ކ. މާލެ
|
30 ޖޫން 2025 | ހޯމަ 22:43
ކާބޯތަކެތީގެ އެހީގެ މަރުކަޒެއް ކައިރީގައި އިސްރާއީލުން ބަޑި ޖެހުމުގެ ސަބަބުން ޒަހަމްވި ފަލަސްތީނުގެ ރައްޔިތުންނަށް ޣައްޒާގެ ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުގައި ފަރުވާ ދެނީ - ޖޫން 17، 2025
ކާބޯތަކެތީގެ އެހީގެ މަރުކަޒެއް ކައިރީގައި އިސްރާއީލުން ބަޑި ޖެހުމުގެ ސަބަބުން ޒަހަމްވި ފަލަސްތީނުގެ ރައްޔިތުންނަށް ޣައްޒާގެ ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުގައި ފަރުވާ ދެނީ - ޖޫން 17، 2025
އޭއެފްޕީ
ޣައްޒާ ހަނގުރާމަ
ޣައްޒާ ގައި އެންމެންގެ ލޯމަތީގައި ތަމްސީލު ވަމުން ދަނީ 'ހަންގަރ ގޭމްސް' ގެ މަންޒަރުތަކެވެ
ޣައްޒާގައި އެހީ ބެހުމުގެ ނަމުގައި ހިންގާ ސަރަޙައްދުތައް ވަނީ ނުރައްކާތެރި މަރުގެ މައިދާން ތަކަކަށް ބަދަދަލު ވެފައެވެ. އެހެން ނަމަވެސް، ދުނިޔެ މިކަމަށް އަދިވެސް ދެނީ ބީރު ކަންފަތެކެވެ

2000 ގެ އަހަރުތަކުގެ ފަހުކޮޅު ނެރުނު "ދި ހަނގަރ ގޭމްސް" މަގުބޫލު ވެގެން ދިޔަ އިރު، އެ ފޮތުގައި ވާ ޚިޔާލީ ވާހަކަތައް ހަމަ ލޮލަށް ފެނިދާނެ ކަމަށް ހީކުރި މީހަކު ހުރެދާނެހެން ހިޔެއް ނުވެއެވެ. މި ވާހަކަތަކުގައި ސިފަ ކޮށްދީފައިވާ ނުރައްކާތެރި މަންޒަރުތައް އެމީހުން ދިރިއުޅޭ ދުނިޔޭގައި ހަގީގަތުގައި ހިނގައިފާނެ ކަމަކަށް ގަބޫލު ކުރެވޭނެ ހެން ވެސް ހިޔެއް ނުވެއެވެ. އެކަމަކު މިހާރު އެކަން އެގޮތަށް އެދަނީ ހިނގަމުންނެވެ - ޣައްޒާ ގައި ކޮންމެ ދުވަހަކު ފެންނަމުން ދަނީ "ހަންގަރ ގޭމްސް" ގެ މަންޒަރުތަކެވެ.

މާރޗް މަސް ފެށުނު ހިސާބުން އިސްރާއީލުން ވަނީ ޣައްޒާގެ ރައްޔިތުން ބަންދުކޮށްފައެވެ. މުޅި ސްޓްރިޕް ގައި ބަނޑުހައިހޫނުކަން ވަނީ ފެތުރިފައެވެ. ގިނަ ޢާއިލާތަކުން ދުވާލަކު އެއްޗެއް ކަނީ އެންމެ ފަހަރެކެވެ. ބައެއް މީހުން ދުވަސްތަކެއް ވަންދެން އެއްވެސް އެއްޗެއް ނުކައި ތިބެން ވެސް ޖެހެއެވެ.

