ކުއަޑްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން މިއަދު އެމެރިކާގެ ވެރިރަށް ވޮޝިންޓަން ގައި އޮންނާނެ އެވެ.
އިންޑޯޕެސިފިކް ސަރަހައްދަކީ ހުޅުވާލެވިފައިވާ އަދި އެންމެންނަށް ވެސް ވަދެވޭ ސަރަހައްދެއްކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ ކުއަޑްގެ މެމްބަރު ޤައުމުތަކަކީ އެމެރިކާ، އިންޑިއާ، އޮސްޓްރޭލިއާ އަދި ޖަޕާނެވެ.
މިއަދުގެ ބައްދަލުވުމަށް ވަޑައިގަންނަވާނެކަން އިއުލާން ކުރައްވަމުން މިދިޔަ ހަފްތާގައި އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް ވިދާޅުވީ މި ބައްދަލުވުމަކީ ހަ މަހުގެ ތެރޭގައި ބާއްވާ ކުއަޑްގެ ދެ ވަނަ ބައްދަލުވުން ކަމަށާއި، އެކަމުން ވެސް ދޭހަކޮށްދެނީ ދުނިޔެ އަށް ކުރިމަތި ވަމުންދާ އިސްތިރާޖީ ގޮންޖެހުންތަކާއި، އެ ގޮންޖެހުން ތަކަށް ގުޅިގެން ކުރިމަތިލުމުގެ މުހިއްމުކަން ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ވެސް ވޮޝިންޓަނުގައި ކުއަޑްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް ބާއްވާފައިވެ އެވެ. އެފަހަރު ކުއަޑްގެ ބައްދަލުވުން ބާއްވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ކުއަޑްގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވަޑައިގެން ތިއްބެވި ދުވަސްވަރު އެވެ. އެ ބައްދަލުވުން ވެސް އިންތިޒާމު ކުރެއްވީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ކަމާ އޭރު އަލަށް ހަވާލުވެ ވަޑައިގެންނެވި މާކޯ ރޫބިއޯ އެވެ.
ކުއަޑްގެ ބައްދަލުވުމަށް ޕެނީ ވޮންގް ގެ އިތުރުން އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު އާއި ޖަޕާނުގެ ޚާރިޖީ ވަޒީރު ޓަކޭޝީ އިވާޔާ މިހާރު ވަނީ ވޮޝިންޓަނަށް ވަޑައިގެންފަ އެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީ އިން ބުނީ މިއަދު ބާއްވާ ބައްދަލުވުމުގައި، މިއަހަރުގެ ނިމޭ ހިސާބުގައި ދިއްލީގައި ބާއްވާ ކުއަޑްގެ މެމްބަރު ޤައުމުތަކުގެ ވެރިންގެ ބައްދަލުވުމުގެ ތައްޔާރީތަކާ ބެހޭ ގޮތުން ޚާރިޖީ ވަޒީރުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. ކުއަޑްގެ ރަސްމީ ބައްދަލުވުމުގެ ހަވާސާގައި ޚާރިޖީ ވަޒީރުން ބައިލޭޓަރަލް ބައްދަލުވުން ވެސް ބާއްވަވާނެ އެވެ.