Advertisement
ކ. މާލެ
|
19 ޖުލައި 2025 | ހޮނިހިރު 13:28
ފ.މަގޫދޫ އެއާޕޯޓަށް ދީފައި ހުރި ގެއްލުންތަށް ދައްކަުވައިދޭ ބައެއް ފޮޓޯތަށް
ފ.މަގޫދޫ އެއާޕޯޓަށް ދީފައި ހުރި ގެއްލުންތަށް ދައްކަުވައިދޭ ބައެއް ފޮޓޯތަށް
ރާއްޖެއެމްވީ
މަގޫދޫ އެއަރޕޯޓް
މަގޫދޫ އެއާޕޯޓުގެ ފަޔާބިލްޑިންގުގެ ބިއްލޫރިތައް ތަޅާލައި އެތަން ރޯކޮށްލަން މަސައްކަތް ކޮށްފި
މަގޫދޫ އެއާޕޯޓުގެ ފަޔާ ބިލްޑިންގެ ބިއްލޫރިތައް އެއްކޮށް ހުރީ ތަޅާލާފަ، ޓަވަރަށް ވެސް ވަނީ ގެއްލުންތަކެއް ދީފަ

ފ. މަގޫދޫގައި ތަރައްގީކުރަމުންދާ އެއާޕޯޓުގެ ފަޔާބިލްޑިންގެ ބިއްލޫރިތައް ތަޅާލައި އެތަނަށް ބޮޑެތި ގެއްލުންތަކެއް ދީ، އެ ތަނުގައި އަލިފާން ރޯކޮށްލުމަށް މަސައްކަތްކޮށްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މަގޫދޫ އެއާޕޯޓުގައި އިމާރާތްކޮށްފައިވާ އެއާޕޯޓު ފަޔާ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް ތަޅާލި މައްސަލައެއް ހުކުރު ދުވަހުގެ ހެނދުނު 7:47 ހާއިރު އެމްޓީސީސީ މަގޫދޫ ސައިޓުގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން، އިމާރާތުގެ ބިއްލޫރިތައް ތަޅާލުމުގެ އިތުރުން އެ ތަނުގައި އަލިފާން ރޯކޮށްލުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުގީގުކުރަމުންނެވެ.

މިކަމާއި ގުޅިގެން މަގޫދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލް ހަމީދު މޫސާ ރާއްޖެ އެމްވީ އަށް ވިދާޅުވީ މަގޫދޫ އެއާޕޯޓުގެ ފަޔާބިލްޑިންގްގެ ހުރިހާ ބިއްލޫރިއެއް ވެސް ހުރީ ތަޅާލާފައި ކަމަށާއި އެ އިމާރާތާއި އިންވެގެން ހުންނަ އެއާޕޯޓު ޓަވަރަށް ވެސް ގައު އުކާ ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ އިމާރާތައް ގެއްލުންދިން ބަޔަކު މަސައްކަތް ކޮށްފައި ހުރީ، އެތަނުގެ ސީލިންގް ފަޅާލައި އެ އިމާރާތުގައި ރޯކޮށްލުމަށް ކަމަށެވެ. އެކަން އެނގިފައި ވަނީ ސީލިންގުން ފަޅާލާފައި ހުރި ބާގަނޑުގެ ތެރޭގައި އަލިފާން ރޯކުރުމަށް ހަދާފައި އޮތް ބޮނޑިއެއް ވެސް އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އޭގައި އަލިފާން ރޯކުރަން މަސައްކަތް ކޮށްފައި ހުރިކަން ވެސް އެނގިފައިވާ ކަމާއި ނަމަވެސް އެކަން އެމީހުންނަށް ކާމިޔާބު ނުވުމުން ތަނުގައި ރޯ ނުކޮށްލެވި ހުރީ ކަމަށެވެ.

ހަމީދު ވިދާޅުވީ އެތަނަށް ގެއްލުން ދީފައި ހުރިކަން އެނގުނީ ތިންވަރަކަށް ދުވަސް ފަހުން ކަމަށެވެ. އަދި އެނގުމާއި އެކު ވަގުތުން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެ މައްސަލަ ގެނެވިފައިވާ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެެ.

ހަމީދު ވިދާޅުވީ އެކަން އެނގުން ލަސްވީ އެތަނަކީ ރަސްމީކޮށް ސެކިއުރިޓީއެއް ވެސް ބަލަހައްޓާ ތަނަކަށް ނުވެފައި، މީހުން އުޅޭ ހިސާބާއި ފުދޭވަރަކަށް ދުރުގައި ހުންނަ ސަރަހައްދަކަށް ވާތީ ކަމަށެވެ. އަދި އެކަމަކީ މަގޫދޫ ބަޔަކު ކޮށްފައި ހުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވި ގޮތުގައި އެ ތަނަށް ގެއްލުންދީފައި އޮތް ތަން ފެނުނީ މިއަދެވެ. އެކަމަކު އެއާޕޯޓަށް ގެއްލުންދިން މައްސަލައިގައި ޝައްކުކުރެވޭ ބަޔަކު އަދި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާޕޯޓު ފަޔާބިލްޑިންގް ގެ ހުރިހާ ބިއްލޫރިތަކެއް ހުރީ ތަޅާލާފަ. އަދި އެތަނާއި އިންވެގެން ހުރި ޓަވަރަށް ވެސް ހުރީ ބޮޑެތި ގެއްލުންތަކެއް ދީފައި، ބެލެވޭ ގޮތުުގައި އެތަނަށް ގެއްލުންދީފައި ވަނީ ގައު އުކައިގެން. އެކަން ހިނގާފައި ވަނީ މިއަދަކު ނޫން، އެކަން ހިނގާފައި ވަނީ މީގެ ތިންވަރަކަށް ދުވަސް ކުރިން. އެކަން އެނގުނީ މިއަދު. އެ ހިސާބަކީ ރަށުގެ މީހުން ދިރިއުޅޭ ހިސާބާއި ފުދޭވަރަކަށް ދުރުގައި ހުންނަ ތަނެއް. އެހެން ވެގެން އަސްލު އެކަން ކުރިކަން އެހާލަހުން އެ އެނެގުނީ.

މަގޫދޫ ކައުންސިލް ނައިބު ރައީސް އަބްދުލް ހަމީދު

މަގޫދޫ އެއާޕޯޓު މަޝްރޫއަަކީ ގާތްގަނޑަކަށް 232 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

ކުރީ ސަރުކާރުން މަގޫދޫ އެއާޕޯޓު ތަރައްގީކުރުމަށް ނިންމާފައިވަނީ ޖެޓްތައް ޕާކް ކުރެވޭނެ އިތުރު ޕާކިން ސަރަޙައްދަކާއި ވީއައިޕީ ޓާމިނަލެއް ހިމެނޭ ގޮތަށެވެ.

އަދި، އެ ތަނަށް ޖައްސާ ބޯޓުފަހަރަށް ތެޔޮއެޅޭނެ ފިއުލް ފާމެއް އެއާޕޯޓުގައި ގާއިމުކޮށް ޖެޓުތަކުގެ ފަޅުވެރިންނަށް މަޑުކުރެވޭނެ ހޮޓަލެއް ވެސް ތަރައްގީކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް