Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2024 | ހުކުރު 05:09
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ސޯޝަލްމީޑިއާ
ޝަމީމަށް ދިން ހަމަލާ
ޝަމީމަށް ޙަމަލާދިނީ މަރުތޭލެއް ބޭނުންކޮށްގެން، ޙަމަލާ އަމާޒުކުރީ ބޮލަށް
ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ރ. އަލިފުށި ރިވެލި، އުމުރުން 23 އަހަރުގެ މިދުހަތު އާދަމް އާއި ލ ގަމު، ތުނޑި، ޖަވާހިރުވިލާ އުމުރުން 22 އަހަރުގެ މުހައްމަދު ޖަޒްލާނު
ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި
ފުޓޭޖުތަކުން ފާހަގަކުރެވޭ ގޮތުގައި ހަމަލާ އަމާޒުކުރީ ޝަމީމުގެ ބޮލަށް، ނަމަވެސް އެހަމަލާ އަރާފައިވަނީ ޝަމީމުގެ އަތުގެ މުލައްދަނޑިއަށް

ޕްރޮސެކިޔުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މީހުން ހަމަލާ އަމާޒުކޮށްފައިވަނީ ބޮލަށްކަމަށާއި ނަމަވެސް ހަމަލާ އަމާޒުވެފައިވަނީ ޝަމީމުގެ މުލައްދަނޑިއަށްކަމަށް އެހަމަލާ ދިން މީހުން ބަންދުކުރުމަށް ކުރި ކޯޓު އަމުރުގައި ބުނެފައެވެ.

ޕީޖީ ޝަމީމަށް ދިން ހަމަލާ އާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ރ. އަލިފުށި ރިވެލި، އުމުރުން 23 އަހަރުގެ މިދުހަތު އާދަމް އާއި ލ ގަމު، ތުނޑި، ޖަވާހިރުވިލާ އުމުރުން 22 އަހަރުގެ މުހައްމަދު ޖަޒްލާނެވެ.

މި ދެމީހުން ބަންދުކުރުމަށް ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ގޮތުގައި ހަމަލާދީފައިވަނީ މަރުތޭލެއް ފަދަ އެއްޗަކުންނެވެ. އަދި ފުޓޭޖުތަކުން ފާހަގަކުރެވޭ ގޮތުގައި ހަމަލާ އަމާޒުކުރީ ޝަމީމުގެ ބޮލަށްކަމަށާއި ނަމަވެސް އެހަމަލާ އަރާފައިވަނީ ޝަމީމުގެ އަތުގެ މުލައްދަނޑިއަށެވެ.

Advertisement

ކޯޓު އަމުރުގައި އިތުރަށް ބުނެފައިވަނީ މިމީހުންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް މިމީހުން ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ގަރީނާ ހުށަހަޅާފައިވާކަމަށެވެ. އެގޮތުން ސީސީޓީވީ ފުޓޭޖްތަކުގެ ސްނެޕްޝޮޓުތައް ހުށަހަޅާފައިވާއިރު، މިފުޓޭޖުތަކުން ފެންނަ މަންޒަރުން އަނިޔާ ލިބުނު ފަރާތަށް ހަމަލާދިނުމުގައި ތުހުމަތުކުރެވޭ ފަރާތްތައް ބައިވެރިވާކަމަށެވެ. އަދި މީގެތެރެއިން ޖަޒުލާނަކީ މިބާވަތުގެ ކުށުގެ ރިކޯޑު އޮތް މީހެއްކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މިމީހުން މިއަމަލު ހިންގާފައިވަނީ އިތުރު މީހަކާއި ބައިވެރިވެގެން ކަމުގައިވާތީ އާއި މިމާރާމާރީގެ ސަބަބުން މީހަކަށް އަނިޔާވެފައިވާތީ މިމީހުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ފެންނަކަމަށްވެސް އަމުރުގައިވެއެވެ.

ޕީޖީ ޝަމީމަށް ހަމަލާދިނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުން ބުނީ މި ހަމަލާއަކީ ދުރާލާ ރޭވިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ. އަދި އެ ހަމަލާގައި ހައްޔަރު ކުރި ދެމީހުންގެ އިތުރުން އެހެން މީހުންގެ ބައިވެރިވުން އޮތުމަކީ އެކަށީގެންވާ ކަމެއްކަަަމަށް ވެސް ވަނީ ބުނެފައެވެ. މި ހަމަލާގައި ޕީޖީގެ ވައަތުގައި ރެނދުލާފައިވާ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް