ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުގެ އަސްކަރިއްޔާއިން ކުރިއަށް ގެންދާ ގަތުލުއާންމަށް ޖެހިޖެހިގެން ހަވަނަ މަހަކަހަށް ދިގު ދެމިގެންދާއިރު، ހަނގުރާމަ ހުއްޓާލުމަށް ޑިޕްލޮމެޓިކް ގޮތުން ކުރިހާ މަސައްކަތެއް ނާކާމިޔާބުވުމާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން މިހާރުތިބީ އިހުނަށްވުރެވެސް ބޮޑު މާޔޫސްކަމެއްގެ ތެރޭގައެވެ.
ކާބޯތަކެއްޗާއި، ބޯފެނަށްޖެހި އިންސާނީ ބޮޑު ކާރިސާއަކަށް ވެއްޓިފައިވާ ޣައްޒާގެ ބޮޑު އާބާދީ އެހީތެރިކަމުގެ އަތެއް ފޯރުކޮށްލަދެނީ ނިސްބަތުން މަދު ބައެކެވެ. މިފަދަ ހާލަތެއްގައި ޣައްޒާގެ ރައްޔިތުން ތިއްބާ އެމީހުންނަށް އިންސާނީ އެހީ ހިފައިގެން އައި، ބައިނަލްއަގުވާމީ ރިލީފް އޯގަނައިޒޭޝަން ވޯލްޑް ސެންޓްރަލް ކިޗަން (ޑަބްލިއުސީކޭ) ގެ ހަތް މެމްބަރަކު ވަނީ ޣައްޒާގެ މެދުތެރޭގެ ދީރް އަލް ބަލާހް ސިޓީގެ އައްސޭރިފަށުގެ މަގެއްގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހަމަލާދީ މަރާލައިފައެވެ.
ޑަބްލިއުސީކޭގެ ބާނީ ހޯސޭ އަންދްރޭސް އާއި ފަލަސްތީނުގެ ހިފާފައިވާ ސަރަހައްދުތަކަށް ކަނޑައަޅާފައިވާ އދ.ގެ ސްޕެޝަލް ރެޕަޓުއާ ފްރާންސެސްކާ ޕީ އަލްބާނީޒް ވެސް ވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ދިން މި ހަމަލާއަކީ ވިސްނައިގެން ދުރާލައި ރާވާއިގެން ދިން ހަމަލާއެއް ކަމަށް ސިފަކޮށްފައެވެ.
އިސްރާއީލްގެ ނިރުބަވެރި ސިފައިން، ބައިނަލްއަގްވާމީ ރިލީފް ޖަމިއްޔާތަކަށް ބިރުދައްކައި، ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް ހުއްޓުވައި، ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ފަލަސްތީނުގެ ގިނަ ރައްޔިތުން ދަނީ ބަނޑުހައިހޫނުކަމުގެ ތެރޭގައި ފުރާނައާއި ހަނގުރާމަ ކުރަމުންނެވެ.
ޓީއެންއޭއާ ވާހަކަ ދެއްކި ފަލަސްތީނު މީހުން ބުނެފައިވަނީ އެމީހުން ގަބޫލުކުރާ ގޮތުގައި އިސްރާއީލުން ބޭނުންވަނީ ބައިނަލްއަގްވާމީ މުޖުތަމައުއަށާއި އެ ގައުމުގެ ރިލީފް މުއައްސަސާތަކަށް ފަލަސްތީނުގެ ރައްޔިތުން ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ މިންވަރަށް ކާބޯތަކެއްޗާ ބޯފެންވެސް ޣައްޒާއަށް އެތެރެ ނުކުރެވޭނެ ކަމުގެ މެސެޖެއް ދިނުމަށެވެ.
މިދިޔަ އަންގާރަ ދުވަހު ފަލަސްތީނުގެ ސަލާމަތީ އަދި މެޑިކަލް މަސްދަރުތަކުން ބުނީ މި ނުރައްކާތެރި ހަމަލާއާ ގުޅިގެން 7 މީހެއްގެ ހަށިގަނޑު ޣައްޒާގެ މެދުތެރޭގެ ދީރް އަލް ބަލާހްގައި ހުންނަ އަލް އަޤްޞާ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ އެ ޓީމުގައި ހިމެނެނީ ފަލަސްތީނުގެ މީހުންނާއި އެހެން ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށެވެ. އެމީހުންނަކީ ސައިޕްރަސްއިން އިންސާނީ އެހީއާއެކު ޣައްޒާއަށް އައި ދެވަނަ އުޅަނދުގައި މަސައްކަތްކުރަމުން ދިޔަ މީހުންނެވެ.
ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރު އިސްމާއިލް ތަވާބްތާ ޓީއެންއޭއަށް ވިދާޅުވި ދުރު ހިސާބުތަކުން އެހީ އާއިގެން ޣައްޒާއަށް އައި މީހުންނަށްވެސް އިސްރާއީލުން އެއްވެސް ސަމާލުކަމެއް ނުދީ ބޭނުންވަނީ ފަލަސްތީނަށް އެހީވާން މަސައްކަތް ކުރާ ކޮންމެ ބަޔަކަށްވެސް އެމީހުންގެ ހަރުކަށިކަމާއި ނުފޫޒު ދެއްކުމަށް ކަމަށެވެ.
"އިސްރާއީލްގެ މަޤްޞަދަކީ ޣައްޒާގައި ތިބި ފަލަސްތީނުގެ ހުރިހައި ރައްޔިތުން އެއްކޮށް ހުސްކުރުމަށްފަހު ޣައްޒާ ހިފުން، ހިތާމައަކީ އެމެރިކާއިން މި އަނިޔާވެރި ޖަރީމާތަކަށް އެހީތެރިވެދިނުން"ތަވާބްތާ ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގައި އެންމެބޮޑު ހިއްސާއެއްވާ ގައުމަކީ އެމެރިކާ ކަމަށެވެ.
ޑަބްލިއުސީކޭއިން ވަނީ އިޒްރޭލުން ދީރް އަލް ބަލާހަށް ދިން ވައިގެ ހަމަލާއެއްގައި އެ ޖަމާއަތުގެ ހަތް މުވައްޒަފަކު ގެއްލުނުކަން ކަށަވަރު ކޮށްދީ އެކަން އިއުލާނުކޮށްފައެވެ.
އެ ޖަމިއްޔާއިން ބުނީ ފުރާނަ ގެއްލުނު އެ ޖަމިއްޔާގެ މަސައްކަތްތެރިންނަކީ އިނގިރޭސި، ޕޮލެންޑް، އޮސްޓްރޭލިއާ ، ފަލަސްތީނުގެ އިތުރުން އެމެރިކާ އާއި ކެނެޑާގެ ރައްޔިތުން ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އިސްރާއީލުގެ އަސްކަރިއްޔާއިން ކުށެއް ނެތް މީހުންނަށް ބޮން އެޅި ކަމަށާއި އެކަމަކު އެ ބޮމުގެ ހަމަލާއަކީ ހިތާމަވެރި ހަމަލާއެއް ނަމަވެސް އެއީ ގަސްތުގައި ދިން ހަމަލާއެއް ނޫން ކަމަށެވެ.
މިފަދަ ހިތާމަވެރި ހާދިސާތައް ހަނގުރާމައިގައި ތެރޭގައި މަދުންނަމަވެސް ހިނގާނެ ކަމަށާއި އެކަން ހިނގިގޮތް ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ. އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ހުރިހާ ކަމެއް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ރައްދުގައި ޑަބްލިއުސީކޭއިން ވަނީ ވަކި ގޮތެއް ނިމެންދެން ޣައްޒާގައި މަސައްކަތް ކުރުން ވަގުތީ ގޮތުން ހުއްޓާލާފައެވެ. އެހީދޭ އެހެން ޖަމިއްޔާއެއް ކަމަށްވާ އަންރުވާ އާއި ޔޫއޭއީ އިން ވެސް ވަނީ ވަށާލާފައިވާ ކޯސްޓަލް އެންކްލޭވްގެ މަސައްކަތް މެދުކަނޑާލައިފައެވެ.
މަވާސީ ޚާން ޔުނިސްގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ނާހިލް އަލް ބަރްބަރީ ބުނީ ޑަބްލިއުސީކޭގެ މަސައްކަތް ހުއްޓާލުމަކީ ވަރަށް ދެރަވާ މައްސަލައެއް ކަމަށާއި، އޭނާގެ ހަތް ދަރިންނަށް ދުވާލެއްގެ މައްޗަށް އެކަށީގެންވާ މިންވަރަށް ކެއުން ނުލިބިދާނެ ކަމުގެ ބިރު އެބައޮތެވެ.
"ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް ކާއެއްޗެހި ކައިގެން އުޅުނީ، ދަރިން އެކަމާ ވަރަށް އުފާވި، އެކަމަކު މިއަދު ހީވަނީ އެ ހިތާމަތަށް އެނބުރި އަންނާނެ ހެން، ދަރިންނަށް ބޭނުންވާ އަސާސީ ތަކެތި ގަނެވޭނެ ވަރަށްވެސް ފައިސާއެއް ނެތް،"ހަތް ކުދިންގެ 46 އަހަރުގެ މަންމަ، ޓީއެންއޭ އަށް ކިޔައިދިނެވެ.
މަދަނީ ޖަމިއްޔާތަކުން ބުނާ ގޮތުގައި ޔޫއެންއާރްޑަބްލިއުއޭ (އަންރުވާ) އަށް ފަހު ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ޑަބްލިއުސީކޭއިން ހިދުމަތް ފޯރުކޮށްދީ، އެ ސަރަހައްދުގެ ހުރިހާ ގަވަރުނަރަކަށް ކައްކާގޭހާއި ކާބޯތަކެއްޗާއި ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރެއެވެ.
ދީރް އަލް ބަލާހްއަށް ނިސްބަތްވާ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ސަލީމް އަބޫ ސަލީމް ގަބޫލުކުރާ ގޮތުގައި ރިލީފް ކްރޫންނަށް ހަމަލާތައް އަމާޒުކުރުމަކީ ސިޔާސީ ސިފަތަކެއް ހުރި ކަމެއް ކަމަށާއި އިސްރާއީލުން ބޭނުންވަނީ އެއްވެސް މީހަކަށް އެއްވެސް ކަމެއް ކުރަން މަޖުބޫރު ނުކުރެވޭނެ ކަމުގެ ސާފު މެސެޖެއް މުޅި ދުނިޔެއަށް ފޯރުކޮށްދިނުމަށެވެ.
އަބޫ ސަލީމް ޓީއެންއޭއަށް ވިދާޅުވީ ޣައްޒާގެ ހާލަތު ވަރަށް ނުރައްކާތެރި ކަމަށާއި، އިސްރާއީލުން ބާރު އަޅަނީ ޣައްޒާގެ ރައްޔިތުން ހިޖުރަކުރުމަށް (އަމިއްލަ އިޚްތިޔާރުގައި ވިޔަސް ނުވަތަ މަޖުބޫރުކޮށް ވިޔަސް) ހިޖުރަކުރަން މަޖުބޫރު ކުރުވައި، އެ މީހުންގެ އަތުން އެތަން ހުސްކޮށް، އެ ސަރަހައްދަށް އާ ސެޓްލްމަންޓް ޕްރޮޖެކްޓެއް ފެށުމަށެވެ.
ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ 32،975 މީހުން ޝަހީދުކޮށްލާފައިވާއިރު، 75،577 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. މަރުވި މީހުންނާއި ޒަހަމްވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ޣައްޒާއަށް އެހީފޯރުކޮށްދިނުމުގައި މަސައްކަތްކުރި މީހުންގެ ތެރޭގައި ހިމެނޭ ޑަބްލިއުސީކޭގެ މުވައްޒަފުންނަކީ ހަމައެކަނި ޣައްޒާގައި މަރުވި މީހުންނެއް ނޫނެވެ. އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި އިތުރު 196 އަށްވުރެ ގިނަ އެހީދޭ މަސައްކަތްތެރިން ޝަހީދުކޮށްލާފައިވާ ކަމަށް އެމެރިކާގެ އެހީގައި ހިންގާ އެއިޑް ވޯކާ ޑޭޓާބޭސްއިން ބުނެއެވެ.
މި ހަ މަސް ދުވަހުގެ ތެރޭގައި އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ ތެރޭގައި ގިނައީ ޣައްޒާގައި އެންމެ ފުޅާ ދާއިރާއެއްގައި އެހީގެ އޮޕަރޭޝަން ހިންގާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (އަންރުވާ) ގައި މަސައްކަތް ކުރާ މީހުންނެވެ.