ކ. މާލެ
|
27 ޖޫން 2025 | ހުކުރު 16:23
އީރާނުގެ މެދުތެރޭ ތެހެރާނުގައި ހުކުރު ނަމާދަށް ފަހު، އީރާނާ ދެކޮޅަށް އިސްރާއީލުން ދިން ހަމަލާތަކާ ދެކޮޅަށް އީރާނު ރައްޔިތުން ކުރި މުޒާހަރާ އެއްގައި އީރާނުގެ ސުޕްރީމް ލީޑަރު އަޔަތުالله އަލީ ޚާމަނާއީގެ ފޮޓޯ އާއި އީރާނުގެ ދިދަ ހިފައިގެން - ޖޫން 20، 2025
އީރާނުގެ މެދުތެރޭ ތެހެރާނުގައި ހުކުރު ނަމާދަށް ފަހު، އީރާނާ ދެކޮޅަށް އިސްރާއީލުން ދިން ހަމަލާތަކާ ދެކޮޅަށް އީރާނު ރައްޔިތުން ކުރި މުޒާހަރާ އެއްގައި އީރާނުގެ ސުޕްރީމް ލީޑަރު އަޔަތުالله އަލީ ޚާމަނާއީގެ ފޮޓޯ އާއި އީރާނުގެ ދިދަ ހިފައިގެން - ޖޫން 20، 2025
ގެޓީއިމޭޖަސް
އިސްރާއީލް-އީރާން ހަނގުރާމަ
އީރާނާ ހަނގުރާމަ ކޮށްގެން އިސްރާއީލަށް ވީ ކޮންކަމެއް؟
އީރާނުގެ ވެރިކަން ބަދަލެއް ނުކުރެވުނެވެ. އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ނައްތައެއް ނުލެވުނެވެ. އިސްރާއީލުން ބޭނުންވި އެއްވެސް ނަތީޖާ އެއް ހާސިލެއް ނުކުރެވުނެވެ.

ބާރަ ދުވަހުގެ މުއްދަތައް މެދު ނުކެނޑި ބޮން އަޅައިގެން އިސްރާއީލަށް އީރާނުން ހާސިލު ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟

ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ވެފައިވާކަން އިޢުލާނު ކުރައްވަމުން، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އިސްރާއީލުގެ މަޤްޞަދުތައް ހާސިލުވެއްޖެ ކަމަށެވެ.

އެހެން ވިދާޅުވިޔަސް ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ. ހަމަލާ ތަކުން އެ މަގްސަދުތައް ހާސިލުވި ތަނެއް ނުފެނުނެވެ.

މި ހަނގުރާމަ ފެށުމުގައި އިސްރާއީލުގެ ބޮޑު ވަޒީރު އިޢުލާނު ކުރެއްވީ ދެ މަޤްޞަދެކެވެ: "ނިއުކްލިއަރ ޕްރޮގްރާމް ނައްތާލުމާއި" އަދި "ވެރިކަން ބަދަލުކުރުމެވެ"

ނިއުކްލިއަރ ޕްރޮގްރާމް ނައްތާ ލެވުނު ތޯއެވެ؟ ޖަވާބަކީ ނޫނެކެވެ. އެމެރިކާ އިން ހަމަލާ ދިން ފޯރްދޯ ފެސިލިޓީން ފައްކާ ކޮށްފައިި ހުރި ޔޫރޭނިއަމް ހަމަލާ ދިނުމުގެ ކުރިން އީރާނުން އެހެން ތަނަކަށް ގެންދިޔަ ކަމަށް ފެނެއެވެ. މި ސްޓޮކްޕައިލް އަކީ ނިއުކްލިއަރ ޕްރޮގްރާމްގެ އެންމެ މުހިންމު ބައި ކަމުން، ނިއުކްލިއަރ ޕްރޮގްރާމް "ނައްތާލުން" ނާކާމިޔާބުވި ކަމަށް ފެނެއެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް އިސްރާއީލުން އެއްވެސް ގެއްލުމެއް ދެވުނު ނަމަ، އެ ގެއްލުމަކީ ކޮބައިތޯއެވެ؟ އެކަން ވެސް ސާފެއް ނޫނެވެ. އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ބަންކަރ-ބަސްޓިންގ ބޮން އަޅާ ހަމަލާ ދިނުމަށް އެމެރިކާގެ ބޮލަށް ވައްދައި ދިނުމުގައި އިސްރާއީލަށް ކާމިޔާބުވިއެވެ. ނަމަވެސް އެތައް މިލިއަން ޑޮލަރުގެ އަގުބޮޑު އެ އަސްކަރީ އޮޕަރޭޝަނުން އީރާނުގެ ނިއުކްލިއަރ ފެސިލިޓީ ތަކަށް ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމަށް ޔަގީން ކަމާއެކު އަދިވެސް އެމެރިކާ އަކަށް ވެސް އިސްރާއީލަކަށް ވެސް ނުބުނެވެއެވެ. ނުވެސް ބުނެވޭނެއެވެ. އެއީ އީރާނުން ބޭރުގެ ފަރާތްތަކަށް އެތަނަށް ވަދެވޭގޮތް ހަދައިދޭނެ ކަމަށް ނުބެލެވޭތީ އެވެ.

އިސްރާއީލަށް އީރާނުގެ "ވެރިކަން ބަދަލުކުރުވުނު" ތޯއެވެ؟ ކުރު ޖަވާބަކީ ބޮޑު ތަނުން ނޫނެކެވެ. އެކަމެއް ނުވިއެވެ.

އީރާނުގެ ސަލަމާތީ އެކި ލޭޔަރުތަކުގައި ތިބި ލީޑަރުން މަރާލައިގެން ވެރިކަމާ ދެކޮޅަށް ރައްޔިތުން ނެރެވޭތޯ އިސްރާއީލާއި އެމެރިކާ އިން ވަރަށް މަސައްކަތް ކުރިއެވެ. އިސްރާއީލުން މި ސްޓްރެޓެޖީ ބިނާ ކޮށްފައި އޮންނަ ވިސްނުމުގައި މި އޮންނަނީ ވާދަވެރި ފަރާތް ބަލި ކުރުމަށް އެންމެ ރަނގަޅު ގޮތަކީ އިސް ލީޑަރުން އަވަހާރަ ކޮށްލުމެވެ. އެކަމަކު ހަގީގަތަކީ މިއީ އެއްވެސް އިރެއްގައި ކާމިޔާބު ވެފައިވާ ވިސްނުމެއް ނޫން ކަމެވެ. އިސްރާއީލުން ގެންގުޅޭ މި ސިޔާސަތުގެ ދަށުން އިސްވެރިން އަވަހާރަ ކޮށްލައިގެން އެއްވެސް ތަނެއްގައި މުހިންމު ސިޔާސީ ބަދަލެއް ގެނެވިފައެއް ނުވެއެވެ.

އީރާނުގައި ކަން ހިނގި ގޮތައް ބަލާއިރު އަސްކަރީ ވެރިން ކުއްލިއަަކަށް އަވަހާރަ ކޮށްލުމާއެކު، ސަރުކާރު ދެެކެ ރައްޔިތުން ރުޅި އައުމުގެ ބަދަލުގައި ރުޅި އައީ އިސްރާއީލު ދެކެއެވެ. އަވަހާރަ ކޮށްލުންތަކާއެކު ރައްޔިތުން ސަރުކާރުގެ ފަހަތުގައި އެއްބައިވެ ތިބުމަށް މަގުފަހިވިއެވެ. އިސްރާއީލުން ނައްތާލީ އީރާނުގެ މިހާރުގެ ސިޔާސީ މަޝްރަޙުގައި އެންމެ ބާރުގަދަ އެއް ބައި ކަމަށްވާ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ އިސް ކޮމާންޑަރުންނެވެ. އެއް ގޮތަކުން ބުނާ ނަމަ އައިއަރުޖީސީ އަކީ އީރާނުގެ ރައްޔިތުން އެންމެ ނަފްރަތުކުރާ އެއް ފަރާތް ވެސް މެއެވެ. އެހެން ނަމަވެސް، އީރާނުގެ ސަރުކާރުގެ ހަރުކަށި ސިޔާސަތުތަކަކާއި އަދި ވަކިން ޚާއްސަ ކޮށް ސަރުކާރު ދިފާއު ކުރުމުގައި އެންމެ ބޮޑަށް މަދަދުވެރިވާ އައިއާރުޖީސީ އާ ދެކޮޅު ފަރާތްތަކުން ވެސް އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ތަން ފެނުނެވެ. އީރާނުގެ ރައްޔިތުންނަށް ފެނުނީ އީރާނުގެ ސަރަކާރަށް އެކަނި ހަމަލާދޭ ތަނުގެ ބަދަލުގައި މުޅި އީރާނަށް ހަމަލާ ދިން ތަނެވެ.

"ވެރިކަމުގެ ނިޝާންތަކަށް" ކަމަށް ބުނެ ބައެއް ތަންތަނަށް ބޮން އެޅުމުން ކަން ވީ އިތުރަށް ގޯހެވެ. އިސްލާމިކް ރިޕަބްލިކުން ސިޔާސީ ގައިދީންނަށް އަނިޔާކުރާ ކަމަށް މަޝްހޫރު އެވިން ޖަލަށް ދިން ހަމަލާ، އީރާނުގެ ރައްޔިތުންގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރާ ހަނގުރާމަ އަށް އެހީތެރިވުމުގެ ގޮތުން ދިން ހަމަލާއެއްގެ ގޮތުގައި ދައްކަން އިސްރާއީލުން މަސައްކަތް ކުރިއެވެ. ނަމަވެސް އިސްރާއީލުގެ ބޮންތަކުން ގައިދީންގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔައެވެ. ހަމަލާގެ ސަބަބުން އެއް ބަޔަކު މަރުވިި އިރު، ހަމަލާ އިން ސަލާމަތް ވީ މީހުން ސަރުކާރުން ގެންދިޔަ ތަނެއް ވެސް ނޭނގެއެވެ.

އީރާނުގެ ސަރުކާރުގެ ބްރޯޑްކާސްޓަރ އައިއާރްއައިބީ އަށް އިސްރާއީލުން ބޮން އެޅުމަކީ ވެސް ކުރި މޮޔަ ކަމެކެވެ. އިސްރާއީލުން ބުނީ އެއީ ވެރިކަމުގެ ޕްރޮޕެގަންޑާ ފެތުރުމުގެ މަސައްކަތް ހުއްޓުވުމަށް ދިން ހަމަލާ އެއް ކަމަށެވެ. ގިނަ އިސްރާއީލުގެ ރައްޔިތުން ފާހަގަކުރި ގޮތުގައި މި ހަމަލާގެ ސަބަބުން އިސްރާއީލުގެ ބްރޯޑްކާސްޓަރުންނަށް ބިރު ދައްކަން އީރާނަށް މިކަމުން ލިބުނީ ވަރަށް ރަނގަޅު ހުއްޖެތެކެވެ.

އިސްރާއީލަށް ހަނގުރާމައިގެ މަޤްޞަދުތައް ހާސިލު ނުވި އިރު، އެންމެ ކުޑަވެގެން ދުނިޔެ އެމީހުންގެ ފަހަތުގައި އެއްބައިވަންތަ ކުރެވުނު ތޯއެވެ؟ ޣައްޒާ މަތިން ހަނދާން ނައްތާލައި އިސްރާއީލަކީ ހެޔޮ ކަމަށް ޓަކައި ހަނގުރާމަކުރާ ބައެއްގެ ގޮތުގައި އަލުން ދައްކުވައި ދެވުނުތޯއެވެ؟ އެކަމެއް ވެސް ނުވިއެވެ. ތެދެކެވެ، އިސްރާއީލުން ބޮލަށް އެރިގެން އެމެރިކާ އިން އީރާނަށް ބޮން އެޅިއެވެ. ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާދިނެވެ. އެކަން ކުރުމުން އާޚިރުގައި ބައިނަލްއަޤްވާމީ އެތައް ޤާނޫނާ އެމެރިކާ ޚިލާފުވިއެވެ. މިކަމުގެ ސަބަބުން ދުރު މުސްތަޤުބަލުގައި ނޭދެވޭ ނަތީޖާ ތަކެއް އެމެރިކާ އާ ދެކޮޅަށް ނުކުމެދާނެ ކަމީ އެކަށީގެންވާ ކަމެކެވެ. އަނެއް ކޮޅުން އެ ބުނާ ތަންތަނަށް ބޮން އެޅުމަށްފަހު ބޯޓުތައް އަވަސް އަވަހަށް އެމެރިކާ އަށް އެނބުރ ދިޔައީއެވެ. އިސްރާއީލުން އުއްމީދު ކުރި ގޮތައް އެމެރިކާ އިން އިސްރާއީލާ އެކު ހަނގުރާމަ ކުރާކަށް މަޑެއް ނުކުރިއެވެ.

ހަމަލާ ދިނުމުގެ ކުރިންނާއި، ފަހުން، ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ދިޔައީ އެމެރިކާ އާއި އީރާނާ ދެމެދު އެއްބަސްވުމަކަށް އައުމަށް އޭނާ ބޭނުންވާ ކަމަށެވެ. އެއީ އިސްރާއީލު ވެސް ހިމެނޭ އެއްބަސްވުމަކަށް ވެދާނެއެވެ. އެމެރިކާގެ ރައީސް އިސްރާއީލަށް އެހީތެރިވެ ދިނީ އޭނާގެ އަމިއްލަ މަޞްލަޙަތު ހިމާޔަތް ކުރުމަށާއި ގަލްފު ގައި ތިބި އޭނާގެ އެކުވެރިންގެ މަޞްލަޙަތުތަކަށް ޓަކައި ކަމަށް ފެނެއެވެ. އެކަން ގިނަ ބަޔަކަށް ސިފަވީ ނަމަކަށް ކުރި ކަމެއްގެ ގޮތުގައެވެ.

ގިނަ ދުނިޔޭގެ ލީޑަރުން، ޚާއްޞަކޮށް ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިޗް މެރްޒް، އެމެރިކާ އިން އީރާނަށް ދިން ހަމަލާތަކައް ތާއީދުކޮށް "އިސްރާއީލުގެ އަމިއްލަ ދިފާޢުގެ ޙައްޤު" ގެ ވާހަކަ ދެއްކުމަށް އަވަސް ވީ ނަމަވެސް، އެއްވެސް މީހަކު އިސްރާއީލުން ފަތުރުަމުން ދިޔަ ހަރުކަށި ޝަރުތުތައް ޤަބޫލެއް ނުކުރިއެވެ. އޭގެ ތެރޭގައި އީރާނަށް އެއްގޮތަކަށް ވެސް ޔުރޭނިއަމް މުއްސަނދި ކުރުމުގެ ފުރުޞަތު ނުދިނުން ހިމެނެއެވެ.

އެމެރިކާ އަށާއި އިސްރާއީލަށް ހިފެހެއްޓުމެއް ނެތި ތާއީދު ކުރާ ގައުމު ތަކަށް ވެސް އިސްރާއީލުން އެ ބުނާ އީރާނަށް ޔޫރޭނިއަމް މުއްސަނދި ކުރުން މަނާ ކުރާ ވާހަކަ އަށް ތާއީދު ކޮށް އެއްޗެއް ނުބުންޏެވެ. އޭގެ ބަދަލުގައި އެންމެން ވެސް ދީލާލާ ތަން ފެނުނީ އީރާނަށް ނިއުކްލިއަރ ހަތިޔާރު ނުއުފެެއްދޭނެ ފޯމިއުލާއަށެވެ. އީރާނުން އަބަދުވެސް ބުނަމުން އައީ އެ ގައުމުން ނިއުކްލިއަރ ހަތިޔާރު ނުއުފައްދާނެ ކަމަށާއި ނިއުކްލިއަރ ޕްރޮގްރާމް ބޭނުން ކުރާނީ ސުލްހަވެރި ބޭނުން ތަކަށް ކަމަށެވެ.

އިސްރާއީލުގެ އެންމެ މުހިންމު ސަރަހައްދުތަކަށް ލިބުނު ބޮޑެތި ގެއްލުން ތަކަށް ވެސް ވިސްނާލަން ޖެހެއެވެ. އިސްރާއީލަށް ވަރަށް އަވަހަށް އީރާނުގެ މައްޗަށް ވައިގެ ބާރު ހޯދައި، ބޭނުން ގޮތަކަށް ވައިގެ މަގުން ހަމަލާ ދެވުނެވެ. ނަމަވެސް، އީރާނުގެ މިސައިލް ތަކަށް ތަކުރާރުކޮށް އިސްރާއީލުގެ މަޝްހޫރު، މޮޅު ވައިގެ ދިފާއު ފަޅާލައި، އިސްރާއީލުގެ މައި ސަރަޙައްދަށާއި މުޅި ޤައުމަށް ހަމަލާދެވި، ޤައުމު ހުއްޓުމަކަށް ގެނެސް، މީގެ ކުރިން ދުވަހަކު ވެސް ނުދެކޭވަރުގެ އަދަދަކަށް މީހުން މަރުވެ ބޮޑެތި ގެއްލުންތައް ލިބުނެވެ. އިސްރާއީލުގެ އިންޓަރސެޕްޓަރ މިސައިލްތައް ހުސްވަމުން ދިޔައިރު އަވަހަށް އިތުރު މިސައިލް ލިބޭނެ ކަމުގެ އުންމީދެއް ނެތެވެ. އިސްރާއީލުގެ އިޤްތިޞާދު ހަލުއި ކަމާއެކު ހުއްޓުމަކަށް އަންނަމުން ދިޔައެވެ. މިއީ ވެސް އީރާނަށް ލިބުނު އިތުރު ކާމިޔާބީ އެކެވެ.

