Advertisement
ކ. މާލެ
|
26 އޯގަސްޓް 2025 | އަންގާރަ 07:15
ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި ނޫސްވެރިއެއްގެ ހަށިގަނޑު ފަލަސްތީނުގެ ރައްޔިތުން އުފުލަނީ
ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި ނޫސްވެރިއެއްގެ ހަށިގަނޑު ފަލަސްތީނުގެ ރައްޔިތުން އުފުލަނީ
ގެޓީއިމޭޖަސް
ފަލަސްތީނު
ޣައްޒާގެ ނާސިރު ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާ ބައިނަލްއަޤްވާމީ މުޖުތަމައުން ކުށްވެރި ކުރުން ދަނީ އިތުރު ވަމުން
ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލަށް އިސްރާއީލުން ދިން ވައިގެ ހަމަލާ ގައި 5 ނޫސްވެރިންނާއި 20 އަށްވުރެ ގިނަ މީހުން ޝަހީދުވި ހަމަލާއާ ގުޅިގެން އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ވަކި ފަރާތަކަށް ނުޖެހޭ އަވަސް ތަޙްޤީޤެއް ހިންގުމަށް ގޮވާލައްވާފައިވާއިރު، ރިޕޯޓަރސް ވިތައުޓް ބޯޑަރސް އިން ވަނީ މީޑިއާ މަސައްކަތްތެރިން މެރުން ހުއްޓުވުމަށް އ.ދ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ގޮވާލާފައެވެ.

ޣައްޒާ ގެ އަލް ނާސިރު ހޮސްޕިޓަލަށް އިސްރާއީލުން ދިން ވައިގެ ހަމަލާ އެއް ގައި 5 ނޫސްވެރިންނާއެކު 20 އަށްވުރެ ގިނަ މީހުން ޝަހީދު ވުމާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމައުން އިސްރާއީލު ކުށްވެރި ކުރުން ދަނީ އިތުރުވަމުންނެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވަނީ ނާސިރު ހޮސްޕިޓަލަށް ދިން ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

ހޯމަ ދުވަހު އޭނާގެ ތަރުޖަމާނު ސްޓެފާން ޑުޖާރިކް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި، ގުޓެރެސް ވަނީ މި ހާދިސާއާ ގުޅޭ އަވަސް އަދި ވަކިފަރާތަކަށް ނުޖެހޭ ތަޙުޤީޤެއް ހިންގުމަށް ގޮވާލައްވާފައެވެ.

ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާގައި ފަލަސްޠީނު ރައްޔިތުންތަކެއްގެ ފުރާނަ ގެއްލުން ސެކްރެޓަރީ ޖެނެރަލް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައެވެ. މަރުވި މީހުންގެ ތެރޭގައި އާންމު ރައްޔިތުންގެ އިތުރުން މެޑިކަލް މުވައްޒަފުންނާއި ނޫސްވެރިން ހިމެނޭ،" ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި އަނިޔާވެރި ހަނގުރާމައިގެ ތެރޭގައި ވެސް މުހިންމު ޚިދުމަތްތަކެއް ކުރަމުންދާ މެޑިކަލް މުވައްޒަފުންނާއި ނޫސްވެރިން ކުރިމަތިލާން ޖެހޭ ނުރައްކާ މި ފަހުން މި ހިނގި ހިތާމަވެރި މަރުތަކުން ފާހަގަވާ ކަމުގައި ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

މެޑިކަލް މުވައްޒަފުންނާއި ނޫސްވެރިންނަށް އެއްވެސް ހުރަހެއް، ބިރުދެއްކުމެއް ނުވަތަ ގެއްލުމެއް ކުރިމަތިވުމެއް ނެތި އެމީހުން ކުރަމުން ގެންދާ މުހިންމު މަސައްކަތް ކުރެވެން ޖެހޭނެ ކަމަށް ގުޓެރެސް ވަނީ ބާރުއަޅުއްވާ ވިދާޅުވެފައެވެ.

ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ވެސް ބުނެފައި ވަނީ އިސްރާއީލުން ގަސްތުގައި ޣައްޒާ ގެ ނޫސްވެރިންނަށް އަމާޒު ކުރަމުންދާ ކަމަށާއި، މީޑިއާ ގައި މަސައްކަތް ކުރާ ފަރާތްތައް މެރުން ހުއްޓުވުމަށް އދ. ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ގޮވާލާ ކަމަށެވެ.

ޑޮކްޓަރސް ވިތައުޓް ބޯޑަރސް އިން ވަނީ ޣައްޒާ ގެ ނާސިރު މެޑިކަލް ކޮމްޕްލެކްސް އަށް އިސްރާއީލުން ދޭ ހަމަލާތައް ކުށްވެރިކޮށް، އެއްވެސް ފިޔަވަޅެއް ނޭޅި ސަރަޙައްދުގެ ޞިއްޙީ މުވައްޒަފުންނާއި ނޫސްވެރިންނަށް ދެމުންދާ ހަމަލާތަކާމެދު ކަންބޮޑުވާ ކަމަށް ބުނެފައެވެ.

އެ ޖަމްޢިއްޔާ އިން ވަނީ ޣައްޒާ ގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓާލުމަށާއި އިސްރާއީލު ޒިންމާދާރު ކުރުވުމަށް ގޮވާލާފައެވެ.

މި ހަމަލާ، އަރަބި ލީގު، ފަލަސްތީނު ނޫސްވެރިންގެ ސިންޑިކެޓް، ތުރުކީ އަދި ސްޕެއިން އިން ވެސް ވަނީ ކުށްވެރިކޮށްފައެވެ.

ކެނެޑާ އިން ވަނީ ނާސިރު ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާ އާމެދު ކަންބޮޑުވުން ފާޅުކޮށް، މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

އެކްސް ގައި ކުރި ޕޯސްޓްތަކެއްގައި، ކެނެޑާގެ ފޮރިން މިނިސްޓްރީން ވަނީ ނޫސްވެރިންނާއި މީޑިއާ މަސައްކަތްތެރިންނަށް ކުރާ އެންމެހައި އަނިޔާތައް އޮޓާވާ އިން ކުށްވެރި ކުރާކަން ތަކުރާރު ކޮށް ފާހަގަ ކުރާ ކަމަށް ބުނެފައެވެ.

"ޣައްޒާ ގައި މަސައްކަތް ކުރާ ނޫސްވެރިންނާއި ޞިއްޙީ މަސައްކަތްތެރިންނާއި އާންމު ރައްޔިތުން ރައްކާތެރިކުރުމަކީ އިސްރާއީލުގެ ޒިންމާއެކެވެ،" މިނިސްޓްރީން ބުނެފައިވެއެވެ.

"ކެނެޑާ އިން ގޮވާލަނީ ވަގުތުން މި ހަނގުރާމަ ހުއްޓާލުމަށާއި، އާންމުން ރައްކާތެރި ކުރުމަށާއި، ބަންދުގައި ތިބި މީހުން ޝަރުތެއް ނެތި ދޫކޮށްލުމަށާއި، އދ. ގެ އިންސާނީ އެހީ އިތުރުކޮށް، އެހީ ބޭނުންވާ މީހުންނަށް ފޯރުކޮށްދިނުމަށެވެ."

ފަލަސްތީނުގެ ރައީސް ގެ އޮފީހުން މި ހަމަލާ ކުށްވެރިކޮށް، މިއީ، ހަނގުރާމައިގެ ޖަރީމާ އެއް ކަމަށް ބުނެ، ފަލަސްތީނު މީޑިއާ އަދި ހަގީގަތުގެ އަޑު ފިއްތާލުމަށް އިސްރާއީލުގެ އިސްތިއުމާރީ ބާރުން ހިންގާ ކުށްތަކާއި ގަތުލުއާންމު ތަކުގެ ދިގު ތާރީޚަށް އިތުރުވި ކަމެއް ކަމަށް ބުނެފައިވެއެވެ.

ފަލަސްޠީނުގެ ޞިއްޙަތާ މިނިސްޓްރީން ބުނާ ގޮތުގައި ފުރަތަމަ ހަމަލާ އަމާޒު ކުރީ ހޮސްޕިޓަލުގެ ހަތަރުވަނަ ފަންގިފިލާއަށެވެ. އޭގެ ފަހުން ދެވަނަ ހަމަލާ އެއް އެމްބިއުލާންސް ޚިދުމަތާއި ކުއްލި ނުރައްކަލުގެ މުވައްޒަފުންނަށް އަމާޒުކުރިއެވެ.

އެސޯސިއޭޓެޑް ޕްރެސް، ރޮއިޓަރސް، އަލްޖަޒީރާ އަދި މިޑްލް އީސްޓް އައިގެ ނޫސްވެރިން މަރުވި ހަމަލާ ދިންކަމަށް އިސްރާއީލު ސިފައިންގެ ފަރާތުން ވަނީ އިއުތިރާފް ވެފައެވެ.

އޮކިއުޕައިޑް ޓެރިޓަރީސް އަދި ފަލަސްޠީނުގައި މަސައްކަތްކުރާ ބައިނަލްއަޤްވާމީ މީޑިއާ ތަމްސީލުކުރާ ފޮރިން ޕްރެސް އެސޯސިއޭޝަނުން ވަނީ މި ހަމަލާއާމެދު ކަންބޮޑުވުމާއި ހައިރާންކަން ފާޅުކޮށް، އިސްރާއީލު ސިފައިންނާއި ބޮޑުވަޒީރުގެ އޮފީހުން ވަގުތުން މިކަމާ ގުޅޭ ތަފްސީލު ހޯދުމަށް ގޮވާލާފައެވެ.

ޣައްޒާ ގެ ސިއްހަތާ ބެހޭ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި 2023 ގެ އޮކްޓޯބަރުން ފެށިގެން، ހިސޯރު ކުރެވިފައިވާ ސަރަޙައްދަށް އަމާޒު ކޮށް އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި 62,744 ފަލަސްޠީނު މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 158,259 މީހުން ވަނީ ޒަޚަމްވެފައެވެ.

- ކޮމެންޓް