ކ. މާލެ
|
1 މެއި 2024 | ބުދަ 09:43
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޕީއެސްޖީގެ ހަމައެކަނި ވިސްނުމަކީ މޮޅުވުންް: އެންރީކޭ
 
ޚާއްސަކޮށް، އެއް ޓީމު އަނެއް ޓީމަށް ނުރައްކާ ކުރާނެ ފެންވަރު، ދެ ޓީމުގައި ހުރިކަމަށް ވެސް އޭނާ ބުނި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ޖަަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭއިރު، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ހަމައެކަނި ވިސްނުމަކީ މޮޅުވުން ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެންރީކޭ ބުނީ، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ސެމީ ފައިނަލްގެ ފުރަތަމަ ލެގު ވާނީ، ކުއާޓާ ފައިނަލް މެޗާ އެއްގޮތް ކަހަލަ މެޗަކަށް ކަމަށެވެ. އެއީ ޑޯޓްމަންޑުން ކުޅެމުން އަންނަ ވައްޓަފާޅި އާއި، މީގެ ކުރިން އެ ޓީމުން ނެރެފައިވާ ނަތީޖާގެ ސަބަބުން ކަމަށް ވެސް އެންރީކޭ ބުންޏެވެ.

އެހެން ނަމަވެސް، ޑޯޓްމަންޑުގެ ދަނޑުގައި ކުޅޭ މެޗަށް ޕީއެސްޖީގެ ހަމައެކަނި ވިސްނުމަކީ މެޗުން މޮޅުވުން ކަމަށް އޭނާ ބުންޏެވެ. ދެ ޓީމުގެ ދެމެދުގައި ވެސް ވާދަވެރިކަން އޮންނާނެކަން ފާހަގަކޮށް އެންރީކޭ ބުނީ، އެ މެޗު ވާނީ ދެ ޓީމުގެ ސަޕޯޓަރުންނަށް ވެސް ބަލާލަން ހިތްގައިމު މެޗަކަށް ކަމަށެވެ. އަދި ޚާއްސަކޮށް، އެއް ޓީމު އަނެއް ޓީމަށް ނުރައްކާ ކުރާނެ ފެންވަރު، ދެ ޓީމުގައި ހުރިކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން އެންރީކޭ ބުނީ، މުބާރާތުގެ ގްރޫޕް ސްޓޭޖުގަައި ޑޯޓްމަންޑުގެ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ އަށް މޮޅު ނުވެވުން ކަމަށެވެ. އެހެން ނަމަވެސް، މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ކުޅުނު މެޗާއި، ކުއާޓާ ފައިނަލްގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެފައިވާކަން އޭނާ ފާހަގަ ކުރި އެވެ. ތާރީޚު ތަކުރާރުވުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކޮށް އެންރީކޭ ބުނީ، މަޤްސަދަކީ މެޗުން މޮޅުވެ، ދެ ވަނަ ލެގާ ކުރިމަތިލުން ކަމަށެވެ.

ޗެމްޕިއަންސް ލީގަކީ ޕީއެސްޖީން އެންމެ ބޮޑު އިސްކަމެއް ދެމުން އަންނަ މުބާރާތެވެ. ޗެމްޕިއަންސް ލީގަށް އަމާޒުކޮށްގެން ޕީއެސްޖީން ގިނަ ތައްޔާރީތަކެއް ކޮންމެ ސީޒަނަކަށް ވެސްވެ އެވެ. މިހާތަނަށް ޕީއެސްޖީ އަށް މުބާރާތް ކާމިޔާބު ކުރެވިފައި ނުވާއިރު، އެ ޓީމުން ވަނީ މުބާރާތުގެ ފައިނަލްގައި އެއް އަހަރު ވާދަކޮށްފަ އެވެ. ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުން އެ އަހަރު ޕީއެސްޖީ ވަނީ ބަލިވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް