ހުދުފިނިފެންމާގޭގައި މީހުން ތާށިވީ އިމާރާތްކުރުމުގެ ހުއްދައަކަށް ގޭގެ ރަޖިސްޓްރީ ހަދާފައި އޮތުމުން މަގަށް ނުކުންނަން ހަދަންޖެހޭ ގޯޅި ނަހަދާ އޮތުމުގެ ސަބަބުން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ހުދުފިނިފެންމާގޭގައި 8 މީހަކު 24 ގަޑިއިރު ވަންދެން ބަންދުވެފައި ތިބުމުގެ ސަބަބުން އެކަން ދިމާވި ގޮތް ސާފުކޮށްދިނުމަށް ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލު ޢަބްދުﷲ ޢަބްދުލް ޙަކީމް ވިދާޅުވީ ހުދުފިނިފެންމާގޭގެ ގޯޅީގެ މައްސަލަ ހުށަހެޅިގެން އުޅޭތާ 27 އަހަރު ވެއްޖެކަމަށެވެ. މި 27 އަހަރުގެ ތެރޭގައި ގިނަ މުއާމަލާތްތަކެއް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލަ ބަލަން ނިންމީ މޭޔަރު އާދަމް އާޒިމް ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުގެ މަތިން ހައްލު ހޯދުމަށް އެންމެ ފުރަތަމަ ބެލީ މައްސަލަ ގޮސްފައި އޮތް ހިސާބު ކަމަށެވެ.
ވަކީލު ވިދާޅުވީ ހުދުފިނެފެންމާގޭގެ ބޮޑު މިނަކީ 3970 އަކަފޫޓް ކަމަށާއި، އަދި ގޯތި ދެބައި ކުރުމުން ކޮންމެ ބަޔަކަށް 1985 އަކަފޫޓް ހިމެނޭ ގޮތަށް ދެބައި ކުރެވުނު ކަމަށެވެ. އަދި ދެބައި ކޮށްފައި އެއްބަޔަށް ކީ ހުދުފިނިފެންމާގެ އަދި އަނެއްބަޔަށް ކީ ހުދުފިނިގެންމާގެ އާގެ ކަމަށް ވަކީލު ވިދާޅުވިއެވެ.
އަދި މީގެ ތެރެއިން ހުދުފިނިފެންމާގެ އަނެއްކާވެސް ދެބައި ކުރި ކަމަށާއި، އެއްބަޔަށް ކިޔަނީ ފުގުރާ އަދި އަނެއްބަޔަށް ކިޔާފައިވަނީ ހުދުފިނިފެންމާގެ ކަމަށެވެ. އަދި ދެ ބަޔަށް ވެސް ވަދެވޭ ގޮތަށް އިނީ ހަދީބީ މަގުން ކަމަށެވެ. އަދި އެކަން އެހެން އޮއްވާ ހުދުފިނިފެންމާގެ ހަސަން ޝާކިރު އާއި ހައްވާ އިބްރާހިމް އަށް ދެބައި ކޮށްފައި އޮއްވާ ހައްވާ އިބްރާހިމް އަށް ނުވަދެވޭގޮތަށް ގޯޅިއެއް ނުކަނޑާ އެތަން އޮތީ ރަޖިސްޓްރީކޮށްފައި ކަމަށެވެ.
ވަކި ރަޖިސްޓްރީއެއް ހަދާފައި އޮތީ ހުދުފިނިފެންމާގޭ ހަސަން ޝާކިރަށް. އަސްލު މާލެ ސިޓީ ކައުންސިލުން ހިންގާ އުސޫލުތަކަށް ބާލާއިރު ގޯއްޗެއް ދެބައިކޮށްފައި ގޯތި ބަހާއިރުގައި އެގޯތިން ޖެހޭނެ މަގަށް ނުކުންނަ ގޯޅިއެއް ނަގަން. އެހެންވީމާ ގޯޅިއެއް ނުނަގާ ހަސަން ޝާކިރަށްވި ބައިގައި ވަކި ރަޖިސްޓްރީއެއް ހަދާފައި އޮތީ. ހަސަން ޝާކިރަށް ވަކި ރަޖިސްޓްރީއެއް ހަދައިދީފައި އޮތް އިރު މާލެ ސިޓީ ކައުންސިލުން 2020 ގައި ވަކި ރަޖިސްޓްރީއެއް ހަދާފައި އޮތް އިރު އެ ރަޖިސްޓްރީގައި ލިޔެފައި އޮންނަނީ އިމާރާތްކުރުމަށް ދީފައިވާ ހުއްދައިގެ ދަށުން. މި ރަޖިސްޓްރީ ހެދުމުގެ ސަބަބުން ހުދުފިނިގެންމާގޭގެ ފަހަތުގައި އޮތް ބަޔަށް ނުވަދެވޭގޮތްވީ. ދެން ހުދުފިނިފެންމާގެއާގޭގެ އިންފާރު ރޭނުމުން މައްސަލަ ދިމާވެގެން މިދިޔައީ. ހުދު ފިނެފެންމާގެ އާގެ އިންފާރު ރާނަން މިޖެހުނު ސަބަބަކީ އެގެއަށް ވަންނަން އިންނަ ގޯޅިއާއެކު އެގޭގެ ބައި އިންނަނީ. ހުދުފިނިފެންމާގޭގެ ފަހަތު ބަޔަށް ވަންނަން ވައިގޮޅިއަކުން ދޮރެއް ހަދާފައި އިނދޭ. އެއީ ވައިގޮޅިއެއްކަމުން އެތަނުގައި ހުދުފިނިފެންމާގެ އާގޭގެ އިންފާރު ރޭނުމަށް ހުއްދި ދީފައި އިންނާނީ.ސިޓީ ކައުންސިލްގެ ވަކީލު އަބުދުލް ހަކީމް
ވަކީލު ވިދާޅުވީ ހުދުފިނިފެންމާގެ އާގޭގެ އިންފާރު ރޭނުމާއި ގުޅިގެން ހައްވާ އިބްރާހިމްގެ ބައިން ނުކުންނަން ޖެހޭނީ ހުދުފިނިގެންމާގެ ހަސަން ޝާކިރުގެ ބައިން ގޯޅިއެއް ހަދައިގެން ކަމަށެވެ. އަދި މައްސަލަ ދިމާވެގެން އުޅެނީ ގޯޅިއެއް ހަދާފައި ނެތުމުން ކަމަށެވެ.
މި މައްސަލަ ދިމާވުމާއެކު ހުދުފިނިގެންމާގެ އާގޭގެ އިންފާރު ރޭނުމަށް ހުއްދަ ދިނީމަ އިންފާރު ރާނަން ފެށުމުގެ ކުރިން އަޅުގަނޑުމެން ހުދުފިނިފެންމާގެއަށް އެންގިން ހުދުފިނިގެންމާގެ އާގެ އިންފާރުގެ ތެރެއަށް ހުދުފިނިފެންމާގޭގެ މީހުން ވަދެނިކުމެވާތީ އެގޭގެ މީހުން ޝަކުވާ ކުރާ ކަމަށް. އަދި އެގޮތަށް ޝަކުވާކުރާނަމަ އަޅުގަނޑުމެން ޖެހޭނީ އެކަން ހުއްޓަން އަންގާށޭ. އެހެންވީމާ ހުދުފިނިގެންމާގޭ ހައްވާ އިބްރާހިމަށް އަޅުގަނޑުމެން ސިޓީ ފޮނުވިން ހުދުފިނިގެންމާގެ އާގެ ތެރެއަށް ވަދެ ނުކުތުން ހުއްޓާލުމަށް. އަޅުގަނޑުމެންނަށް މީހެއްގެ އިންފާރު ރޭނުން މަނައެއް ނުކުރެވޭނެ. އިންފާރު ރާނަން ފެށުމުން ހުދުފިނިފެންމާގޭގެ މީހުން ޝަކުވާކުރުމުން ފުލުހުން މެދުވެރިވެގެން ދިން 4 ހަފްތާގެ މުހުލަތެއް އެގޭގެ މީހުން ނުކުންނާނެ ގޮތެއް ހަމަޖެއްސުމަށް. ނަމަވެސް އެކަން ނުވެ އޮތްކަން އެނގުނީ މި މައްސަލަ ދިމާވީމާ.ސިޓީ ކައުންސިލްގެ ވަކީލު އަބުދުލް ހަކީމް
ވަކީލު ވިދާޅުވީ ގޭގައި މީހުން ބަންދުވާން ދިމާވި މައްސަލައަކީ މާލެ ސިޓީ ކައުންސިލުން މި ހުރިހާ ދުވަސް ވަންދެން ހައްލު ނުލިބި ހުރުމުގެ ސަބަބުން ކަމަށެވެ. އަދި ހަސަން ޝާކިރަށް ވަކި ރަޖިސްޓްރީއެއް ގާނޫނާއި ގަވާއިދާ ހިލާފަށް ހަދައިދިނުމުގެ ސަބަބުން މި މައްސަލަ ކުރިމަތިވި ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ހުދުފިނިގެންމާގޭގެ މީހުންނަށް ގޯޅިއެއް ނުކެނޑޭގޮތަށް ގޭގެ ރަޖިސްޓްރީ ހަދައިގެން އުޅުނު ޝާކިރަކީ ކުރިން ސިޓީކައުންސިލްގައި އުޅުނު މީހެކެވެ.