ ރިޔާސީ ރޭހުން ވަކިވާން ނިންމަވައިފަ އެވެ. ރިޔާސީ ޓިކެޓު ބައިޑަން ދޫކޮށްލެވުމާ އެކު، ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަ ކުރެއްވީ ބައިޑަންގެ ނައިބު ރައީސް ކަމަލާ ހެރިސް އެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދެ ދައުރުގައި ވެސް ނައިބު ރައީސް އަކަށް ހުންނެވި ބައިޑަން، އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވީ 2020 ވަނަ އަހަރު އެވެ. އެ އިންތިޚާބުގައި އޭނާ ވަނީ ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކުރި ހޯއްދަވައިފަ އެވެ. އެއާއެކު ބައިޑަން ވެގެން ދިޔައީ އެމެެރިކާގެ އެންމެ ދުވަސްވީ ރައީސް އަށެވެ. ނަމަވެސް، 2024 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބު، އުމުރުން 79 އަހަރުގެ ޓްރަމްޕް ކާމިޔާބު ކުރެއްވުމާ އެކު، އެ ރެކޯޑު މިހާރު އޮތީ ޓްރަމްޕްގެ އަތްޕުޅު ގައެވެ.
ރިޔާސީ ދައުރު ނިމުނު ފަހުން ވެސް، ބައިޑަންގެ ޙަރަކާތްތައް ދޭތެރެ އަކުން ފެނިގެންދެ އެވެ. ޚާއްސަކޮށް ބައިޑަން ގެންދަވަނީ ޓްރަމްޕްގެ ދެ ވަނަ ދައުރުގައި ނިންމަވަމުން ގެންދަވާ ކަންކަމާ މެދު ފާޑު ވިދާޅުވަމުންނެވެ. އެގޮތުން މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބައިޑަން ދެއްވި ޚިތާބެއްގައި ވަނީ، ޓްރަމްޕްގެ ސަރުކާރުން ސޯޝަލް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން އަށް ގެންނަން ހުށަހަޅާފައިވާ ބަޖެޓު އުނިކުރުންތަކާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.