އީރާނަށް ހަމަލާ ދިނީ ނޭނގި ތިއްބާ ކުއްލި އަކަށެވެ. އެތައް ތަނަކަށް ބޮން އަޅާ އެތައް ބަޔަކު މަރާލީ ސުލްހައިގެ ވާހަކަތަކަށް އީރާނުން އަމާޒު ހިފާފައި ވަނިކޮށް ނެވެ. ކުއްލިއަކަށް އެތައް ގިނަ ބޮން އަޅައި އެތައް އިސް އަސްކަރީ ވެރިން މާރާލުމަކުން އީރާނު ފަހަތަކަށް ނުޖެހުނެވެ. އޭގެ ބަދަލުގައި އެމެރިކާގެ ފުރިހަމަ މަދަދުވެރިކަމާއެކު ސަހައްދުައި އޮތް އިސްރާއީލުގެ ވަރުގަދަ އަސްކަރީ ބާރާ އީރާނުން ޖެހިލުމެއް ނެތި ކުރިމަތީލިތަން ފެނުނެވެ.

އީރާނުގެ ބައެއް މިސައިލްތައް އިސްރާއީލުގެ އާންމު ތަންތަނަށް ވެސް އެރިއެވެ. އާންމުން މަރުވެސް ވިއެވެ. އެހެން ނަމަވެސް އެކަމުން އީރާނުގެ ނަން ކިލަނބުކޮށްލެވޭ ގޮތެއް އިސްރާާއީލަކަށް ނުހެދުނެވެ. އެއީ ދުނިޔޭގެ ގިނަ ބަޔަކަށް އީރާނު ފެނުނީ އިސްރާއީލުގެ ހަމަލާގެ ޝިކާރައަކަށް ވެފައިވާ ޤައުމެއްގެ ގޮތުގައެވެ. އީރާނުން ގެންދިޔައީ އެމީހުން ހަމަލާ ތަކަކަކީ ރައްދު ހަމަލާ ތަކެއްގެ ގޮތުގައެވެ. އަމިއްލަ ދިފާއުގައި ދޭން ޖެހޭ ހަމަލަތައް ގިނަ ގައުމުތަކުން ދުށީ އިހުސާންތެރިކަމުގެ ނަޒަރަކުންނެވެ. އަނެއްކޮޅުން އީރާނުން ދިޔައީ ހަމަލާ ދޭނެ ކަމުގެ އިންޒާރު ކުރިއާލާ ދެމުންނެވެ. އެހެން ކަމުން ދުނިޔެއަށް ފެނުނީ އީރާނުން އަމިއްލަ ދިފާއުގައި ވެސް ޒިންމާދާރު ކަމާ އެކު ކަންކަން ކުރަމުން ދިޔަ ތަނެވެ.

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު އިސްރާއީލުން އެއްބަސްވުމާ ޚިލާފު ވެފައިވާ ކަމަށް ފެނުމުން އިސްރާއީލުން ހަމަލާ ނުދިނުމަށް އިންޒާރު ދިނުމަށް ޓްރަމްޕް އަށް ދެންނެވޭހާ ބާރުގަދަ ޤައުމެއްގެ ގޮތުގައި އީރާނު ފާހަގަ ކުރެވުނެވެ.

ކޮންމެ އަކަސް 12 ދުވަހުގެ ހަނގުރާމަ ނިންމާލުމަށް އެއްބަސްވި އިރު އިސްރާއީލުން ބޭނުންވި އެއްވެސް ލަނޑުދަނޑިއެއް ހާސިލެއް ނުވިއެވެ. އީރާނު ދެމި އޮތީ އީރާނުގެ ގޮތުގައެވެ. ހިތްވަރުގަދަ، ކެރޭ ގާބިލް ޤައުމެއްގެ ގޮތުގައެވެ.

- ކޮމެންޓް