ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރު ކުރި މައްސަލަ ތަހުގީގު ކުރުމަށް އެމަނިކުފާނު ގޮވާލައްވައިފިއެވެ.
އެމައްސަލަ ތަހުގީގު ކުރުމަށް ޔާމީން ގޮވާލެއްވީ މިދިޔަ ބުރާސްފަތި ދުވަހު ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ޔާމީން ވިދާޅުވީ އަސްލު މައްސަލަ ފާހަގަކުރަންޖެހޭ ކަމަށެވެ. އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ގެންދިޔައީ ފަތިސް ނަމާދު ކުރަން ތިއްބައިތޯ ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ވިދާޅުވީ އެމައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށެވެ.
އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކުރި މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާ އުފުލަން ޖެހޭ ކަމަށް ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ނިޔާ ކަނޑައަޅާނީ ފަނޑިޔާރުން ކަމަށެވެ.
ރައީސް މުއިއްޒުގެ މިވެރިކަމުގައި އަޅުގަނޑު އަދި މިނިވަނެއް ނުވޭ. އަޅުގަނޑު ކޯޓުގެ މަގުން ހިނގަނީ ތެދެއްތޯ. ދެން މުހުތާޒު ކުރެއްވި ސުވާލު. މުހުތާޒަށް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ. މުހުތާޒަކީ މިކަހަލަ ކަންކަން ކުރައްވައިގެން ގާނޫނޫ ހުކުމެއްގައި ހުންނެވި ބޭފުޅެއް. ދެން އަޅުގަނޑެއް ނޫން އަޅުގަނޑުގެ މައްޗަށް ނިޔާ ކަނޑައަޅާނީ. އަނެއްކާ ވެސް ފަނޑިޔާރު ނިޔާ ކަނޑައަޅާނީ. މިހާރު ވެސް އޭރު ނިޔާ ކަނޑައެޅުއްވި ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާނެ އެބޭފުޅުން ކަނޑައެޅުއްވި ނިޔާގައި އާހިރުގައި ކިހިނެތްތޯ ހުރިހާ ކަމެއް ވެގެންދަނީ. އަސްލު މައްސަލައަަށް އަންނަން ނުކުރިގެން މިއުޅެނީ ކިހިނެތްވެގެންތޯ. އަސްލު މައްސަލައަށް އަންނަންވީނުންތޯ. ސުޕްރިމްކޯޓުގެ ފަނޑިޔާރުން އޭރު ފަތިސް ނަމާދު ކުރަން ތިއްބައިތޯ އެމީހުން ގެންދިޔައީ. އެމައްސަލަ ބަލައިލަންވީނުންތޯ. އެމައްސަލަ ތަހުގީގު ކުރަންވީނުންތޯ.ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޔާމީންގެ ވެރިކަމުގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ޖަލަށްލައި، ރައްޔިތުން ގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއްގެ ގޮނޑި ގެއްލުވާލުމުގެ މައްސަލާގައި ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެގެން ދިޔައެވެ. އެދުވަސްވަރު ބަންދުގައި ތިބި ސިޔާސީ ގިނަ ބޭފުޅުންތަކެއް ދޫކޮށްލުމަށާއި، މަޖިލީހުގެ މެންބަރުންގެ ގޮނޑިތަކެއް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ކޯޓު އަމުރެއް ނެރުނެވެ. ނަމަވެސް ސުޕްރީމް ކޯޓުން ކުއްލި ގޮތަކަށް ނެރުނު އެ އަމުރު ތަންފީޒު ކުރުން އޭރުގެ ސަރުކާރުން ފަސްކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިއެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓު ތެރެއަށް ފުލުހުންނާއި ސިފައިން ވަދެ، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ގަދަކަމުން ހައްޔަރުކޮށްގެން ގެންގޮސް، ދޫނިދޫގައި ބަންދުކުރިއެވެ. އަދި ފަނޑިޔާރުން ހައްޔަރުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ޓިނުނަގައިގެން ކޯޓު ތެރެއަށް ވަދެގެން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރިއެވެ. އަދި ޓިނު ނަގައިގެން ސިފައިން ވަނީ ކަމަށް ބުނެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާއްމުވެފައިވެއެވެ.