ވޭތުވެދިޔަ 6 ދުވަހުގެ ތެރޭގައި، އިސްރާއީލުގެ އާންމު ރައްޔިތުންނަށް މީގެ ކުރިން ދުވަހަކު ވެސް ތަޖުރިބާ ކުރަން ނުޖެހޭ ބިރުވެރި ކަމެއް ވަނީ ތަޖުރިބާ ކުރަން ޖެހިފައެވެ: އެއީ އިސްރާއީލުގެ ސިޓީތަކަށާއި އިސްރާއީލުގެ މުހިންމު ތަންތަނަށް ހުއްޓުމެއް ނެތި ބެލިސްޓިކް މިސައިލްގެ ހަމަލާތައް ފޮނުވަމުންދާ ވަރުގަދަ އަސްކަރީ ބާރަކާއެވެ.
އިސްރާއީލުން ސެންސަރު ކުރުން އިންތިހާ އަށް މަތި ކޮށްފައި ވީނަމަވެސް އިސްރާއީލުގެ އިމާރާތްތަކަށް ލިބުނު ގެއްލުމުގެ ކުޑަބޮޑު މިން ވަޒަން ކުރެވޭނެ މަންޒަރުތައް ވަނީ އާންމު ވެފައެވެ. އެއާ އެކު ކިތަންމެ ފޮރުވަން މަސައްކަތް ކުރި ނަމަވެސް މުހިންމު ތަންތަނަށް ހަމަލާ އަރާފައިވާ ކަމާއި ގެއްލުން ލިބިފައިވާކަމުގެ މަޢުލޫމާތު ލީކްވަމުންދާ މިންވަރު ވެސް ދަނީ އިތުރުވަމުން ދެއެވެ. އެންމެ ފަހުން މިފަދަ ހައްސާސް ވާހަކަތައް ޚުދު އޮފިޝަލުންގެ އަނގައިން ވެސް ނުކުންނަން ފަށައިފިއެވެ. އެ ގޮތުން ބުދަ ދުވަހު އިސްރާއީލުގެ ސިފައިންގެ ފަރާތުން އިރާނުގައި އިސްރާއީލުގެ ހަރމީސް ޑްރޯނެއް ވައްޓާލެވުނު ކަން ފުރަތަމަ ފަހަރަށް ވަނީ ހާމަ ވެފައެވެ.
އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީން އާއި ލުބުނާނުގެ އެތައް އިމާރާތްތަކަށް ބޮންއަޅާ، މީހުން ގަދަ ކަމުން އެމީހުންގެ ގެދޮރުން ނެރެ ފޮނުވާލި މަންޒަރުތައް އިސްރާއީލުގެ އާންމުންނަށް ޓީވީ ތަކުން ފެންނަތާ އެތައް ދުދުވަހެއް ވެއްޖެއެވެ. "ބާރުގަދަ" އިސްރާއީލުގެ ހިޔާވަހި ކަމުގައި ތިބި އިސްރާއީލުގެ ރައްޔިތުން އަމިއްލަ އަށް އެފަދަ ކަމެއް ތަޖުރިބާ ކުރަން ޖެހިދާނެ ކަމަށް އެމީހުން ހިތައް ވެސް އަރާފައެއް ނުވެއެވެ. އެކަމަކު މިއަދު ގެ ހަގީގަތަކީ އީރާނުގެ ވަރުގަދަ މިސައިލް ހަމަލާތަކުގެ ކުރިމަތީގައި އަމިއްލަ ގޯތި ގެދޮރުން ނުކުމެގެން ދާން ޖެހުމާއި، ބިންގަރާސް ތަކުގައި ތިބެން ޖެހުމާއި، އަދި ހަމަލާ ތައް އަރައިގެން އިމާރާތްތައް ތަޅާލަން ޖެހުން ފަދަ އެތައް ކަމެއް އެމީހުންނަށް ތަޖުރިބާ ކުރަން ޖެހިއްޖެއެވެ. ބައެއް ހިސާބުތައް ބުނާ ގޮތުގައ 1،300 އަށްވުރެ ގިނަ އިސްރާއީލު ރައްޔިތުން މިހާރު ދިރިއުޅެން ޖެހިފައިވަނީ ހޮޓާތަކުގައެވެ. އެއީ އެމީހުންގެ ގެތަކަށް ލިބުނު ގެއްލުމުގެ ސަބަބުން އެތަންތަނުގައި ދިރިއުޅެން ރައްކައުތެރި ނުވުމާއި އަދި މަރާމާތު ކޮށްގެންވެސް ބޭނުން ނުކުރެވޭ މިންވަރަށް ސުންނާފަތި ވުމުގެ ސަބަބުންނެވެ.
ގެއްލުމުގެ ބަދަލު ހޯދުމަށް ސަރުކާރުގައި އެދެމުންދާ މީހުންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް ދަނީ މައްޗަށެވެ. އަލްޖަޒީރާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި 18،000 އަށްވުރެ ގިނަ ބަދަލު ހޯދުމުގެ ހުށަހެޅުންތައް ވަނީ އިސްރާއީލު ރައްޔިތުންގެ ފަރާތުން ހުށަހެޅިފައެވެ.
މި ހަނގުރާމައިގައި އިސްރާއީލު ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައިވާ ދަތި އުނދަގޫ ތަކަކީ އެމީހުންނަށް އާދަޔާ ޚިލާފު ކަންތައްތަކެކެވެ. އަބަދުވެސް ތިބެން ޖެހެނީ ދެން އަންނާނެ ހަމާލާގެ އިންޒާރެއްގެ އިންތިޒާރުގައެވެ. ދެން ސައިރަންގެ އަޑުފައްގަނޑު އިވޭނީ ކޮން އިރަކުންތޯ ފިކުރު ކުރާށެވެ. ފަސޭހަ އެއް ކަމެއް ވެސް ނެތެވެ. ޔަގީން އެއްކަމެއް ވެސް ނެތެވެ. ދިރިއުޅުމަށް ކުރިމަތިވެފައިވާާ ދަތި ތަކަކީ ޙަޤީޤަތުގައި ވެސް އެމީހުން މިހާތަނަށް ނުދެކޭފަދަ ބޮޑު މުސީބާތެކެވެ.