ކ. މާލެ
|
18 މެއި 2024 | ހޮނިހިރު 07:27
ފަލަސްތީނު ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް
ފަލަސްތީނު ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް
ރޮއިޓާސް
ފީފާ
އިޒްރޭލް ސަސްޕެންޑުކުރުމާ ގުޅޭގޮތުން ފީފާ އިން ޤާނޫނީ ލަފާ ހޯދަނީ
ފީފާގެ ކޮންގްރެސް އަށް ހުށަހެޅި ޕްރޮޕޯޒަލަށް ޖޯޑަން އިން ވަނީ ތާއީދު ކޮށްފައި

ފުޓުބޯޅައިގެ އެންމެހާ ޙަރަކާތްތަކުން އިޒްރޭލް ސަސްޕެންޑު ކުރުމާ މެދު، ޤާނޫނީ ލަފާ ހޯދުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފި އެވެ.

ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާއި، އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން، އިޒްރޭލް ސަސްޕެންޑު ކުރުމަށް އެދި ފީފާ އަށް ހުށަހެޅީ ފަލަސްތީނުންނެވެ.

ހުކުރު ދުވަހު ކުރިއަށް ދިޔަ ފީފާގެ ކޮންގްރެސްގައި ވަނީ އިޒްރޭލް ސަސްޕެންޑު ކުރުމަށް ފަލަސްތީނުން އެދިފައިވާ ޕްރޮޕޯޒަލް ހުށަހަޅައިފަ އެވެ. އެ ޕްރޮޕޯޒަލް އަށް ޖޯޑަން އިން ވަނީ ތާއީދު ކޮށްފަ އެވެ.

އެ ހުށަހެޅުމާ ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ކޮންގްރެސްގައި ވިދާޅުވީ، އެކަމުގައި ފީފާގެ ކައުންސިލުން ގޮތެެއް ނިންމާނީ، ކަމުގެ ޤާނޫނީ ލަފާ ހޯދުމަށްފަހު ކަމަށެވެ.

އެ މައްސަލައިގައި ފަލަސްތީނުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އެގޮތުން ފަލަސްތީނުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ޖިބްރީލް ރަޖޫބު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުން އިންތިހާ އަށް އަނިޔާ ތަހަންމަލު ކުރަމުންދާއިރު، އަދި އެ ޤައުމުގެ ފުޓުބޯޅަ ވެސް ދަށުދަރަޖައިގެ ކަންކަމުގެ ތެރެއިން ތަހަންމަލު ކުރަމުންދާއިރު، ފީފާ އިން އެކަމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުން ތަހަންމަލު ކުރަމުންދާ އަނިޔާގައި، އެ ޤައުމުގެ ފުޓުބޯޅަ ކުޅުންތެރިން ވެސް ހިމެނޭ ކަމަށެވެ. އަދި އެ މަންޒަރު ދުނިޔެ އަށް ފެންނަމުންދާއިރު، ފީފާ އަށް ވެސް އެ މަންޒަރު ފެންނަން ޖެހޭނެ ކަމުގައި އޭނާ ވިދާޅުވި އެވެ. އޭނާ އެދިވަޑައިގެންނެވީ ފީފާގެ ރައީސް އިންފަންޓީނޯ އެކަމާ ވިސްނައި ވަޑައިގަތުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް