ކ. މާލެ
|
12 އޮކްޓޯބަރ 2024 | ހޮނިހިރު 13:28
ރާއްޖެޓީވީން ތަޢާރަފް ކުރި އޭއައި ނިއުސްކާސްޓަރ، މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭއައި މެދުވެރިކޮށް ޚަބަރު ގެނެސްދިނުން
ރާއްޖެޓީވީން ތަޢާރަފް ކުރި އޭއައި ނިއުސްކާސްޓަރ، މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭއައި މެދުވެރިކޮށް ޚަބަރު ގެނެސްދިނުން
ރާއްޖެއެމްވީ ގްރެފިކްސް
އޭއައި ނިއުސްކާސްޓަރ
ރާއްޖޭގެ ފުރަތަމަ އޭއައި ނިއުސްކާސްޓަރ ގެ ފެނިލުމަށް ބޮޑު ތަރުހީބެއް
މިއީ ރާއްޖޭގައި އޭއައި ނިއުސްކާސްޓަރ މެދުވެރިކޮށް ޚަބަރު ގެނެސްދޭ ފުރަތަމަ ބުލެޓިން
ރާއްޖެޓީވީގެ ޓްވިޓަރ އަދި ރާއްޖެޓީވީ އެކްސްޓްރާ މެދުވެރިކޮށް ކޮންމެ ދުވަހަކު މި ޚަބަރު ބުލެޓިން ގެނެސްދެވޭނެ

ދުނިޔޭގައި ހަލުއިކަމާއެކު ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ރާއްޖެޓީވީން ފުރަތަމަ ފަހަރަށް ނިއުސް ކާސްޓަރއެއް ތަޢާރަފްކޮށް، ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންނަށް އަމާޒުކޮށް, ބަންގްލާ ބަހުން ޚަބަރު ބުލެޓިންނެއް ގެނެސްދޭން ފަށައިފިއެވެ.

އޮކްޓޯބަރު 10 ވަނަ ދުވަހު ތަޢާރަފް ކުރި މި ޚަބަރު ބުލެޓިން ގެނެސްދެނީ ރާއްޖެޓީވީގެ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

ރާއްޖެޓީވީގެ ރަސްމީ އެކްސް އެކައުންޓް އަދި ރާއްޖެޓީވީ އެކްސްޓްރާ ޕޭޖް މެދުވެރިކޮށް ކޮންމެ ދުވަހަކު މި ޚަބަރު ބުލެޓިން ގެނެސްދެވޭނެ ކަމަށް ވެސް އެ ޗެނަލުން ބުނެފައިވެއެވެ. މިއީ ރާއްޖެޓީވީން އިސްވެ ކުރި ވަރަށް ރަނގަޅު ފެށުމެއް ކަމަށް ގިނަ މީހުން ފާހަގަކޮށްފައިވާއިރު، ބަންގްލާ ބަހުން ގެނެސްދޭ މި ޚަބަރު ބުލެޓިން އަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

އެއްލައްކަ އަށްވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން ރާއްޖޭގައި ދިރިއުޅެމުންދާއިރު، ރާއްޖޭގައި ހިނގާ ކަންކަން އެ ކޮމިއުނިޓީއަށް ފޯރުކޮށްދިނުމަށް ރާއްޖެޓީވީ އިސްވެ ކުރި މި މަސައްކަތަށް ތައުރީފްކޮށް ޝުޢޫރު ފާޅުކުރި ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ޒަމާނާ އެއް ހަމައަށް ދިއުމަށް މީ ރަނގަޅު ފެށުމެއް ކަަމަށެވެ. އަދި މިއީ ތަޢުރީފު ޙައްޤު މަސައްކަތެއް ކަމަށް ބުނެފައިވެއެވެ.

ރާއްޖެޓީވީގެ ޑެޕިއުޓީ ސީއޯއޯ ނާޒުމީ ސަޢީދު ވިދާޅުވީ ރާއްޖެޓީވީ އަކީ އަބަދުވެސް ޒަމާނީ ޓެކްނޮލޮޖީއަށް އިސްކަންދީ، ބްރޯޑްކާސްޓިންގ ދާއިރާއިން ޒަމާނީ ބަދަލުތައް ތަޢާރަފްކޮށް ރައްޔިތުންނާ ހަމަ އަށް ޚަބަރާ މައުލޫމާތު ގެނެސްދިނުމުގައި ކުރިއެރުން ތަކެއް ހޯދަމުން އަންނަ ޗެނަލް އެއް ކަމަށެވެ. އެހެންކަމުން އެއައި ނިއުސްކާސްޓަރ އެއް ތަޢާރަފްކޮށް، މި ފަދަ ކަމެއް ފުރަތަމަ ފަހަރަށް ކުރެވުނު ކަމަކީ އަނެއްކާވެސް ރާއްޖެޓީވީ ތާރީޚުގެ ތެރެއަށް ވަދެގެން ދިޔަ ކަމެއް ކަމަށެވެ.

ބަންގްލަދޭޝްގެ އެހާ ބޮޑު ކޮމިއުނިޓީއެއް މިތާ އުޅޭއިރު، ރާއްޖޭގެ ކަރަންޓް އެފެއާޒްގެ ކަންކަން އެނގުމަކީ މިތާގެ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތަށް އުޅުމަށް ވެސް އެޅޭނެ ބާރެއް.
ރާއްޖެޓީވީ ޑެޕިއުޓީ ސީއޯއޯ، ނާޒުމީ ސަޢީދު

މި އައު ޚިދުމަތް ތަޢާރަފްކުރުމާއެކު، ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންނަށް ރާއްޖޭގެ ޚަބަރުތައް އެ މީހުންގެ މާދަރީ ބަހުން އަޑު އެހުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންނަށް ރާއްޖޭގެ ކަންކަން އިތުރަށް ދެނެގަތުމަށާއި، ރާއްޖޭގެ ގަވައިދުތަކަށް އަހުލުވެރިވުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް