ހުކުރު ދުވަހުގެ ރޭ އިސްރާއީލުގެ ވައިގެ ހަމަލާތަކާއި ބަޑިޖެހުމުގެ ސަބަބުން ޣައްޒާ ގައި މަދުވެގެން 25 މީހުން ޝަހީދު ވެއްޖެ ކަމަށް ސިއްޙީ އިދާރާތަކާއި އެމްބިއުލަންސް ޚިދުމަތުން ހޮނިހިރު ދުވަހު ބުނެފިއެވެ.
އިސްރާއީލުގެ ހަމަލާތަކަށް އެއްވެސް ހުއްޓުމެއް އައިސްފައި ނުވާ އިރު، މިއީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ހުއްޓިފައިވާ ކަމަށް ބެލެވޭ އަދި ޣައްޒާގެ ފަލަސްޠީނު ރައްޔިތުން ހައިހޫނުކަމާ ކުރިމަތިލަމުންދާ ދަނޑިވަޅެއް ކަން ފާހަގަ ކުރެވެއެވެ.
ގިނަ މީހުން މަރުވެފައިވަނީ އިސްރާއީލާ ޣައްޒާ އާ ދެމެދު އޮންނަ ޒިކިމް ކްރޮސިންގ ކައިރީގައި އެހީގެ ޓްރަކުތަކަށް އިންތިޒާރު ކުރަމުންދަނިކޮށް ބަޑިޖެހުމުގެ ސަބަބުންކަމަށް މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ގެންދެވުނު ޝިފާ ހޮސްޕިޓަލުގެ މުވައްޒަފުން ބުނެފައިވެއެވެ.
ވައިގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ޣައްޒާ ސިޓީގެ އެޕާޓްމަންޓް އިމާރާތެއްގައި ތިބި 4 މީހުންނާއި އެހެނިހެން އާންމު މީހުން ހިމެނޭ ކަމަށް ހޮސްޕިޓަލުގެ މުވައްޒަފުންނާއި އެމްބިއުލަންސް ޚިދުމަތުން އެސޯސިއޭޓެޑް ޕްރެސް އަށް ބުނެފައިވެއެވެ.
އިސްރާއީލާއި ހަމާސްއާ ދެމެދު ކުރެވެމުން ދިޔަ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައި ވާއިރު އެމެރިކާ އާއި އިސްރާއީލުން ބުރާސްފަތި ދުވަހު އެ ޤައުމުތަކުގެ މަޝްވަރާކުރާ ޓީމުތައް އަނބުރާ ގެންގޮސްފައި ވުމާއެކު، މަޝްވަރާތަކުގެ މުސްތަޤުބަލާ މެދު އިތުރު ޔަޤީން ކަމެއް ނެތް ހާލަތަކަށް ވަނީ ގޮސްފައެވެ.