ކ. މާލެ
|
27 އޯގަސްޓް 2024 | އަންގާރަ 19:36
ރައީސް މުއިއްޒު ވެރިކަމަށް އައީ ޕާޓީ ތެރެއިން ގަދަކަމުން ޓިކެޓް ހޯދައިގެން ކަމުން ވެރިކަން ވެއްޓިދާނެތީ ދަނީ އެތައް ދޮގެއް ހަދަމުން
ރައީސް މުއިއްޒު ވެރިކަމަށް އައީ ޕާޓީ ތެރެއިން ގަދަކަމުން ޓިކެޓް ހޯދައިގެން ކަމުން ވެރިކަން ވެއްޓިދާނެތީ ދަނީ އެތައް ދޮގެއް ހަދަމުން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ބަޣާވާތް ކޮށްގެން ވެރިކަމަށް އާދެވުނީމަ ހީވާނީ އެހެން މީހުންވެސް އުޅެނީ އެހެންކަމަށް
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޕާޓީގެ ތެރެއިން ގަދަކަމުން ޓިކެޓް ހޯއްދަވާ ބަޣާވާތްކޮށްގެންނެވެ. އަދި މިހާރު ވެރިކަމުގައި ހުންނަވާ ރައްޔިތުންގެ އަނގަ ބަންދުކުރަން ބަޣާވާތުގެ ނަމުގައި ފުލުހުން ލައްވާ ތަހުގީގެކޮށް އަޑު ކަނޑުވާލަން ދަނީ ރާވަމުންނެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ އެންމެ ފޯރިގަދަ ދުވަސްކޮޅެވެ. މަށަށްވާނެކަމަށް ބުނެ ބަޣާވާތަކުން ފޭރިގަތް ޓިކެޓާއެކު ވެރިކަމުގެ ދަހިވެތިކަމުގައި ދިޔައީ ހުރިހާ ކަމަކަށް ފެހި ސިގްނަލް ދެމުންނެވެ. އެވެނިކަމެއްވެސް ކުރެވޭނޭ މިވެނިކަމެއްވެސް ކުރެވޭނޭ ވެރިކަން ދޭށޭ ބުނެ ނާށިގަނޑު ހިފައިގެންނެވެ. ދޮގު މައްޗަށް ދޮގު ހައްދަވައިގެން އެންމެ ފަހުން ފޭރިގަތް ޓިކެޓުގައި ވެރިކަމަށްވެސް އާދެވިއްޖެއެވެ. އެދުވަހުވެސް ވިދާޅުވީ ހުރިހާކަމެއްގައި އޮތީ ފެހި ސިގްނަލްއެވެ. ހާސްކަމެއް ނެތް ވާހަކައެވެ.

ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބާއްވާ، ނުބައި ރޭވުމެއްގެ ތެރެއިން ޕާޓީ ތެރެއިން ޓިކެޓް ބަޣާވާތަކުން ނަގާ ވެރިކަމަށް ވަޑައިގެން ހުންނަވާއިރު ތިމަންނާގެ ވެރިކަންވެސް ބަޣާވާތަކުން ވައްޓާލާނެކަމަށް ހީވެދާނެއެވެ. ފުޅައް ބުޑުން ދަންޏާ ދޮން ޙަސަނަށް ހީވާނީ ކެޔޮގަނޑު ކަނޑާހެންނެވެ. ނުބައި ކަންތައް ކުރާ މީހާއަށް އެހެން މީހަކު ވެސް އެ ފަދަ ކަމެއް ކުރާނެއޭ ހީވާނެއެވެ. މިފަހަރުވެސް މިވީ އެފަދަ ކަމެކެވެ.

ވެރިކަމަށް އައީ ބަޣާވާތަކުން މަކަރާއި އޮޅުވާލުމުގެ ތެރެއިން ޕާޓީގެ ޓިކެޓާއި ޕާޓީއަތުލައިގެން ކަމުން މިހާރު ހުންނެވި ވަލިއްޔުލްއަމުރަށްވެސް ހީވެފައި އޮންނަނީ އެފަދައިންނެވެ. ވެރިކަން ކުރަން ނޭނގި، ބަލަދު އަރާ ބަޔަކަށް މަގާމުތައް ދީ ގައުމުގެ ބައިތުލް މާލު ހުސްކޮށް އެންމެ ފަހުން ރައްޔިތުންނަށް ގޮތް ހުސްވެގެން ބަސް ބުނުމުން މިވެރިކަން ބަޣާވާތަކުން ވައްޓަން އުޅޭކަމަށް މި ވެރިންނަށް ހީވީއެވެ.

ކުއްލިގޮތަކަށް ވަގުތާ ސާތާ ދިމާކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ވެގެން ބާއްވަން އުޅުނު ޖަލްސާގެ ކުރިން ފުލުހުންވެސް ނެރުނީ ބަޔާނެކެވެ. ކުރަން ބޭނުންވި ކަމަކީ މި ސަރުކާރުން ދިވެހިރައްޔިތުންނަށް ހެދި ދޮގުތަކުގެ މައްޗަށް ފަސް އެޅުމެވެ. ބުރަދަނެއް ނެތް ގޮތަށް ފުލުހުން ނެރުނު ބަޔާނަކީ ވެސް ބުރަދަން ނެތް އެއްޗެކެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ބަޔަކު ދެއްކި ވާހަކައަށް ރިއާޔަތްކޮށް ގައުމީ ބޮޑު މައްސަލައަކަށް ހަދައި އެކަން ތަހުގީގުވެސް ކުރަން ފެށީއެވެ.

ބިރުގަތްލެއް ބޮޑުކަމުން ދެފައި އެއްތާކު މަޑުނުވެ މި ސަރުކާރުން މަރަށްތެޅޭ އުސޫލުން ސަރުކާރު ވައްޓާލާނެކަމަށް ހީކޮށް އެ ކުޅުނު ޑްރާމާ ކިތައްމެހާވެސް ހުތުރެވެ. ގައުމުގެ ވަލިއްޔުލް އަމުރު ދެއްކެވި ވާހަކައަކީ އެތައް ގޮތަކުން ގައުމެއްގެ މާލީ އަދި އިގްތިސާދަށް އެތައް ގެއްލުމެއް ލިބި އެެތައް ބައެއްގެ އިތުބާރު ސަރުކާރުގެ އެންމެ ބޮޑު ހިއްސާ އޮންނަ ބޭންކަށް ގެއްލިގެންދާނެކަމެކެވެ.

ކޮންމެއަކަށް ބޭންކް އޮފް މޯލްޑިވްސް އިން މާލީ ބަޣާވާތެއް ކުރަން އުޅޭކަމަށް ބުނެ އެ ދައްކާ ވާހައަކީ ދެބޯގެރި ދުއްވުމެވެ. ސަރުކާރުގެ ކޮންޓްރޯލް އޮންނަ ތަނަކުން ބަޣާވާތްކުރިކަމަށް ވަލީއްޔުލްއަމުރު ވިދާޅުވީމަ އެ ވިދާޅުވަނީ ތިމަން މަނިކުފާނު ކައިރީގައި ތިބި ބަޔަކު ބަޣާވާތެއް ކުރާ ވާހަކައެވެ. ސީދާ ސަރުކާރުގެ ތެރެއިން ވެރިކަން ނިންމަން އުޅޭ ވާހަކައެވެ. ދިވެހި ރައްޔިތުންނާއި ދިވެހި ރައްޔިތުން ފާޅުކުރާ ހިޔާލަކާއި އެކަމަކާއި އެއްވެސް ގުޅުމެއް ނެތެވެ.

މާލީ ކަންކަން މެނޭޖްކުރުމުގައި ސަރުކާރަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭނގި ވަރަށް ގިނަ ގޯސްތައް ހެދިއްޖެއެވެ. ސަބަބަކީ ސަރުކާރުގެ ނާގާބިލުކަމެވެ. ސަރުކާރަށް އެއްވެސް ޕްރޮޖެކްޓެއް ނުހިންގި ފެއިލްވަމުންދާތަން ފެންނަ އިރު ބީއެމްއެލް އާއި މެދު އެފަދަ ތުހުމަތުތަކެއް ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް