ޔަމަންގެ ވެރި ރަށް ސަނާ އަށް އަމާޒުކޮށް، އިސްރާއީލް އިން ދިން ހަމަލާގައި ހަ މީހަކު މަރުވެފައިވާ ކަަމަށް ހާމަކޮށްްފި އެވެ.
ޔަމަންގެ ވެރި ރަށް ސަނާ އަށް އަމާޒުކޮށް އިސްރާއީލް އިން ހަމަލާ ދީފައި ވަނީ އާދީއްތަ ދުވަހު އެވެ. އެ ހަމަލާގައި މަދުވެގެން ހަ މީހަކު މަރުވެފައިވާއިރު، އިތުރު 86 މީހަކަށް އެކި ވަރުގެ ޒަޚަމުތައް ލިބިފައިވާ ކަަމަށް ވަނީ ހާމަކޮށްފަ އެވެ. މިއީ ހޫތީ ޖަމާއަތުން އިސްރާއީލް އަށް ދިން މިސައިލް ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލް އިން ދީފައިވާ ހަމަލާ އެކެވެ.
އިސްރާއީލްގެ އަަސްކަރިއްޔާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ޔަމަންގެ ރިޔާސީ ގަނޑުވަރު ހިމެނޭ ސިފައިންގެ އިމާރާތްތަކަށް ކަމަށެވެ. މީގެ އިތުރުން ކަރަންޓު ދެ ޕްލާންޓަކާއި، ތެޔޮ ރައްކާ ކުރާ ތަނަކަށް އަމާޒުކޮށް ކަަމަށް ވެސް ބުނެފައިވެ އެވެ.
ހުކުރު ދުވަހު ހޫތީ ޖަމާއަތުގެ ފަރާތުން ބުނެފައި ވަނީ، އިސްރާއީލް އަށް ބެލިސްޓިކް މިސައިލް ދޫކޮށްފައިވާ ކަަމަށެވެ. އެއީ ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމައުގައި، ޣައްޒާގެ ރައްޔިތުންނާ އެއްބައި ވުމުގެ ގޮތުން ދެވޭ ހަމަލާތަކެއް ކަމަށް އެ ޖަމާއަތުން ބުނެފައިވެ އެވެ. އަދި އިސްރާއީލް އިން ޣައްޒާ ހަނގުރާމަ ކުރިއަށް ގެންދާހާ ދުވަހަކު، އެ ހަމަލާތައް ދޭނެ ކަމުގެ އިންޒާރު މީގެ ކުރިން ވެސް ވަނީ ދީފަ އެވެ.
އިސްރާއީލްގެ އެއާ ފޯސްގެ އޮފިޝަލަކު އާދީއްތަ ދުވަހު ބުނެފައި ވަނީ، އިސްރާއީލް އަށް އަމާޒުކޮށް ހަމަލާ ދިނުމަށް ބޭނުން ކޮށްފައިވާ މިސައިލަކީ އެތައް ސަބް-މިއުނިޝަންތަކެއް އެކުލެވޭ، އަދި އަމާޒަށް ޖެހުމުން ގޮއްވާލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ މިސައިލެއް ކަމަށެވެ. އަދި މިއީ ޔަމަން އިން އެ ފަދަ މިސައިލެއް ބޭނުން ކޮށްފައިވާ ފުރަތަމަ ފަހަރު ކަމަށް ބުނެފައިވެ އެވެ.
މީގެ ކުރިން ވެސް ޔަމަން އިން ވަނީ އިސްރާއީލަށް އަމާޒުކޮށް ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގެ ބަދަލުގައި އިސްރާއީލް އިން ވެސް އަންނަނީ ޔަމަން އަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.