އއ.މާޅޮހުގައި ބޮޑެތި ޒަހަމްތަކެއް ދީ މިދިޔަ ހޮނިހިރު ދުވަހު މަރާލި އެރަށު އޯކިޑްމާގެ، އަބްދުލް ރަހުމާން އާދަމްގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް އަންނަ ހަފްތާގައި ރާއްޖެއިން ބޭރަށް ފޮނުވުމކުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ވިދާޅުވީ އއ.މާޅޮހުގައި ބޮޑެތި ޒަހަމްތަކެއް ދީ މިދިޔަ ހޮނިހިރު ދުވަހު މަރާލި އަބްދުލް ރަހުމާން އާދަމްގެ ހަށިގަނޑު ޕޯސްޓް މޯޓަން ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އަންނަ ހަފްތާގައި އޭނާގެ ހަށިގަނޑު ރާއްޖެެއިން ބޭރަށް ފޮނުވާލެވޭވަރު ވާނޭ ކަމަށެވެ. އެހެން ނަމަވެސް ކަނޑައެޅިގެން ވަކި ދުވަހެއް އަދި ދަންނަވަން ދަތިކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އަބްދުލް ރަހުމާންގެ މަރާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރެވިގެން އުޅެނީ ކީއްވެތޯ އާއި އަދި އެ މަރާއި ގުޅިގެން ޝައްކުކުރެވޭ އެއްވެސް މީހަކު ފެނިފައިވޭތޯ ކުރި ސުވާލުގެ ޖަވާބުފައި ފުލުހުންފެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މަރާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށާއި އެ މަރާއި ގުޅިގެން ޝައްކު ކުރެވޭ މީހަކުވެސް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.
ބޮޑީ ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން މި ގެންދަނީ. އަންނަ ހަފްތާގައި ހބޮޑީ ރާއްޖެއިން ބޭރަށް ފޮނުވާލެވޭނެ ކަމަށް މި ބަލަނީ. އެހެން ނަމަވެސް ސީދާ ވަކި ދުވަހެއް އަދި ކަނޑައެޅީގެ ދަންނަވަން ނޭންގޭ. މި މަރާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރޭ. ޝައްކުކުރެވޭ މީހަކުވެސް އަދި ނުފެނޭ.
ޕޮލިސް މީޑިއާ އޮފިޝަލް![]()
އެހެން ނަމަވެސް މި މައްސަލަގައި އެ ރަށުގައި ފުލުހުން އަދިވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ފުލުހުންގެ ހުއްދަ ނެތި އެ ރަށުން މީހުން ފުރުން އަދިވެސް މަނާކޮށްފައިވާ ކަމަށާއި، އެ ރަށަށް އަރާ ފައިބާ މީހުން ފުލުހުން ދަނީ މޮނިޓަރކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
މަރުހޫމް ޢަބްދުއްރަޙްމާން އާދަމް (65 އ) ގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާ، އޭނާގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ ޖުލައި މަހުގެ 13 ގައެވެ. އަދި މި ނިންމުމަކީ، މަރުގެ ސީދާ ސަބަބުން ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފުލުހުން ބުނެއެވެ.
2025 ޖުލައި 13 ވަނަ ދުވަހުގެ ދަންވަރު ހިނގި މި ހާދިސާގައި، ގޭގައި ނިދާފައި އޮއްވާ ޢަބްދުއްރަޙްމާން އާދަމް އަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް އެރޭގެ ފަތިހު ވަނީ ނިޔާވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ ބޮލުގައި އެއްޗަކުން ޖަހާ ބޯ އޮތީ ޗަސްކޮށްލާފައެވެ.