އިޒްރާއީލުގެ ސިފައިން ވެސްޓް ބޭންކުގައި ހިސޯރުކޮށްފައިވާ ރާމަﷲ އިން ގާތްގަނޑަކަށް 3،000 ޒައިތޫނި ގަސް ނައްތާލައިފި ކަމަށް އެ އަވަށުގެ ލޯކަލް ކައުންސިލްގެ ވެރިޔާ ހާމަކޮށްފިއެވެ.
މިއީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ އިތުރުން ވެސްޓް ބޭންކުގެ އެކި ސަރަޙައްދު ތަކުގައި ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތި ކުރުވަމުން ގެންދާ އަނިޔާވެރިކަމުގެ ރާޅުގެ ތެރެއިން ހިންގި ޖަރީމާ އެކެވެ.
އިސްރާއީލުގެ ސިފައިން ރާމަﷲ ގެ އުތުރު އިރުމަތީގައި އޮންނަ އަލް-މުޣައްޔިރު އަވަށުގެ ބޮޑު ސަރަޙައްދެއްގައި ހުރި ޒައިތޫނި ގަސްތައް ނަގައި ނައްތާލުމުގެ އަމުރެއް ވަނީ ނެރެފައެވެ. މި އަވަށަކީ ގާތްގަނޑަކަށް 4،000 މީހުން ދިރިއުޅޭ ރަށެކެވެ.
މި ގަސްތައް ނައްތާލުމަށް ސިފައިން ދައްކާފައިވާ ބަހަނާ އަކީ އެ އަވަށުގެ ތެރެއިން އިސްރާއީލުގެ އާބާދީއެއްގެ ތެރެއަށް ގޮސް ގުޅޭ މަގަކަށް މި ގަސްތަކުން "ސަލާމަތީ ގޮތުން ނުރައްކާ" ކުރިމަތިވާތީ ކަމުގައެވެ.
މި ގަސްތައް ނައްތާލީ އަލް-މުޣައްޔިރު އަވަށް ލޮކްޑައުނެއްގައި އޮއްވައެވެ. ބުރާސްފަތި ދުވަހުން ފެށިގެން މި އަވަށް ލޮކްޑައުން ކޮށްފައި ވަނީ އިސްރާއީލުގެ މީހެއްގެ ގަޔަށް އެ އަވަށުގެ މީހަކު ބަޑި ޖެހި ކަމަށް ބުނުމާ ގުޅިގެންނެވެ.
އަވަށު ކައުންސިލްގެ ނައިބު ރައީސް މަރްޒޫޤު އަބޫ ނައީމް ފަލަސްޠީނުގެ ނޫސް އޭޖެންސީ ވަފާ އަށް ބުނެފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ ފަތިހުން ފެށިގެން އިސްރާއީލުގެ ސިފައިން 30 އަށްވުރެ ގިނަ ގެއަށް ވަދެ، ރައްޔިތުންގެ މުދަލާއި އުޅަނދުފަހަރަށް ގެއްލުން ދީފައި ވެއެވެ.
އެތައް އަހަރެއް ވަންދެން އިސްރާއީލުގެ ސިފައިން ވަނީ ފަލަސްޠީނުގެ މުހިންމު ސަގާފީ ނިޝާނެއް ކަމުގައިވާ ޒައިތޫނި ގަސްތައް ހިސޯރު ކޮށްފައިވާ ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުން ނަގައި ނައްތާލަމުން ގެންގޮސްފައެވެ. މިއީ ފަލަސްޠީނުގެ ބިންތައް އަތުލައި، އެތަންތަނުގައި ދިރިއުޅޭ ފަލަސްތީނު މީހުން ބާރުގެ ބޭނުން ކޮށްގެން ނަމަވެސް ބޭރުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާ ގައި ހަނގުރާމަ އިއުލާނު ކުރުމާ ގުޅިގެން ވެސްޓް ބޭންކުގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށް އިސްރާއީލުގެ އާބާދީތަކުގެ މީހުން ކުރާ އަނިޔާވެރި ޢަމަލުތައް އިތުރުވެފައިވެއެވެ. އަދި މިކަމުގެ ސަބަބުން އެތައް ހާސް ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނުކުތުމަށް މަޖުބޫރު ވެފައި ވެއެވެ.