މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަދުވަހު ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލަށް ދިން ރޮކެޓް ހަމަލާގައި އިޒްރޭލްގެ ގާތްގަޑަކަށް 1200 އެއްހާ މީހުން މަރުވި މައްސަލައިގައި ބަދަލު ހިފުމަށް ކަމަށްބުނެ، އިޒްރޭލްގެ ނިރުބަވެރިން ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް 7 މަސްވާން ކައިރިވެފައިވާއިރު، މިހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ ގޮތުން ބޮޑެތި ފިއްތުންތަކެއް ދަނީ އިޒްރޭލަށާއި، ހަމާސްއަށް ކުރިމަތި ކުރުވަމުންނެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ބުނަމުންދަނީ ހަނގުރާމަ ހުއްޓާލާނީ ހަމާސްއާއި، އެޖަމާޢަތާ ގުޅުންހުރި ހުރިހާ ހަނގުރާމަވެރިން ފަލަސްތީނުން ހުސްކޮށްލުމަށްފަހުގައި ކަމަށެވެ. ނަތަންޔާހޫގެ މި މަޤްޞަދު ހާޞިލްކުރުމަށް އޭނާ ގެންދަނީ ތަފާތު އުކުޅުތައް ބޭނުންކޮށް ހަނގުރާމަ ހުއްޓައިނުލައި ކުރިއަށް ގެންދެވޭނެ ހުރިހާ ހުއްޖަތެއް ދައްކަމުންނެވެ. އެގޮތުން އިޒްރޭލްގެ އަހަރީ ހޮލޯކޮސްޓް މެމޯރިއަލް ދުވަހުގެ މުނާސަބަތުގައި އޭނާ ދިން ތަޤްރީރުގައި ވެސް ބުނެފައިވަނީ، އިޒްރޭލަށް އެކަނި ތެދުވަން މަޖުބޫރުވެއްޖެނަމަ، އިޒްރޭލު އެކަނިވެސް ތެދުވާނެ ކަމަށެވެ.
ހޮލޮކޯސްޓް ހަފްލާތަކަކީ، ޔަހޫދީންނާ ދެކޮޅަށް ނާޒީން ހިންގި ޖަރީމާގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ޔަހޫދިން ބާއްވަމުންދާ ޙަރަކާތްތަކެކެވެ.
އާންމުގޮތެއްގައި ސިޔާސީ ކަންކަމުން އެއްފަރާތްވެފައިވާ އެ ހަފްލާގައި ނަތަންޔަހޫ ދިން މި މެސެޖަކީ ހަމާސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް އިޒްރޭލުން ދިން އަސްކަރީ ހަމަލާތަކުގެ ސަބަބުން ޣައްޒާއަށާއި، މުޅި ފަލަސްތީނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެކަމަށް ފާޑުކިޔާ ދުނިޔޭގެ ލީޑަރުންގެ އަޑުގަދަވެ، ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށް ދެ ފަރާތަށް ގޮވާލާ މެސެޖުތަކަށް ދިން ރައްދެކެވެ.
ނަތަންޔާހޫ ބުނެފައިވަނީ ގާތްގަނޑަކަށް ހަތް މަސް ދުވަހުގެ މުއްދަތަށް ދިގުދެމިގެން ގޮސްފައިވާ މި ހަނގުރާމަ ހުއްޓާލައި ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި މީހުން އަނބުރާ ގައުމަށް ގެނައުމުގެ އެއްބަސްވުމަކަށް އޭނާ ހުޅުވާލައިފައިވާ ކަމަށެވެ. އަދި ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހުގައި އެއް މިލިއަނަށްވުރެ ގިނަ އާންމުން ރައްކާތެރިކަން ހޯދުމަށް ތިބުމުގެ ސަބަބުން ބައިނަލްއަގްވާމީ ގޮތުން ބޮޑެތި ދެކޮޅުވެރިކަން އުފެދިފައިވީ ނަމަވެސް، އެ ސިޓީއަށް އަރައިގަތުމުގައި ދެމިހުންނާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ދުނިޔޭގެ ވެރިންނަށް އަޅުގަނޑު ދަންނަވަން، އެއްވެސް ޕްރެޝަރަކުން އަދި ބައިނަލްއަގްވާމީ އެއްވެސް ފޯރަމަކުން ނިންމާ ނިންމުމަކުން އިޒްރޭލުގެ ދިފާއުގައި މަސައްކަތް ކުރުން ހުއްޓައެއް ނުލާނެއިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
ހޮލޮކޯސްޓްގައި ނާޒީ ޖަރުމަނާއި އެ ޖަމާއަތުގެ ބައިވެރިން މަރާލި ހަ މިލިއަން ޔަހޫދީންގެ ހަނދާނީ ބިނާއެއްގެ ގޮތުގައި އިޒްރޭލުން ފާހަގަކުރާ ދުވަހަކީ އެ ގައުމުގެ ކަލަންޑަރުގައި ވާ އެންމެ މަތިވެރި އެއް ތާރީހެވެ. މި ހަފްލާގައި ތަގުރީރުކުރުމަކީ އާންމުގޮތެއްގައި ސިޔާސީ ކަންކަމުން ދުރުހެލިވާ ކަމެއް ނަމަވެސް ފާއިތުވި އަހަރުތަކުގައި އިޒްރޭލުގެ އެންމެ އިސް ވެރިޔާ ނަތަންޔާހޫ ވަނީ އީރާނަށް ވެސް ބަހުގެ ހަމަލާތަކެއް ދީފައެވެ.
ކޮންމެ އަހަރަކު ވެސް އިޒްރޭލާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާކުރާ ހޮލޮކޯސްޓް ދުވަސް އެކިގައުމުގައި އެކި ތާރީޚްތަކުގައި ފާހަގަކުރާއިރު، އިޒްރޭލުން ޢާއްމުގޮތެއްގައި އެ ދުވަސް ފާހަގަކުރަނީ އޭޕްރީލް 27 ވަނަ ދުވަހުއެވެ. ނަމަވެސް އިޒްރޭލްގައި މިއަހަރު އެ ދުވަސް ފާހަގަކޮށްފައިވަނީ މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން މޭ 5 ވީ އާދީއްތަ ދުވަހުއެވެ.
އިޒްރޭލުން ޣައްޒާއަށް ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާދީފައިވާއިރު ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 34،500 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ. އަދި ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 80 އިންސައްތަ މީހުން ވަނީ ގެދޮރު ގެއްލިފައެވެ. މި ގަތުލުއާންމުގެ ސަބަބުން ދެކުނު އެފްރިކާއިން ވަނީ އިޒްރޭލާ ދެކޮޅަށް އދ.ގެ ދުނިޔޭގެ ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. ނަމަވެސް އިޒްރޭލުން ވަނީ އެ ތުހުމަތުތައް ހަރުކަށި އިބާރާތުން ދޮގުކޮށްފަ އެވެ.
މިދިޔަ އާދީއްތަ ދުވަހު ނަތަންޔާހޫ ވަނީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ޖަރީމާއެއް ހިންގަމުންދާ ކަމަށް ތުހުމަތުކުރާ ފަރާތްތަކަށް ރައްދު ދީ، ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިޒްރޭލުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ދުނިޔެއަށް ފޮރުވަން ނަތަންޔަހޫ މަސައްކަތްކުރި ނަމަވެސް، އިޒްރޭލާ ދެކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާތައް ދަނީ އިތުރުވަމުންނެވެ. އެމެރިކާގެ ކޮލެޖް ކެމްޕަސްތަކުގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ ގާތްގަނޑަކަށް 2،500 އެއްހާ ދަރިވަރުން ހައްޔަރުކޮށްފައިވާއިރު، ފްރާންސްގެ އިތުރުން އެހެން ގައުމުތަކުގައި ވެސް ވަނީ މުޒާހަރާތައް ކޮށްފައެވެ.