ފީފާ ކުލަބު ވޯލްޑް ކަޕް ގުރޫޕް ބީގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން، ޔޫރަޕުގެ އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެ އެވެ.
އާދީއްތަ ދުވަހުގެ ރޭ އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީ އިން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީ އިން ދެ ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވެސް ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
މެޗު ފަށައިގެން 19 ވަނަ މިނެޓުގައި ޕީއެސްޖީ އިން ވަނީ އެތުލެޓިކޯ ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ފަބިއާން ރުއީޒް އެވެ. އޭނާ އެ ލަނޑު ޖެހީ ކްވިޗާ ކްވަރެޝްކޭލިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖަަހައި ލީޑު ފުޅާ ކުރީ ވިޓީނިއާ އެވެ. އޭނާ އެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ކްވަރެޝްކޭލިއާ އެވެ.
މެޗުގައި ޕީއެސްޖީ އިން އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ މެޗުގެ ފަހު ވަގުތުގެ ތެރޭގަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ސެނީ މަޔޫލޫ އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި ޕީއެސްޖީގެ ފަހު ލަނޑު ޖެހީ ލީ ކަން އިންނެވެ. އެ ލަނޑު އޭނާ ޖެހީ ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. މެޗުގައި އޭނާ ވެސް ކުޅެން ނިކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
މުބާރާތުގައި ޕީއެސްޖީގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ބޮޓަފޮގޯއާ ދެކޮޅަށެވެ. އަދި އެތުލެޓިކޯގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ސީޓަލް ސައުންޑާސްއާ ދެކޮޅަށެވެ.