ކ. މާލެ
|
13 މެއި 2024 | ހޯމަ 14:29
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
އިންޑިއާ ރާއްޖޭގެ ގުޅުން
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
ގައުމިއްޔަތުގެ ނަމުގައި ބޭރު ގައުމުތަކާއި އޮންނަ ގުޅުންތައް ކަނޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
ޗައިނާއިން ނަގާފައިވާ ލޯނުތައް ދުވަހަކުވެސް އަނބުރާ ނުދެއްކޭނެ
އިންޑިއާއާ ދެކޮޅު ހަދައި އެހެން އެކްޓަރުން ގެނައުމަކީ ބޭކާރު ކަމެއް

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން ކަމަށާއި، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލަންކާގެ "ދަ މޯނިންގ" ނޫހަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އިންޑިޔާ ކަނޑުގެ ޤައުމުތަކުން އިންޑިޔާ ކަނޑުގެ ޤައުމުތަކަށް ބަލަންޖެހޭ ކަމަށެވެ. އަދި މިކަމުގައި ޗައިނާގެ އެއްވެސް ދައުރެއް ވަކިން ނެތް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ސިޔާސީ ގޮތުން ގިނަ ބައެއްގެ ނަޒަރުގައި ގޯސް މީހެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެހެންނަމަވެސް ކަން އޮންނަންވީ ގޮތަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ، އިންޑިޔާ ކަނޑުގެ ޤައުމުތަކުގެ ޒިންމާއަކަށްވުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެއާއި އިންޑިއާ އާ ގުޅުން އޮންނަތާ އެތައް ހާސް އަހަރެއް ވެއްޖެ ކަމަށެވެ. އަދި އިންޑިއާއާ ދެކޮޅު ހަދައި އެހެން އެކްޓަރުން ގެނައުމަކީ ބޭކާރު ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އިންޑިއާ ވެސް އިސްވެ ކުދި ގައުމުތަކަށް ތާއީދު ކުރަން ޖެހޭ ކަމަށާއި، ސުޕަޕަވަރަކަށް ވުމުގައި އިންޑިއާއިން އަމިއްލަ މޮޑެލްއެއް އުފައްދައި އެމެރިކާ ނުވަތަ އިނގިރޭސިވިލާތަށް ވާން މަސައްކަތް ނުކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިހާތަނަށް ޗައިނާއިން އަދާކޮށްފައިވާ ދައުރަށް ބައްލަވާލައްވާ ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން ގަސްތުގައި މަޝްރޫއުތަކުގެ އަގު ބޮޑުކޮށްފައިވާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން ފައިސާއާއި ތަކެއްޗާއި މީހުން ގެނެސްގެން އޭގެ ފަހުން މާލޭ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވާލައި ހެދި ސިނަމާލޭ ބްރިޖް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޗައިނާއިން ގަސްތުގައި ބިޒްނަސް ޕްލޭންތައް އުފައްދާ ކަމަށާއި، ނަމަވެސް އެކަންކަން ނާކާމިޔާބުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން ނަގާފައިވާ ލޯނުތައް ދުވަހަކުވެސް އަނބުރާ ނުދެއްކޭނެ ކަމަށެވެ. އެއީ އެގޮތަށް އުފެއްދި އެއްޗެއް ކަމަށާއި މިއީ ދަރަނީގެ މަޅިއެއް ކަމަށް ރައީސް ނަޝީދު ތުހުމަތުކުރެއްވިއެވެ.

އިންޑިއާއަށް ބަލާއިރު، ރާއްޖެއިން އަވަށްޓެރިޔާއާއެކު އުޅުން ނޫން ގޮތެއް ނެތް ކަމަށެވެ. އެއީ ގިނަ ފަހަރަށް ލޯތްބާއި ނަފްރަތުގެ ގުޅުމެއް ކަމަށާއި، މިއީ ގިނަ ޤައުމުތަކަށް ވާގޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޑިއާއާއެކު މަސައްކަތް ކުރަން ދަސްކުރަންޖެހޭ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ބަލައިނުގަނެވެނީ، ބިދޭސީންނަށް ވުމުން ތަފާތުކުރުން ގެންގުޅުމާއި، ގައުމިއްޔަތުގެ ނަމުގައި ބޭރު ގައުމުތަކާއި އޮންނަ ގުޅުންތައް ކަނޑާލާތީ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ތަނަވަސްކަމުގެ މަގު ގުޅިފައިވަނީ އިންޑިއާއާ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖެ އޮތީ ސަރަހައްދީ، ސަގާފީ އަދި ތާރީޚީ ގޮތުން ގުޅިފައި ކަމަށާއި، ގުޅުންތައް ރަނގަޅުކުރުމަށް މަސައްކަތް ކުރާވަރަކަށް ކަންކަން ރަނގަޅުވާނެ ކަމަށެވެ. އަދި ދުނިޔެއަކީ އެއްބަޔަކު އަނެއްބަޔަކާ ގުޅިފައިވާ އަދި އެއްބަޔަކު އަނެއްބަޔަކަށް ބަރޯސާވެފައިވާ ތަނަކަށްވާއިރު، ރާއްޖޭގެ ގަސްކަރައިން ބޭރަށް ދެވޭ ވަރަށް ދިވެހިރާއްޖެ ފުރާފުރިހަމަވާންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް