ކ. މާލެ
|
8 މެއި 2024 | ބުދަ 12:20
ބޮރޫޝިއާ ޑޯޓްމަންޑުގެ ކޯޗު އެޑިން ޓާޒިކް
ބޮރޫޝިއާ ޑޯޓްމަންޑުގެ ކޯޗު އެޑިން ޓާޒިކް
ބޮރޫޝިއާ ޑޯޓްމަންޑު
މިއީ ފަޚުރުވެރި ވަގުތެއް، އެހެން ނަމަވެސް މަސައްކަތް އަދި ނުނިމޭ: ޓާޒިކް
 
ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނުއިރު، ރަށުން ބޭރުގައި ވެސް ޑޯޓްމަންޑުން ދެއްކީ ރަނގަޅު ކުޅުމެއް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ބޮރޫޝިއާ ޑޯޓްމަންޑު ދިޔުމަކީ ފަޚުރުވެރި ކަމެއް ކަމަށާއި، އެހެން ނަމަވެސް ކުރަމުން އައި މަސައްކަތް އަދި ނުނިމޭ ކަމަށް އެ ޓީމުގެ ކޯޗު އެޑިން ޓާޒިކް ބުނެފި އެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބަލިކޮށް، ޑޯޓްމަންޑުން ވަނީ 11 އަހަރު ފަހުން މުބާރާތުގެ ފައިނަލްގެ ޖާގައެއް ހޯދައިފަ އެވެ. ފައިނަލްގައި ޑޯޓްމަންޑު ކުޅެން ޖެހޭނީ ވާދަވެރި ބަޔާން މިއުނިކް ނުވަތަ ސްޕެއިންގެ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.

ޕީއެސްޖީ މެޗަށްފަހު ނޫސްވެރިން ވާހަކަ ދައްކަމުން ޓާޒިކް ބުނީ، އެންމެ ލަފުޒެއް ބުނާނަމަ، އޭނާ އަށް ބުނެވޭނީ މިއީ ފަޚުރެއް ކަމަށެވެ. ޚާއްސަކޮށް އޭނާ އަށް މިއީ ވަރަށް ފަޚުރުވެރި ވަގުތެއްކަން ފާހަގަކޮށް ޓާޒިކް ބުނީ، އޭނާގެ ކޯޗިން އޮފިޝަލުން އަދި ކުލަބާމެދު ވެސް ވަރަށް ފަޚުރުވެރިވާ ކަމަށެވެ. އެހެން ނަމަވެސް، ޑޯޓްމަންޑުން ދެކެމުން އައި ހުވަފެނާއި، ކުރަމުން އައި މަސައްކަތް އަދި ނުނިމޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ޓާޒިކް ބުނީ ޑޯޓްމަންޑުން ވަނީ ސެމީ ފައިނަލްގައި ވަރަށް ބޮޑެތި ތަކުލީފުތައް އުފުލާފައި ކަމަށެވެ. ޚާއްސަކޮށް ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނުއިރު، ރަށުން ބޭރުގައި ވެސް ޑޯޓްމަންޑުން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް ޕީއެސްޖީ އަކީ ވަރަށް އަވަސް ކުޅުމެއް ކުޅޭ، ކޮންމެ ވަގުތެއްގައި ވެސް ލަނޑު ޖަހާ ފެންވަރުގެ ޓީމެއް ކަމަށް އޭނާ ފާހަގަ ކުރި އެވެ. އެ ފެންވަރުގެ ޓީމަކާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލްގެ ދެ މެޗުން ވެސް މޮޅުވެ ފައިނަލަށް ދެވުމަކީ، ޤަބޫލު ކުރަން ވެސް ދަތި އަދި ފާހަގަކޮށްލެވޭ ކަމެއް ކަމުގައި ޓާޒިކް ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ ދެ ވަނަ ލެގާ ކުރިމަތިލީއިރު، އިދިކޮޅަށް އޮތީ ވަރަށް ގިނަ ސިފަތަކެއްގެ މައްޗަށް އެކުލެވިގެން އޮތް ޓީމެއް ކަމަށެވެ. އެ ޓީމާ ދެކޮޅަށް ޑޯޓްމަންޑުގެ ކުޅުންތެރިން ދެއްކި ކުޅުމާއި، މަސައްކަތް ފާހަގަ ކުރާ ކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް ޓީމެއްގެ ގޮތުގައި ކުރި މަަސައްކަތަކީ އަބަދުމެ ބަލައި ގަންނާނެ ކަމެއް ކަމުގައި ވެސް އޭނާ ބުންޏެވެ.

އެންމެ ފަހުން ޑޯޓްމަންޑުން ޗެމްޕިއަންްސް ލީގުގެ ފައިނަލެއްގައި ކުޅުނީ 2013 ވަނަ އަހަރު އެވެ. އެ ފަހަރުގެ ފައިނަލްގައި ވާދަވެރި ބަޔާނާ ވާދަކޮށް ޑޯޓްމަންޑު ބަލިވީ، 2-1 އިންނެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލް އޮތީ އަންނަ ޖޫން މަހުގެ އެއް ވަނަ ދުވަހުގެ ރޭ، އިނގިރޭސި ރަސްމީ ސްޓޭޑިއަމް، ވެމްބްލީގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް