ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ އަށް ފޮނުވި އިސްރާއީލާއި އެމެރިކާގެ ވަފުދު އަނބުރާ ގެންގޮސްފި އެވެ.
ޣައްޒާގެ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކުގައި ބައިވެރިވި އެ ދެ ގައައުމުގެ ވަފުދުތައް ބުރާސްފަތި ދުވަހު އަނބުރާ ގެންދިއުމާ ބެހޭ ގޮތުން އެމެރިކާގެ ސްޕެޝަލް އެންވޯއީ ސްޓީވް ވިޓްކޮފް ވިދާޅުވީ ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާޢަތް ޙަމާސް އިން މަޝްވަރާ ތަކުގައި ތެދުވެރިކަމާއެކު ބައިވެރިވެފައި ނުވާ ކަމަށެވެ.
މިއީ ޣައްޒާގައި ހަނގުރާމަ ހުއްޓުވުމަށާއި، ޙަމާސް އިން ހިފަހައްޓާފައިވާ އިސްރާއީލުގެ ރަހީނުން ދޫކޮށްލުމަށާއި، އަދި އިންސާނީ ހާލަތު ދަށްވަމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް ލުޔެއް ހޯދައި ދިނުމަށް ކުރެވޭ މަސައްކަތްތަކަށް ކުރިމަތިވި ހުރަހެއް ކަމަށް ބެލެވެއެވެ.
ވިޓްކޮފް ވިދާޅުވީ އެއްބަސްވުމަކަށް ދިއުމަށް މެދުވެރިން ވަރަށް ބޮޑު މަސައްކަތެއް ކޮށްފައިވާ ކަމަށާއި ނަމަވެސް "ޙަމާސް އިން ގުޅިގެން މަސައްކަތް ކުރާ ކަމަށް ނުވަތަ ތެދުވެރިކަމާއެކު ޢަމަލުކުރާ ކަމަށް ނުފެންނަ" ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ރަހީނުން ގެނައުމަށާއި ޣައްޒާގެ ރައްޔިތުންނަށް އިތުރަށް ހަމަ ޖެހޭ މާހައުލެއް ގާއިމު ކުރުމަށް އެހެން ގޮތްތަކެއް ބަލާނަން،" އޭނާ އެކްސް ގައި ލިޔުއްވިއެވެ.
ޙަމާސް އިން މިކަމާ ގުޅޭގޮތުން ވަގުތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މަޝްވަރާތަކާ ގުޅޭ މަޢުލޫމާތު އެނގޭ އިސްރާއީލުގެ އޮފިޝަލެއް ރޮއިޓާރސް އަށް ބުނެފައި ވަނީ ހަނގުރާމަ ހުއްޓުވުމާ ގުޅޭ އެންމެ ފަހުގެ ހުށަހެޅުމަށް ޙަމާސް އިން ދީފައިވާ ޖަވާބުން "އެ ޖަމާޢަތުން ދޫދިނުމެއް ނެތި ކުރިއަށް ދެވޭނެ ގޮތެއް ނެތް" ކަމަށެވެ. ނަމަވެސް އިސްރާއީލުން މަޝްވަރާތައް ކުރިއަށް ގެންދަން ގަސްދުކުރާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
ގާތްގަނޑަކަށް ދެ އަހަރު ވަންދެން ދެމިގެން ދިޔަ ހަނގުރާމައިގެ ސަބަބުން ޣައްޒާ ރައްޔިތުން ހައިހޫނު ކަމުގައި މަރުވަމުންދާ މައްސަލަ ބޮޑުވަމުން ދިއުމާ ގުޅިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް އިސްރާއީލާއި ޙަމާސް އަށް އެތެރެއިންނާއި ބޭރުން ފިއްތުންތައް ކުރިމަތިވަމުން އަންނަ މިންވަރު ދަނީ އިތުރުވަމުން ނެވެ.
ބައިނަލް އަގްވާމީ ޞިއްޙީ އިދާރާތަކުން ބުނާ ގޮތުގައި ފާއިތުވި ހަފްތާތަކުގައި ޣައްޒާގައި ހައިހޫނު ކަމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ބަނޑަށް މަރުވެފައިވެއެވެ.