ސިންގަޕޫރުގެ އުމުރުން 15 އަހަރުގެ ޖެނާ ރާއްޖެ އަށް ކުރި ތަޖުރިބާ ހޯދުމުގެ ސްކޫލް ދަތުރެއްގައި މަރުވިތާ 8 މަސް ފާއިތުވެ ދިޔަ އިރުވެސް މަރުގެ ތަހުގީގު ދިވެހި ފުލުހުން ފުރިހަމަ ކޮށްފައި ނުވާ ކަމަށް އާއިލާ އިން ބުނެފިއެވެ.
އާއިލާ އިން ބުނީ ޖަވާބުތައް ލިބުން ލަސްވަމުން ދިއުމުގެ ކަންބޮޑުވުމުގައި ތިބި ކަމަށާއި އެކަމުގައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުން ގެންދާ ކަމަށެވެ.
ސިންގަޕޫރުގެ ސެއިންޓް ޖޯސެފްސް އިންސްޓިޓިއުޝަން އިންޓަނޭޝަނަލް (އެސްޖޭއައިއައި) ގައި ކިޔަވަމުން ދިޔަ ދަރިވަރެއް ކަމުގައިވާ ޖެނާ މަރުވީ ނޭޝަނަލް ޔޫތު އެޗީވްމަންޓް އެވޯޑް އެކްސްޕެޑިޝަނެއް ގައި ރާއްޖެ އައިސް އުޅެނިކޮށް ހުސްވި އަހަރުގެ ނޮވެމްބަރު 8 ވަނަ ދުވަހުއެވެ.
ރާއްޖޭގެ މީޑިއާ އިން ރިޕޯޓު ކޮށްފައި ވަނީ އޭނާ މަރުވީ އދ. އަތޮޅު ދިގުރަށް ކައިރީގައި ސްނޯކްލިންގ އަށް ގޮސް އުޅެނި ކޮށް ފަހަތަށް ޖެހި ލޯންޗެއްގެ ބުރަފަތީގައި ޖެހިގެން ކަމަށެވެ.
ޖެނާ ގެ މައިންބަފައިން ބުނާ ގޮތުގައި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުންނާއި ޖެނާގެ ސްކޫލުން ވެސް އޭނާގެ މަރާ ބެހޭ ގޮތުން އާއިލާ އަށް ލިބިފަވަނީ ވަރަށް މަދު މައުލޫމާތެކެވެ. ނަމަވެސް، ސްކޫލުން ބުނާ ގޮތުގައި ހާދިސާ އާ ގުޅޭ ފުރިހަމަ ރިޕޯޓެއް އެކުލަވާލުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
ޖުލައި 16 ވީ ބުދަ ދުވަހު ޗެނެލް ނިއުސް އޭޝިޔާ (ސީއެންއޭ) އިން މި ކަމާ ބެހޭ ގޮތުން ސްކޫލުގެ ސީއީއޯ މައިކަލް ޖޮންސްޓަން އަށް ސުވާލު ކުރުމުން އޭނާ ބުނީ ތަކުރާރުކޮށް އެދުނު ނަމަވެސް، ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ތަހުގީގާ ގުޅޭ އެއްވެސް މަޢުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ސްކޫލަށް ފޯރުކޮށްދީފައި ނުވާ ކަމަށެވެ.
ސްކޫލުގެ ސީއީއޯ އިތުރަށް ބުނި ގޮތުގައި ލޯންޗުގެ ފަޅުވެރިންގެ ފަރާތުން ވެސް އަދި މި ޕްރޮގްރާމް އެ ސްކޫލަށް ހިންގައިދިން މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް (އެމްޑަބްލިއުއެސްއާރްޕީ) ގެ މުވައްޒަފުންގެ ފަރާތުން ވެސް މިކަން ހިނގައި ދިޔަ ގޮތުގެ ހެއްކެއް ފޯރުކޮށްދީފައި ނުވާ ކަމަށެވެ.
ސްކޫލުން ބުނަނީ، "މޯލްޑިވްސް ޕޮލިސް ސަރވިސް އިން މި ހާދިސާއާ ގުޅޭ ރިޕޯޓު ދޫކުރަންދެން، ހިނގާދިޔަ ކަންތައްތަކުގެ ފުރިހަމަ މަންޒަރެއް ސްކޫލަށް ނުލިބޭނެ،" ކަމަށެވެ.
ސިންގަޕޫރުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން (އެމްއޯއީ) އިން އަންގާރަ ދުވަހު ބުނި ގޮތުގައި އެސްޖޭއައިއައި އިން މި ހާދިސާ ގެ ކަންކަން ބެލެހެއްޓި ގޮތް މިނިސްޓްރީ އަކުން އިތުރަށް ތަޙުޤީޤެއް ނުކުރާނެއެވެ. މިގޮތަށް ނިންމީ ސްކޫލުގެ ބޭރު ދަތުރުތަކުގެ ސަލާމަތީ ޕްރޮޓޮކޯލްތަކާ އެއްގޮތަށް ޢަމަލު ކޮށްފައި ވާތީ އެވެ. އެޑިޔުކޭޝަނުން އިތުރަށް ފާހަގަކުރި ގޮތުގައި އެސްޖޭއައިއައި އަކީ ޕްރައިވެޓް ސްކޫލަކަށްވާތީ، އެއީ މެއިންސްޓްރީމް ތަޢުލީމީ ނިޒާމުން މިނިވަންކޮށް ހިންގާ ސްކޫލެކެވެ.
ޖެނާ ގެ މައިން ބަފައިން ސީއެންއޭ އަށް ބުނި ގޮތުގައި އޭނާ މަރުވި ގޮތުގެ ތަފްސީލެއް ވެސް ނުވަތަ ޒިންމާ ނަގަންޖެހޭނީ ކާކު ކަމެއް ވެސް އަދިވެސް އެމީހުންނަކަށް އެނގިފައެއް ނުވެއެވެ.
ރާއްޖޭގެ ތަހުގީގީ އިދާރާތަކުން އެކަށީގެންވާ އެހީތެރިކަން ނުލިބޭތީ، އެހެން ގޮތެއް ނެތުމުން، އެމީހުން އަމިއްލަ އަށް މިހާރު ތަޙުޤީޤެއް ފަށާފައިވާ ކަމަށް ސީއެންއޭ އިން ބުނެއެވެ.
އާއިލާ އިން ވަނީ "ޖަސްޓިސް ފޯ ޖެނާ" ނަމުގައި ވެބްސައިޓެއް ފަށާފައެވެ. މި ވެބްސައިޓު ގައި ހިމެނެނީ އެމީހުން ގަބޫލުކުރާ ގޮތުގައި ހާދިސާ ހިނގާދިޔަ ގޮތުގެ ކަންތައްތައް ބަޔާން ކުރާ ވީޑިއޯ އަކާއި އެމީހުން ބުނާ ގޮތުގައި އަދިވެސް ޖަވާބު ނުލިބި ހުރި ސުވާލުތަކުގެ ލިސްޓެކެވެ.
އޭޕްރީލް މަހު، ޖެނާގެ ބައްޕަ ވަނީ ވެގެން އުޅޭ ގޮތް އިތުރަށް ސާފުކުރަން ރާއްޖެ އަށް ދަތުރެއް ވެސް ކޮށްފައެވެ. އެ ދަތުރުގައި އުމުރުން 59 އަހަރުގެ ޗަން އަށް ޖެނާ އަށް ލިބުނު އަނިޔާތައް ދައްކުވައިދޭ ސީޓީ ސްކޭނެއް ލިބުން ފިޔަވައި އިތުރު މާ ބޮޑު ކަމެއް ނުވިއެވެ. އޭނާ ބުނީ ތަޙުޤީޤު ކުރިއަށްދާ ގޮތުގެ އެއްވެސް މުހިންމު އަޕްޑޭޓެއް ފުލުހުންގެ ފަރާތުން ނުލިބުނު ކަމަށެވެ.
މޭ މަހު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރުން ސިންގަޕޫރަށް ގޮސް ޖެނާ އާ އެކު ދަތުރުގައި ބައިވެރިވި 4 ދަރިވަރުންނާއި މުދައްރިސަކާ އިންޓަވިއު ކުރިއެވެ. ޑރ. ޖޮންސްޓަން ކަށަވަރު ކޮށްދިން ގޮތުގައި އެސްޖޭއައިއައި އިން މި އިންޓަވިއުތައް ނެގުމަށް ވަނީ މަގު ފަހި ކޮށްދީފައެވެ.
"މި ހާދިސާ ހިނގީ ރާއްޖޭގައި ކަމަށްވާތީ، ތަޙުޤީ ޤުކުރުމުގެ ބާރު އޮތީ ރާއްޖޭގެ ރަސްމީ އިދާރާތަކުގެ އަތުގައި، މޯލްޑިވްސް ޕޮލިސް ސަރވިސް އިން އަދިވެސް ތަޙުޤީޤު ކުރިއަށް ގެންދަނީ،" ޑރ. ޖޮންސްޓަން ބުންޏެވެ.
ޗެނެލް ނިއުސް އޭޝިއާ އިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން، މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ބުނި ގޮތުގައި ސިންގަޕޫރު ސަރުކާރުން ވަނީ މި ހާދިސާ ހިނގި ފަހުން ފެށިގެން އާއިލާއާ ގުޅުން ބާއްވަމުން ގެންގޮސްފައެވެ. އަދި އެ ތަނުގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން" ވީވަރަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ބުންޏެވެ.
އެ މިނިސްޓްރީގެ ތަރުޖަމާނެއް ބުނި ގޮތުގައި ބޭރު ޤައުމުތަކުގައި ހިނގާ ހާދިސާތައް ތަޙުޤީޤު ކުރުމުގެ ޤާނޫނީ އިޚްތިޞާޞް ސިންގަޕޫރުގެ އޮތޯރިޓީތަކަށް ލިބިގެނެއް ނުވެއެވެ.
"ނަމަވެސް، ސިންގަޕޫރުގެ ފުލުހުން ވަނީ މި މައްސަލައިގައި މައިގަނޑު ޒިންމާ އާއި އިޚްތިޞާޞް އޮތް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންގޮސްފައެވެ."
ސިންގަޕޫރުގެ މީޑިއާ އައުޓްލެޓް، ސީއެންއޭ އިން ބުނި ގޮތުގައި އިތުރު މަޢުލޫމާތު ހޯދުމަށް ދިވެހި ފުލުހުންގެ އިދާރާ އާ ގުޅުމަށް އެ ފަރާތުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ސީއެންއޭ އިން ބުނީ ފުލުހުންގެ ވެބްސައިޓުގައި ލިސްޓު ކޮށްފައިވާ މައި ހޮޓްލައިނަށް ގުޅުމުން އޮޕަރޭޓަރަކު ޖަވާބުދީ، ސީއެންއޭ އިން ފޮނުވި އީމެއިލް ސުވާލުތައް ލިބިފައިވާކަން ކަށަވަރުކޮށްދިނެވެ. އޮޕަރޭޓަރު ބުނި ގޮތުގައި މި މައްސަލަ ބަލަމުން ދަނީ ވަކި ޑިޕާޓްމަންޓަކުން ކަމަށާއި އެ ޑިޕާޓްމަންޓަށް ސީދާ ގުޅުމަށް އިރުޝާދު ދިން ކަމަށެވެ.
ދިވެހިރާއްޖޭގައި ޖެނާ މަރުވި ހާދިސާ އަށް 8 މަސް ވެގެން ދިޔައިރު، ސްކޫލުގެ ދަރިވަރުން ތަޖުރިބާ ހޯދުމަށް ބޭރު ގައުމުތަކަށް ކުރާ ދަތުރުތައްވެސް އޮތީ މިހާ ހިސާބައް އޮތީ ހުއްޓާލާފައެވެ.
އެހެން ނަމަވެސް، ތަޖުރިބާ ހޯދުމުގެ ދަތުރުތައް އަލުން ފެށުމަށް ސްކޫލުން މިހާރު ގެންދަނީ ތައްޔާރު ވަމުންނެވެ. ޖެނާގެ މަރުގެ ތަހުގީގު ނުނިމެނީސް ސްކޫލުން ބޭރު ދަތުރުތައް އަލުން ފެށުމަށް ރާވާފައިވާކަން އެނގުމުން އާއިލާ އަށް ހައިރާންކަން ލިބުނު ކަމަށް ވަނީ ބުނެފައެވެ.
ޑރ. ޖޮންސްޓަން ސީއެންއޭ އަށް ކިޔައިދިން ގޮތުގައި އައުޓް ޑޯ ތަޢުލީމަކީ ސްކޫލު އުފެދުނީއްސުރެ އެސްޖޭއައިއައިގެ މުޤައްރަރުގެ މައިގަނޑު ބައެކެވެ. އަދި ދަރިވަރުންގެ ޖުމްލަ ކުރިއެރުމަށް މިކަން މުހިންމުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ސްކޫލުގެ ދަތުރުތައް އަލުން ފެށިކަން ސީއީއޯ ކަށަވަރު ކޮށްދެމުން ބުނީ "އެކަމަކު ސްކޫލުން ރާއްޖެ އަށް ކުރާ ހުރިހާ ދަތުރުތަކެއް ހުއްޓާލާފައިވާނެ،" ކަމަށެވެ.