ކ. މާލެ
|
7 މެއި 2024 | އަންގާރަ 22:49
ރަފަޙްގައި ރައްކާތެރިކަން ހޯދަމުންދިޔަ ޣައްޒާގެ ރައްޔިތުން ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރަނީ -- ފޮޓޯ: ޑީޑަބްލިއު
ރަފަޙްގައި ރައްކާތެރިކަން ހޯދަމުންދިޔަ ޣައްޒާގެ ރައްޔިތުން ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރަނީ -- ފޮޓޯ: ޑީޑަބްލިއު
އިޒްރޭލުން ރަފަޙްއަށް އަރައިގަތުން
އިޒްރޭލުން ރަފަޙްއަށް ހަމަލާދިނުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން އަނެއްކާވެސް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް
 
އިޒްރޭލްގެ ހަމަލާތަކުގެ ސަބަބުން ރަފަޙްގައިތިބި ދެ މިލިޔަނެއްހާ މީހުން ތިބީ ދާނެދިމާއެއް ނޭންގި ގޮތް ހުސްވެފައި

މިސްރާއި ގަތަރުން ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ހަމާސް އިން ބަލައިގެންފައިވާ ކަން އިއުލާނުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، އިޒްރޭލުގެ އަސްކަރިއްޔާއިން ހޯމަ ދުވަހުގެ ހެނދުނު އެންގީ ރަފަޙުން ވަގުތުން މީހުން ހުސްކުރުމަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ރަފަޙްގެ އިރުމަތީ ސަރަހައްދުގައި ވަރުގަދަ ގޮވުންތަކެއް ގޮއްވާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހޯމަ ދުވަހުގެ ރޭ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން އިޒްރޭލުގެ ޑިމާންޑްތަކަށް ވުރެ ކުޑަކަމަށާއި ރަފަޙްގައި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަނގުރާމައިގެ ކެބިނެޓުން އެއްބަސްވެފައިވާ ކަމަށެވެ.

އެމެރިކާ އާއި އީޔޫ އަދި އެހެނިހެން ގައުމުތަކުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހަމާސް ޖަމާއަތުން ވަނީ، އިޒްރޭލުން މަޝްވަރާކުރި ހުށަހެޅުންތަކަށް އެއްބަސްވެފައެވެ. ނަމަވެސް އިޒްރޭލުގެ އޮފިޝަލުން ވަނީ އެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އިތުރު ވަފުދެއް ފޮނުވާނެ ކަމަށް ބުނެފައެވެ.

އަންގާރަ ދުވަހުގެ ހެނދުނު އިޒްރޭލުގެ އަސްކަރިއްޔާގެ އޮފިޝަލަކު ބުނީ އިޒްރޭލު ސިފައިން ރަފަޙްގެ އިރުމަތީގެ ބައެއް ސަރަހައްދުތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެއްގެ ގޮތުގައި ސިފަކޮށް، ރަފަޙް ކްރޮސިންގެ ފަލަސްތީނުގެ ފަރާތުން ކޮންޓްރޯލް ކުރަމުން އަންނަ ކަމަށެވެ.

ފަލަސްޠީނަށް އެ ސަރަޙައްދު ދޫކޮށް ދިއުމަށް އޮތް ހަމައެކަނި ގޮތަކީ މިސްރަށް ވަންނަ ދޮރާށި ކަމަށްވާއިރު، މިއީ ޣައްޒާއަށް ވަނުމަށް އެހީތެރިކަން ފޯރުކޮށްދޭ މައި އެއް ކްރޮސިންއެވެ. އަދި އާދީއްތަ ދުވަހު ހަމާސް ޖަމާއަތުން ދިން މޯޓާ ހަމަލާއެއްގައި އިޒްރޭލު ސިފައިންގެ ހަތަރު މީހަކު މަރުވި ކެރެމް ޝަލޯމް ކްރޮސިން ވެސް ވަނީ ބަންދުކޮށްފައެވެ.

ހަލުވިކަމާއެކު ހިނގަމުން ދިޔަ މި ކަންކަމުގެ ސަބަބުން ރަފަޙްގެ އެތައް ބަޔަކުގެ މެދުގައި ވަނީ އޮޅުންބޮޅުންވެ ބިރުވެރިކަން އުފެދިފައެވެ.

ދާނޭ ތަނެއް ނެތި މާޔޫސްވެފައިވާ ޣައްޒާގެ ރައްޔިތުން

ރަފަޙްއިން ނުކުމެ ޚާން ޔޫނިސްއަށް ދަތުރުކުރަމުން ދިޔަ ގައްދާ ރަފީގު، 30، އުއްމީދުކުރީ އިޒްރޭލުގެ ގްރައުންޑް އޮޕަރޭޝަނެއް ރަފަޙްގައި ކުރިއަށް ނުގެންގޮސް އެކަން ހުއްޓުވޭނެ ކަމަށެވެ.

އެއްވެސް ޚިދުމަތެއް ނުލިބޭ، އެންމެ ކުޑަމިނުން ފެންފޮދެއްވެސް ނުލިބޭ ޓެންޓަކަށް އެނބުރި ދިއުމުގެ ވިސްނުމަކީ ބިރުވެރި ކަމެއް، ކޮންތާކަށް ދާނީ؟ އަހަރުމެން ކިހިނެތް ހަދާނީ؟ އަހަރެމެން ވަރަށް ބޮޑަށް އެދެނީ ހަނގުރާމަ ހުއްޓާލުމަށާއި، ހަމަނުޖެހުން ތައް ނިމުމަކަށް ގެނައުމަށް، އަވަހަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އެދި الله ގެ ޙަޟްރަތުގައި ދުޢާކޮށް ލަޝްކަރު ރަފަޙްއަށް ނުވަންނާނެކަމަށް އެދި ދުޢާކުރަން
ފޯނުން ޑީޑަބްލިއުއަށް ރަފީގު ދިން އިންޓަވިއުއެއްގައި ކިޔައިދިން

ރަފަޙްގެ އިރުމަތީ އަވަށްތަކުގައި ހިޔާވަހިކަން ހޯދަމުން ދިޔަ އެތައް ހާސް ބަޔަކަށް އެ ދުވަސް ފެށުނީ ހިތާމަވެރި ޚަބަރަކުންނެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ފަތިހު ލީފްލެޓްތައް އަޅާލައި އިރުމަތީ ރަފަޙްގެ ރައްޔިތުންނަށް ރެކޯޑް ކުރެވިފައިވާ ފޯނު މެސެޖްތައް ފޮނުވައި، އެ ސަރަހައްދު ދޫކޮށް ޣައްޒާގެ ހުޅަނގު އައްސޭރީގައި އޮންނަ އަލްމަވާސީ ކައިރިއަށް ބަދަލުވުމަށް ވަނީ އަންގާފައެވެ.

ހޯމަ ދުވަހުގެ ހެނދުނު އިޒްރޭލުގެ އަސްކަރިއްޔާގެ އޮފިޝަލަކު ބޭރުގެ ނޫސްވެރިންނަށް މައުލޫމާތު ދެމުންބުނީ، މީހުން ހުސްކުރުމަކީ ލިމިޓެޑް ކަމެއް ކަމަށާއި، ވަކި އަވަށްތަކެއްގައި ތިބި ލައްކައެއްހާ މީހުން އައްސޭރި ފަށުގައި އޮންނަ "ހިއުމެނިޓޭރިއަން ޒޯނަކަށް" ބަދަލުވުމަށް އަސްކަރިއްޔާއިން އަންގާފައިވާ ކަމަށެވެ.

ޣައްޒާގެ އެތައް ހާސް ބަޔަކު އަނެއްކާވެސް ޚާންޔޫނިސްއަށް މިސްރާބު ޖެހުން

އިޒްރޭލުން ގްރައުންޑް ހަމަލާއެއް ހަމަކޮންމެ ވަގުތެއްގައިވެސް ދީފާނެ ކަމުގެ ބިރު، ރަފަޙްއި އެ ސަރަހައްދުގެ ރައްޔިތުންނަށް އޮތެވެ. އެންމެފަހުން އެކަން ހަޤީޤަތަކަށްވެ، ރަފަޙްގައި ރައްކާތެރިކަން ހޯދަމުންދިޔަ އެތައް ހާސް ބަޔަކު މިއަދު މިވަނީ ގެންގުޅޭ އެތިކޮޅު ހިފައިގެން ރަފަޙުން ނުކުންނަން ޖެހިފައެވެ. އެއްބަޔަކު ދުއްވާ އުޅަނދުތަކުގައި ދިޔައިރު އަނެއް ބައި މީހުން ހިނގާފައި ދިޔައީ މި ފިނި އަދި ވިއްސާރަ ދުވަހު އެމީހުން ގެންގުޅޭ ސާމާނުތައް އަތުން ހިފައިގެންނެވެ. އެމީހުން އަނެއްކާވެސް އެދަނީ އެތައް މަހެއްވަންދެން ބޮން ގޮއްވުމާއި ރޮކެޓް ހަމަލާތަކުގެ ސަބަބުން މުޅިން ސުންނާފަތި ވެފައިވާ ޚާން ޔޫނިސްއަށެވެ.

ފުރާނަ ސަލާމަތް ކުރުމުގެ ބޭނުމުގައި ރަފަޙްއިން ނިކުމެގެންދާ އެތައްހާސް ރައްޔިތުންގެ ތެރޭގައި ރަފީގު ވެސް ހިމެނެއެވެ. ހޯމަ ދުވަހުގެ ހެނދުނު ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. އެއީ އިޒްރޭލުގެ އަސްކަރިއްޔާއިން އިރުމަތީ ރަފަޙް ހުސްކުރަން އެންގި، ރެކޯޑް ކޮށްފައިވާ މެސެޖެކެވެ.

އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ ރަފަޙްގެ އިރުމަތީގައި އޮންނަ އަލްޖަނީނާ އަވަށުގައި، މީހުން ހުސްކުރަން ކަނޑައަޅާފައިވާ އެއް ސަރަޙައްދުގައި
ރަފީޤު ޑީޑަބްލިއުއަށް ކިޔައިދިން

މިއަދު ހެނދުނުން ފެށިގެން ރަފަޙްގެ އިރުމަތީ ސަރަޙައްދުތަކުގައި ބަރުހަތިޔާރާއެކު ގޮވުމުގެ އަޑު އިވެނީ، ބައެއް އަމާޒުތަކަށް ވައިގެ ހަމަލާތައް ދެމުން ދާ ކަމަށް، އޭނާގެ އެއްބަނޑު އެއްބަފާ ހަތަރު ބެއިންނާއި އެކުދިންގެ މައިންބަފައިންނާ އެކު ގެދޮރު ގެއްލިފައިވާ ރަފީގު ބުންޏެވެ.

ރަފަޙް އަށް އިޒްރޭލުން ހަމަލާ ދިނުން

ނަތަންޔާހޫ ތަކުރާރުކޮށް ބުނަމުން ގެންދިޔައީ ހަނގުރާމަ ހުއްޓާލުމާއި، ރަހީނުން މިނިވަން ކުރުމުގެ އެއްބަސްވުމެއް އޮތަސްނެތަސް ނުވަތަ އެފަދަ އެއްބެސްވުމެއްގައި ކޮންމެ ގޮތަކަށް އެއްބަސްވާން ޖެހުނަސް ރަފާއަށް ފުލް ސްކޭލް ގްރައުންޑް ހަމަލާއެއް ދޭނެ ކަމަށެވެ.

ހުޅަނގުގެ ގައުމުތަކާއި ސަރަހައްދީ ގައުމުތަކުގެ ތެރޭގައި އިޒްރޭލުގެ އެންމެ ގާތް އެކުވެރިޔާ އެމެރިކާ ވެސް ހިމެނޭ އިރު، މިފަދަ އޮޕަރޭޝަނެއް ހިންގުމުގެ ސަބަބުން އާންމުންގެ ގިނަ ބަޔަކު މަރުވެދާނެ ކަމަށް ބުނެ އިންޒާރު ދީފައިވެއެވެ. ހަމާސް ވަނީ މަދަނީ އާބާދީގެ ތެރޭގައި ފޮރުވިފައިވާ ކަމަށް އިޒްރޭލުން ތުހުމަތުކޮށް، ހަނގުރާމަ ކާމިޔާބު ކުރުމަށް ހަމާސްގެ ހަތަރު ބެޓަލިއަން ނައްތާލުމަށް ރަފާއަށް ވަންނަން ޖެހޭ ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.

މިސްރުގެ ބޯޑަރުގައި އޮންނަ ޣައްޒާގެ އެންމެ ދެކުނުގައި އޮންނަ ސިޓީގައި މިލިއަނަކަށްވުރެ ގިނަ މީހުން ހިމާޔަތް ހޯދާފައިވާއިރު، އެމީހުން މިހާރު ތިބީ އެތަނުން ނުކުމެގެން ދާންވީ ތަނެއް ނޭނގިފައެވެ. ނުނިކުމެވޭ މީހުންނަށް ވާނެ ގޮތެއް ވެސް ނޭނގެއެވެ. އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުން ނުވަތަ އެތަނުން ދާން ބޭނުން ނުވާ މީހުން، އެތާންގައި ތިބިގޮތަށް ތިބީއެވެ. އެމީހުންގެ ހާލަކީ ކޮބައިކަމައް ނޭންގެއެވެ.

އުމުރުން 54 އަހަރުގެ ފަޑެލް ކަންދީލް އަކީ ރަފާއަށް ނިސްބަތްވާ މީހެއް ކަމަށްވާއިރު، އޭނާގެ އާއިލާ ދިރިއުޅެމުން ދަނީ މީހުން ހުސްކުރާ ސަރަހައްދެއްގެ ކައިރީގައި ކަމަށް ވިޔަސް އޭނާ ގޭގައި މަޑުކުރަން ނިންމިއެވެ.

ހުރިހާ މާނައިގައި ވެސް މިއަދަކީ ބިރުވެރި ދުވަހެއް، ރަފަޙްގައި އަސްކަރީ އޮޕަރޭޝަނެއް ހިންގާނެ ކަމުގެ އިންޒާރު ކުރިން ދިން ނަމަވެސް މިއަދު ހެނދުނުން ފެށިގެން މާހައުލު ވަނީ ތަފާތުވެފައި
ފޯނުން ޑީޑަބްލިއުއަށް ދިން އިންޓަވިއުއެއްގައި ކަންދީލް ކިޔައިދިން

ހަތް ކުދިންގެ ބައްޕަ ބުނީ އޭނާގެ ބޮޑު އާއިލާއާއެކު ދާންވީ ތަނެއް ނޭނގޭ ކަމަށެވެ. އޭނާ އުއްމީދު ކުރަނީ ވަރަށް އަވަހަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިޒްރޭލުން ގާޒާ ހިފުމަށް ފަހު ކަންކުރާނެ ގޮތުގެ ޕްލޭނަކާ މެދު ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓް ގައި ނުތަނަވަސްކަން އިތުރު ވަނީ
އިޒްރޭލުން ހަމަލާދީ ގާޒާ އިން ވޭތުވެ ދިޔަ 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 83 މީހުން މަރާލައިފި
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރަކަށް މޯދީ ކުރައްވާ އުއްމީދު ހަގީގަތަކަށް ވެދާނެބާ؟
އިޒްރޭލްގެ އުދުވާން ކިތަންމެ ދިގުލައި ދިޔަޔަސް ހަމަލާތަކަށް ކުރިމަތި ލުމުގައި ދެމި ތިބޭނަން: ހަމާސް
އިޒްރޭލް ސަސްޕެންޑުކުރުމާ ގުޅޭގޮތުން ފީފާ އިން ޤާނޫނީ ލަފާ ހޯދަނީ
ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި