Advertisement
ކ. މާލެ
|
25 އޯގަސްޓް 2025 | ހޯމަ 16:17
ޣައްޒާގެ ޚާން ޔޫނިސްގައި، ހުންނަ ނާސިރު ހޮސްޕިޓަލަށް ދިން ހަމަލާ އެއްގައި އެ ހޮސްޕިޓަލުގައި ތިބި ބައެއް މީހުން މަރުވެ، ހޮސްޕިޓަލަށް ބޮޑެތި ގެއްލުން ތަކެއް ލިބުނު -  13 މެއި 2025
ޣައްޒާގެ ޚާން ޔޫނިސްގައި، ހުންނަ ނާސިރު ހޮސްޕިޓަލަށް ދިން ހަމަލާ އެއްގައި އެ ހޮސްޕިޓަލުގައި ތިބި ބައެއް މީހުން މަރުވެ، ހޮސްޕިޓަލަށް ބޮޑެތި ގެއްލުން ތަކެއް ލިބުނު - 13 މެއި 2025
އޭޕީ
ޣައްޒާ ހަނގުރާމަ
ޣައްޒާގެ ނާސިރު ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާގައި މަދުވެގެން 15 މީހުން ޝަހީދުވެއްޖެ
އިސްރާއީލުން ޣައްޒާގެ ނާސިރު ހޮސްޕިޓަލަށް ދިން ހަމަލާގައި 15 މީހުން ޝަހީދުވެ، އޭގެ ތެރޭގައި ރޮއިޓަރސް އާއި އަލްޖަޒީރާގެ ނޫސްވެރިން ހިމެނިއްޖެއެވެ. މި ހޮސްޕިޓަލަކީ މީގެ ކުރިން ވެސް އިސްރާއީލުން ބޮން އަޅާފައިވާ ދެކުނު ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލެވެ.

ފަލަސްތީނުގެ ސިއްޙީ އިސްވެރިން ބުނާ ގޮތުގައި ހޯމަ ދުވަހު ޣައްޒާގެ ނާސިރު ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާގައި މަދުވެގެން 15 މީހުން ޝަހީދުވެއްޖެ އެވެ. މީގެ ތެރޭގައި ތިން ނޫސްވެރިން ހިމެނެއެވެ.

އިސްވެރިން ބުނާ ގޮތުގައި، މި ހަމަލާގައި މަރުވި ނޫސްވެރިންގެ ތެރޭގައި ހިމެނޭ ކެމެރާމަން ޙުސާމް އަލްމަސްރީ އަކީ ރޮއިޓަރސް އަށް މަސައްކަތްކުރާ ފަރާތެކެވެ. އަދި ހާތަމް ޚާލިދު ނަމަކަށް ކިޔާ ފޮޓޯގްރާފަރެއް ވެސް ޒަޚަމްވެފައިވެއެވެ. އޭނާ އަކީ ވެސް ރޮއިޓަރސް އަށް މަސައްކަތް ކުރާ ފަރާތެކެވެ.

އަލްޖަޒީރާ އިން ބުނެފައި ވަނީ އެ ޗެނަލްގެ ނޫސްވެރި އަކު ވެސް މި ހަމަލާގައި މަރުވެފައިވާ ކަމަށެވެ. މީގެ ދެ ހަފްތާގެ ކުރިން އެ ޗެނަލްގެ 6 މުވައްޒަފުންނާއި ފްރީލާންސް ނޫސްވެރިއަކު އިސްރާއީލުގެ ހަމަލާ އެއްގައި މަރުވެފައިވެއެވެ.

ޤަޠަރުގައި މައި އޮފީސް ހުންނަ އަލް ޖަޒީރާ ނިއުސް ނެޓްވޯކުން ބުނެފައި ވަނީ މި ހަމަލާގައި މަރުވެފައި ވަނީ މުޙައްމަދު ސަލާމާ ނަމަކަށް ކިޔާ ފޮޓޯ ނޫސްވެރިއަކާއި ކެމެރާމަނެއް ކަމަށެވެ.

ޣައްޒާ ގެ ސިއްހަތާ ބެހޭ މިނިސްޓްރީން ބުނެފައި ވަނީ ނާސިރު ހޮސްޕިޓަލުގެ ހަތަރުވަނަ ފަންގިފިލާގައި ތިބި މީހުން މަރުވެފައި ވަނީ ދެފަހަރެއްގެ މަތިން ދިން ހަމަލާއެއްގައި ކަމަށެވެ. ފުރަތަމަ މިސައިލް ހަމަލާ އާ އެކު މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް ފެށުމާ އެކު ދެވަނަ މިސައިލެއް އިމާރާތައް ފޮނުވާލިއެވެ.

އިސްރާއީލުގެ ސިފައިންނާއި ބޮޑުވަޒީރުގެ އޮފީހުން މި ހަމަލާއާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޚާން ޔޫނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލަކީ ދެކުނު ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލެވެ. 22 މަސްދުވަހުގެ ހަނގުރާމައިގައި އެތައް ހަމަލާއަކާއި ބޮންއެޅުން ތަޙައްމަލު ކޮށްފައިވާ މި ހޮސްޕިޓަލުގައި ބޭނުންވާ ތަކެއްޗާއި މުވައްޒަފުންގެ ދަތިކަން ކުރިމަތި ވެފައިވާ ކަމަށް އިސްވެރިން ބުނެއެވެ.

ޣައްޒާ ގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި ހޮސްޕިޓަލުތަކަށް ހަމަލާދިނުމަކީ އާންމު ކަމެކެވެ.

ހޮސްޕިޓަލުތަކުގެ ތެރޭގައި ހަނގުރާމަވެރިން ހަރަކާތްތެރި ވަމުންދާ ކަމަށް އިސްރާއީލުން ބުނެ، އެއްވެސް ހެއްކެއް ދެއްކުމަކާ ނުލައި، މުޅި ޣައްޒާގައި ހުރި އެތައް ހޮސްޕިޓަލަކަށް ހަމަލާދީ ނުވަތަ ރެއިޑް ކޮށްފައި ވެއެވެ.

ޖޫން މަހު ނާސިރު ހޮސްޕިޓަލަށް ދިން ހަމަލާއެއް ގައި ތިން މީހުން މަރުވެ، 10 މީހުން ޒަޚަމްވިއެވެ. އެ ވަގުތު އިސްރާއީލުގެ ސިފައިންގެ ފަރާތުން ބުނެފައި ވަނީ ހޮސްޕިޓަލުގެ ތެރޭގައި ހުރި ޙަމާސްގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއްގައި ތިބި ހަނގުރާމަވެރިންނަށް ވަރަށް ޔަގީން ކަމާއެކު ހަމަލާދީފައިވާ ކަމަށެވެ.

މި ހަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން އިސްރާއީލަށް ފާޑުކިޔަމުން ދިޔަ ނަމަވެސް އެކަމަށް އެއްވެސް އިޖާބަ އެއް ދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި އިސްރާއީލުން ދަނީ މި ހަމަލާތައް ދިފާޢު ކުރަމުން ނެވެ. އިސްރާއީލުން ބުނާ ގޮތުގައި ޙަމާސް އިން ހޮސްޕިޓަލުތަކާއި އެހެނިހެން މަދަނީ ތަންތަން ބޭނުން ކުރަނީ ހަނގުރާމަވެރިންގެ ނިވަލެއްގެ ގޮތުގައެވެ. ނަމަވެސް މިކަމަށް އެއްވެސް ހެއްކެއް އިިސްރާއީލުން ދައްކާފައެއް ނުވެއެވެ.

މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ސިއްޙީ ނިޒާމު ވަނީ ބޮޑުތަނުން ހީނަރުވެފައެވެ. ގިނަ ހޮސްޕިޓަލުތައް ވަނީ ބަންދުކުރަން ޖެހިފައެވެ. އަދި މަސައްކަތް ކުރަމުންދާ ހޮސްޕިޓަލު ތަކުގައި ވެސް ބޭސް ފަރުވާ އަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުންގެ ދަތިކަން ކުރިމަތިވެފައި ވެއެވެ. މިކަމުގެ ސަބަބުން ޣައްޒާގެ އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ސިއްޙީ ޚިދުމަތްތައް ލިބުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައި ވެއެވެ.

ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ގޮވާލަމުން ދަނީ ހަނގުރާމަ ހުއްޓާލައި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށެވެ. އަދި ހަމައެހެންމެ، ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކުގެ ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، މަދަނީ ރައްޔިތުންނާއި މެޑިކަލް ފެސިލިޓީތަކަށް ގެއްލުން ނުދިނުމަށް ގޮވާލަމުން ދެއެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް