ކ. މާލެ
|
25 ޖުލައި 2025 | ހުކުރު 06:51
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ - މެއި 21، 2025
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ - މެއި 21، 2025
ރޮއިޓަރސް
ބެންޖަމިން ނަތަންޔާހޫ
އިސްރާއީލުގެ މުސްކުޅި އަންހެނަކު ރޮކެޓް ލޯންޗަރެއް ބޭނުން ކޮށްގެން ނަތަންޔާހޫ މަރާލަން އުޅުމުގެ ދައުވާ އުފުލައިފި
ބޮޑުވަޒީރު ނަތަންޔާހޫ މަރާލަން ރޭވި އުމުރުން 73 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފައިވާއިރު، އަމިއްލަ އަށް މަރުވެގެން ނަތަންޔާހޫގެ ކިބައިން އިސްރާއީލު ދައުލަތް ސަލާމަތް ކުރުމަށް ކަމަށް ބުނެ އެކަން ރާވާފައިވަނީ އޭނާ އަށް މަރުބަލި ޖެހިފައިވާކަން އެނގުމުން ކަމަށް އޭނާ ބުނެފައިވޭ.

އުމުރުން 73 އަހަރުގެ އިސްރާއީލުގެ އަންހެނަކު ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ މަރާލުމަށް ރޮކެޓް ލޯންޗަރެއް ބޭނުންކޮށްގެން ރޭވުމުގެ ދަޢުވާ އިސްރާއީލުގެ ޕްރޮސެކިއުޓަރުން އުފުލައިފިއެވެ.

ދަޢުވާގައި ބުނެފައިވާ ގޮތުގައި، އެމީހާ އަކީ ސަރުކާރާ ދެކޮޅު އެކްޓިވިސްޓެއްގެ ކަމަށާއި، ތެލް އަވީވްގެ މީހެއް ކަމަށް ބުނުމުގެ އިތުރުން އެއީ ކާކުކަން ހާމަކޮށްފައި ނުވެއެވެ.

އޭނާ ނަތަންޔާހޫ މަރާލަން ނިންމީ އޭނާ އަށް މަރު ބަލި ޖެހިފައިވާކަން ޑޮކްޓަރުންގެ ފަރާތުން އެނގުމުން ކަމަށް ދައުވާގައި ވެއެވެ.

އޭނާ ބުނި ކަމަށް ދައުވާ ގައި ވަނީ، އޭނާ އެހެން ނިންމީ މިހާރުގެ ސަރުކާރުގެ ކިބައިން އިސްރާއީލު ދައުލަތް "ސަލާމަތްކުރުމަށް" އޭނާގެ ފުރާނަ "ޤުރުބާންކުރުމަށެވެ".

އޭނާ އެ ރޭވުން އެހެން އެކްޓިވިސްޓަކާ ހިއްސާކޮށް، ބޮޑު ވަޒީރު މަރާލުމަށް ރޮކެޓް-ޕްރޮޕެލްޑް ގްރެނޭޑެއް ގަތުމަށް އެހީތެރިވުމަށް އެދުނު ކަމަށް ބުނެވެއެވެ.

އަދި އޭނާ އެ މީހާގެ ކިބައިން ނަތަންޔާހޫގެ ޝެޑިއުލް އާއި، ދަތުރުފަތުރާއި، ސަލާމަތީ އިންތިޒާމުތަކާ ބެހޭ މަޢުލޫމާތު އެއްކުރުމަށްވެސް އެހީތެރިވުމަށް އެދުނެވެ.

އެ މީހާ އެކަމުގައި އެއްބާރުލުން ދިނުމަށް އިންކާރުކޮށް، އެކަމުން އަންހެން މީހާ ދުރުކުރަން މަސައްކަތްކުރިއެވެ. ނަމަވެސް އޭނާގެ މަސައްކަތް ބޭކާރުވާކަން އެނގުމުން، އޭނާ އެކަން ފުލުހުންނަށް އަންގައި، އެ އަންހެން މީހާ ހައްޔަރުކުރެވުނެވެ.

ދަޢުވާކުރާ ފަރާތުން އެދިފައިވަނީ ޝަރުޢީ މަރުޙަލާތައް ނިމެންދެން އެ އަންހެންމީހާ ގޭ ބަންދުގައި ބެހެއްޓުމަށެވެ. އެއީ އޭނާ އަމިއްލަ އަށް މަރުވުމަށް ތައްޔާރަށް ހުރި ކަމަށް ބުނެފައި ވާތީ، އޭނާ އަކީ އަދިވެސް ނުރައްކަލެއްކަމަށް ބެލެވޭ ކަމަށް ބުނެފައިވެއެވެ.

ފާއިތުވި އަހަރު ވެސް އިސްރާއީލުގެ މީހަކު ސޯޝަލް މީޑިއާގައި ނަތަންޔާހޫ މަރާލާނެކަމަށް ބުނެ ބިރުދެއްކުމުން ހައްޔަރު ކުރެވުނެވެ.

އިސްރާއީލުގައި މަތީ ފަންތީގެ މީހުން މަރާލުމަކީ އާ ކަމެއް ނޫނެވެ. 1995 ގައި ކުރީގެ ބޮޑު ވަޒީރު އިސްހާޤު ރަބިން މަރާލީ ހައްދުފަހަނައަޅާފައިވާ ކަނާތުފިޔައިގެ ހަރުކަށި މީހަކެވެ. އެއީ ފަލަސްޠީނުގެ މީހުންނާއެކު އޮސްލޯ ސުލްޙައިގެ މަސައްކަތަށް އޭނާ ތާއީދު ކުރުމުގެ ސަބަބުންނެވެ.

- ކޮމެންޓް