މިހާރު ކުރިއަށްދާ ފީފާ ކުލަބު ވާރލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ޖަރުމަނުގެ ބަޔާން މިއުނިކް ބަލިކޮށް، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ޕީއެސްޖީ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ޕީއެސްޖީ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ފަހު ހާފުގަ އެވެ.
ޕީއެސްޖީ އިން މުބާރާތުގެ ކުއާޓަރ ފައިނަލްގެ ޖާގަ ހޯދީ ގަދަ 16 ވަނަ ބުރުގައި އެެމެރިކާގެ އިންޓަރ މިއާމީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ބަޔާން އިން ވަނީ ފްލަމެންގޯގެ މައްޗަށް ކުރި ހޯދައިފަ އެވެ.
މެޗު ފަށައިގެން ކުރީ ކޮޅު ބަޔާންގެ މައިކަލް އޮލައިސޭ ފޮނުވާލި ހަމަލާ ޕީއެސްޖީގެ ގޯލު ކީޕަރު ޖިއާންލުއިޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެވެ. ޕީއެސްޖީގެ ބްރާޑްލޭ ބާކޮލާ ފޮނުވާލި ހަމަލާ، ބަޔާންގެ ގޯލު ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ.
އޭގެ ފަހުން ބަޔާންގެ ކީޕަރު ނޯޔާ އަށް ހެދުނު ގޯހެއްގައި ލިބުނު ބޯޅަ އޮސްމާން ޑެމްބެލޭ ފޮނުވާލި ނަމަވެސް، އެ ބޯޅަ ދިޔައީ ގޯލުގެ އަރި މަތީ ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ 78 ވަނަ މިނެޓުގައި ޕީއެސްޖީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ބަޔާންގެ އޭރިޔާ ތެރެއިން ޔާއޯ ނެވެސް ދިން ފުރުސަތެއްގައި ލިބުނު ބޯޅަ ތިރި ތިރިން ގޯލަށް ވައްދާލީ ޑެޒެއާ ޑޫއޭ އެވެ.
އޭގެ ފަހުން ޕީއެސްޖީގެ ދެ ކުޅުންތެރިޔަކަށް ވަނީ ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އެގޮތުން މެޗުގެ 82 ވަނަ މިނެޓުގައި އެ ޓީމުގެ ވިލިއަމް ޕަޗޯ އަށް ރަތް ކާޑު ދެއްކިއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެ ޓީމުގެ ލޫކަސް ހެނާންޑޭޒް އަށް ވެސް ވަނީ ސީދާ ރަތް ކާޑު ދައްކައިފަ އެވެ.
ދެ ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ޕީއެސްޖީ އިން ވަނީ ބަޔާން ކޮޅަށް ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. ޕީއެސްޖީގެ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ޙަކީމީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ އޮސްމާން ޑެމްބެލޭ އެވެ.
ޕީއެސްޖީ އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދިއިރު، އެ ޓީމަކީ ޔޫރަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.