މޭ މަހުގެ ފަހުކޮޅު، އެމެރިކާ އާއި އިސްރާއީލުގެ އެހީތެރިކަމާ އެކު ހިންގާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީ.އެޗް.އެފް) އިން ވަނީ ސްޓްރިޕް އަށް ކުޑަ އެހީތެރިކަމެއް ފޯރުކޮށްދޭން ފަށާފައެވެ. އެއާއެކު، ފަލަސްޠީނުގެ ރައްޔިތުން ވަނީ ކާނާ ހޯދުމަށްޓަކައި މަރުގެ ނުރައްކަލާ ކުރިމަތިލާން މަޖުބޫރުވެފައެވެ.

ބަނޑުހައިވެފައިވާ ޣައްޒާ ގެ ރައްޔިތުން އެހީ ހޯދަން ދިއުމުން އެމީހުންނަށް ކުރިމަތި ވަނީ ހީވެސް ނުކުރާ ފަދަ ނުރައްކަލާ ބިރުވެރިކަމެވެ.

އިސްރާއީލުން "ނެޓްޒަރިމް ކޮރިޑޯ" އޭ ކިޔާ ސަރަޙައްދުގައި އެހީ ބަހާ ވާހަކަ ފަލަސްތީނު ރައްޔިތުންނަށް ފުރަތަމަ އަޑުއިވުނު އިރު، އެމީހުން ހީކުރީ އެތަނުގައި ވަރަށް ފުރިހަމަ އިންތިޒާމެއްގެ ދަށުން ޓެންޓުތައް ޖަހާ، ޤަވާޢިދުން އޮންނަ ކިޔުތަކާއި، އަމާންކަން އޮންނާނެ ކަމަށެވެ. އެކަމަކު އެތަނަށް އެހީ އަށް އެދި ދިޔަ މީހުންނަށް ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ކުރިމަތިލާން ޖެހުނީ ބިރުވެރި ކަމާ އެވެ.

އެހީ ބެހުން ހިނގަނީ ސަލާޙުއްދީން މަގާ ކައިރީގައި، ޣައްޒާގެ އިރުމަތީ ގައި އޮންނަ ވަށާފާރު ލާފައިވާ ސަރަޙައްދެއްގައެވެ. މިތަނުގެ ނުރައްކާ ބޮޑު ކަމުން، ރަށުގެ މީހުން އެތަނަށް ކިޔަނީ "މަރުގެ ކޮރިޑޯ" އެވެ. އެތަން ބަލަހައްޓަނީ ބޭރުގެ އަސްކަރީ ކޮންޓްރެކްޓަރުންނެވެ. ކައިރީގައި އިސްރާއީލުގެ ޓޭންކުތަކާއި ސިފައިން ހަތިޔާރާ އެކު ތިބެއެވެ.

އެހީ ފޯރުކޮށްދިނުމުގެ ސާފު ތާވަލެއް ނޯވެއެވެ. ބައެއް ފަހަރު، ޖީ.އެޗް.އެފް އިން ގޭޓުތައް ހުޅުވަނީ ފަތިހު 4 ޖަހާއިރުއެވެ. އަދި ބައެއް ފަހަރު އޭގެ ފަސް ގަޑިއެއްގައެވެ. ފަލަސްޠީނުގެ މީހުން އިރު އޮއްސުނީއް ސުރެ ހުޅުވާނެ ގަޑިއެއްގެ އިންތިޒާރުގައި އެތާ މަޑުކޮށްގެން ތިބެއެވެ.

އެހެން ތިއްބާ ގޭޓުތައް ހުޅުވުމުން، އެންމެން އެއްފަހަރާ އެތެރެއަށް ވަންނަން ދިމާކުރެއެވެ. އެއްވެސް ކިޔުއެއް، މުވައްޒަފުންނެއް، ނުވަތަ ނިޝާން ތަކެއް ނުހުރެއެވެ. އެތަނުގައި އޮންނަނީ ގަދަ ހަޅޭކުގެ އަޑާއި، ހިރަފުހާއި، ހަލަބޮލިކަމެވެ.

މީހުން އެހީ ހޯދުމަށް ހޭބޯ ނާރާ އުޅޭ އިރު މަސް އައިނެއްގެ މަތިން ދޫނީ ހޯރަ އަޅާ ހެން ޑްރޯންތައް ބުރުޖަހަމުން ދެއެވެ. ދެން، ލައުޑްސްޕީކަރަކުން ގޮވާ އަޑު އިވޭނެއެވެ: "ހަތަރު މިނެޓް! ގެންދެވޭހާ އެއްޗެއް ގެންދާށެވެ!"

ކާބޯތަކެތި އަޅާފައި ހުންނަ ކަރުދާސް ފޮށިތައް ވެލިގަނޑު މަތީގައި ބަހައްޓާފައި ހުރެއެވެ. އެކަމަކު އަންނަ މީހުންގެ އަދަދާ އަޅާ ބަލާއިރު އެއީ އެކަށީގެންވާ ވަރެއް ނޫނެވެ. ފޮށިތައް ހުންނާނީ މާ މަދުންނެވެ. މީހުން ފޮށިތަކާ ދިމާއަށް ދުއްވައިގަނެއެވެ. އެކަކު އަނެކަކު ކޮއްޕާ، އެކަކު އަނެކަކުގެ ގައި މައްޗަށް އަރައެވެ. އެކަކު އަނެކަކަށް ބެލުމެއް ނޯވެއެވެ. ވަޅިތައް ނަގައެވެ. އެހިސާބުން ތަޅާފޮޅުން ފެށެއެވެ. ކުޑަކުދިން ހަޅޭއް ލަވައެވެ. މީހުން ބިންމައްޗަށް ވެއްޓެއެވެ. އަންހެނުން ވެލިގަނޑުގެ ތެރެއަށް ގަނބައިގަނެއެވެ. ނަސީބު ރަނގަޅު މީހުން، ފޮށްޓެއް ނަގައި، އޭގައި ބައްދައިގެން ތިބެވެއެވެ. ދެން އިވޭނީ މީހުންގަނޑުގެ ތެރެއަށް ބަޑިޖަހާ އަޑެވެ. ބިންގަނޑު ބަދަލުވަނީ މަރުގެ މައިދާނަކަށެވެ. ހިރަފުސް ކުލަ ބަދަލުވަނީ ލޭގެ ކުލަ އަށެވެ.

މީހުން ފުރާނަ ސަލާމަތް ކުރަން ކޮޅުކޮޅު މައްޗަށް ދުއްވައިގަނެއެވެ. ގިނަ މީހުންގެ ގަޔަށް ވަޒަން އަރައެވެ. ބައެއް މީހުން ޒަޚަމްވެގެން ވެއްޓިފައި ތިބިއެވެ. އެމީހުންގެ ހަށިގަނޑުން ހިފެހެއްޓުމެއް ނެތި ލޭ ފައިބަމުން ދެއެވެ. އަނެއްބައި މީހުން ރައްޓެހިން ނުވަތަ ޢާއިލާގެ މީހުން ނުނީ ނުދަންނަ މީހުން ވެސް އުފުލައިގެން ގެންދެއެވެ.

މޭ މަހުގެ ފަހުކޮޅުން ފެށިގެން، އެހީ ހޯދަން އެއްވެފައި ތިބި މީހުންނާ ދިމާލަށް އެއެއް މިއެއް ނުބަލާ އިސްރާއީލު އަސްކަރިއްޔާއިން ބަޑިޖެހުމުގެ ސަބަބުން 500 އަށްވުރެ ގިނަ ފަލަސްޠީނުގެ މީހުން މަރުވެފައިވެއެވެ. 4،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

ގޭގައި ކާނެ އެއްވެސް އެއްޗެއް ނެތުމުން، އެހެން އެއްވެސް ގޮތެއް ނެތިގެން އެތަނަށް އެހީ ހޯދަން ދިޔަ އެތައް ބަޔަކު އެނބުރި ގެއަކަށް ނާދެއެވެ.

އެހީ ހޯދަން ބައްޕަ އާ އެކު އެތަނަށް ދިޔަ ފަލަސްތީނު ކުއްޖަކު ކިޔައިދިން ގޮތުގައި، ބައްޕަ އެހީ ބަހާތަނަށް ފޮނުވުމަށް ފަހު އެމީހުން ތިބީ ބައްޕަގެ އިންތިޒާރުގައި ދުރުގައި މަޑުކޮށްގެންނެވެ. އެތައް ގަޑިތަކެއް ވޭތުވެގެން ދިޔައެވެ. އެއްވެސް ޚަބަރެއް ނެތެވެ. އެއްވެސް ފޯނު ކޯލެއް ނާދެއެވެ. އިންޓަރނެޓް ވަނީ ކަނޑާލާފައެވެ. ދެން ކުއްލިއަކަށް، ދުރުން ބަޑިޖަހާ އަޑު އިވުނެވެ. އެމީހުންނަށް ކޮންމެވެސް ކަމެއް ގޯސް ވެއްޖެ ކަން ވަގުތުން އެނގުނެވެ، އެކަމަކު އެހީ ހޯދަން ދިޔަ ބައްޕަ އާ ގުޅޭނެ އެއްވެސް ގޮތެއް ނެތެވެ.

ފަހުން، ޕެރަމެޑިކުންނަށް ބައްޕަގެ ހަށިގަނޑު ފެނުނެވެ. ދަރިންނަށް ކާއެއްޗެއް ހޯދަން އުޅުނު ބައްޕަ އިސްރާއީލުގެ ބަޑީގެ ވަޒަން އަރާ ނިޔާވީއެވެ.

މިފަދަ އެތައް ވޭންދެނިވި ހިތާމަވެރި ބިރުވެރި ހާދިސާ ތައް އެތަނުގައި ހިނގުމަކީ މިހާރު އާންމު ކަމެކެވެ. އެކަމަކު މިކަން މިހެން ހިނގާކަން އިވޭނެ ކަންފަތެއް ނެތެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން އެހީއާ ގުޅިގެން ހިނގަމުންދާ މަރުގެ ހާދިސާތަކަށް ކިޔަނީ "އެހީގެ ގަތުލުއާންމު" އެވެ. ޤާނޫނީ މާހިރުން މިއަށް ކިޔަނީ ހަނގުރާމައިގެ ކުށްތަކެވެ. ކޮންމެ ނަމެއް ކިޔަސް އެތަނުގައި ތަމްސީލު ވަމުން ދަނީ "ހަނގަރ ގޭމްސް" ގައި ކިޔައިދޭ ވާހަކަތަކެވެ.

ބަނޑުހައިހޫނުކަމުން އިންސާނާގެ ބުއްދި އާއި ނަފްސު ބަދަލު ކޮށްލައެވެ. އެއީ ހަމައެކަނި ހަށިގަނޑު ބަލިކަށި ވުމެއް ނޫނެވެ - އެއީ ރޫޙާނީ ގޮތުން ވެސް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. ބަނޑުހައި ހޫނުކަން ހައްދުފަހަނަ އަޅާ ދިޔުމުން މީހުންގެ މެދުގައި އޮންނަ އިތުބާރާއި އެކުވެރިކަން ނެތިދެއެވެ. ގާތްކަމާއި ތިމާގެކަން ނެތި ދެއެވެ.

ޣައްޒާ ހިސޯރު ކޮށްގެން ތިބި އަނިޔާވެރިންނަށް މިކަން ހިނގަނީ މިހެން ކަން އެނގެއެވެ. އެއާ އެކު ބަނޑުހައިހޫނުކަން އެމީހުން ގެންދަނީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ބޭނުން ކުރާ ހަތިޔާރަކަށް ހަދައިގެންނެވެ.

އދ. ގެ ފަލަސްޠީނު ރެފިއުޖީންގެ އޭޖެންސީ، އަންރުވާ، އަށް ގަދަކަމުން ހަމަލާދީ، ދޮގު ތުހުމަތުތައް ކޮށް އެ ޖަމާއަތް ޣައްޒާ ގައި މަނާކުރީ ހަމަ ކުއްލިއަކަށް ނޫނެވެ. އެއީ މާ ކުރިން ރޭވިގެން މި ދުވަސް މި ގޮތައް ގެންނަން ހިންގި ޖަރީމާ އެކެވެ.

އަންރުވާގެ އެހީ ބެހުމުގެ ނިޒާމަކީ ރޭވުންތެރި ކަމާއި އިންސާފުވެރިކަމުގެ ނަމޫނާއެކެވެ. އެ އޭޖެންސީގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ޢާއިލާ އަކަށް އައިޑެންޓިފިކޭޝަން ކާޑެއް ދީފައި އޮވެއެވެ. އެ ކާޑު މެދުވެރިކޮށް، ފަރުވާތެރިކަމާއި ހާމަކަން ބޮޑު ގޮތެއްގައި ބަހާ އެހީ ލިބެއެވެ. އެންމެ ނިކަމެތި މީހުންނަށް - ހުވަފަތް އަންހެނުންނާއި، ޔަތީމުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް - އިސްކަންދީގެން، އެންމެ ބޮޑަށް އެހީ ބޭނުންވާ މީހުންނަށް އެންމެ ފުރަތަމަ އެހީ ލިބޭކަން ޔަޤީން ކުރެވެއެވެ.

އަންރުވާ އިން އެހީގެ އިންތިޒާމުތައް ކުރި އިރު އެހީ ހޯދަން އަންނަ މީހުންނަށް ނުރައްކަލާ ކުރިމަތިލާން ޖެހި މަރާ ހަނގުރާމަ ކުރާކަށް ނުޖެހެއެވެ.

އިސްރާއީލުގެ އަނިޔާވެރި ސަރުކާރަކަށް މިގޮތައް ކަމަކު ނުދިޔައެވެ. އެއްވެސް ކަމެއް އިންތިޒާމެއްގެ ދަށުން އަމާން ކަމާއެކު ކުރާކަށް ބޭނުމެއް ނޫނެވެ.

އެ އުސޫލު ބަދަލުކޮށް އިސްރާއީލާއި އެމެރިކާގެ އެހީތެރިކަމާ އެކު ހިންގާ އެހީގެ ނިޒާމު ފަރުމާކޮށްފައި ވަނީ "ހަނގަރ ގޭމްސް" ގައި ކިޔައިދީފައިވާ ގޮތަށެވެ.

މިއީ ރޭވިގެން ހިންގާ ކަމެކެވެ. މީގެ މަޤްޞަދަކީ ހަލަބޮލިކަމާއި ހަމަނުޖެހުން އުފެއްދުމެވެ. އޭރުން ފަލަސްޠީނުގެ މީހުން އެކަކު އަނެކަކާ ތަޅާފޮޅައި، ފަލަސްޠީނުގެ އިޖްތިމާއީ ފޭރާން ހަލާކުވެ، މުޖްތަމައު ބައިބައިވެ ރޫޅިގެން ދާނެ އެވެ.

އެންމެންގެ ލޯތަކުގެ ކުރިމަތީގައި ބަނޑުހައިވެފައިވާ މައުސޫމު އިންސާނުންތަކެއްގެ ގަޔަށް ބަޑިޖަހާ މަރަމުން ދާއިރު އެކަމާ ކަންބޮޑުވާ ބަޔަކު ނެތެވެ. އިސްރާއީލުގެ މި ޖަރީމާ ހުއްޓުވާނެ ބަޔަކު ނެތެވެ. ސުވާލަކީ، އިންސާނިއްޔަތުގެ ކަންފުޅެއް ހުރި ނަަމަވެސް ކޮންމެ ކޮންމެ ދުވަހަކު މިކަން ތަކުރާރުވާން ދޫކޮށްލައިގެން ހަމަ މިހެން ތިބޭނެ ބާވައެވެ؟

- ކޮމެންޓް