ޢުމުރުން 64 އަހަރުގެ ޝާހީނާޒް ބަކްރުއާއި އޭނާގެ ޢާއިލާއަށް މި ވަގުތު ބޯ ހިޔާ ކޮށްލެވެން އޮތް ހަމަ އެކަނި ތަނަކީ ރަފަޙުގައި ވަގުތީ ޓެންޓު ޖަހާފައި ވާ ކޭމްޕެކެވެ. އުތުރުގެ ޣައްޒާ ސިޓީގައި އެ ޢާއިލާއިން ދިރިއުޅެމުން ދިޔަ ތަނަވަސް ގެދޮރު ދޫކޮށް ޝާހީނާޒްއާއި އޭނާގެ ޢާއިލާއިން ނިކުތް ފަހުން އެތައް ތަނަކަށް ބަދަލުވެއްޖެއެވެ. އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލުން ހިންގަން ފެށި ޤަތުލުޢާންމުގެ ޢުދުވާންތަކުން ދިފާޢުވެވޭތޯއެވެ.
ނިރުބަވެރި ޔަހޫދީންގެ ޤަތުލުޢާންމަށް 100 ދުވަސް ވީ އިރު، ޝާހީނާޒް ފަދައިން ޣައްޒާގެ 2.3 މިލިއަނެއްހާ މީހުންގެ ދިރިއުޅުން މިއަދު އޮތީ ނާމާން އަދި ބިރުވެރި ހުވަފެނެއްގެ ތެރޭގައި ފަދައެވެ. ދިރިއުޅުމުގެ އެންމެ ޒަރޫރީ ބޭނުންތައްވެސް ފުދެން ނެތް އިރު، މިއަދު ޣައްޒާގައި ނޭވާލުމަކީވެސް ވޭން ހުރި ކަމެކޭ ބުނެވިދާނެއެވެ.
ވަގުތީ ޓެންޓުގައި ޝާހީނާޒް ދިރިއުޅެމުން ދަނީ އޭނާގެ 32 އަހަރުގެ އަންހެން ދަރިފުޅު ހީބާއާއި، 4 މާމަދަރިންނާވެސް އެކުގައެވެ. ހީބާ މިހާރުވެސް އިނީ ބަލިވެއެވެ.
ހަނގުރާމައަށް 100 ދުވަސް ވީ އިރު، އެތައް ތަނަކަށް އަހަރެމެންނަށް ބަދަލުވެވިއްޖެ. އަހަރެންގެ ފިރިހެން ދަރިންނާއި، އަހަރެންގެ އެއްބަނޑު އެއްބަފާ ފިރިހެން ކުދިންކޮޅު ވީތަނެއް ނޭނގޭ. ޢާއިލާ ވީ ހިސާބެއްވެސް ނޭނގޭ. އެއްވެސް މީހަކާ ގުޅާލެވޭނެ ގޮތެއް ނެތް. އެއްވެސް މީހެއްގެ ޙާލެއް ނޭނގޭ. އެކަމަކު، އެކަންކަމާ ވިސްނާނެ ވަގުތެއް ނުވޭ. ދިރިހުރުމަށްޓަކާ، ކައިބޮއެ ހަދާނެ ގޮތެއް ހޯދަން އުޅެންޖެހިފަ އޮންނަނީ.ޝާހީނާޒް ބަކްރު؛ ޣައްޒާގައި ގެދޮރު ގެއްލިފައި ވާ މީހެއް
ހީބާގެ ބަނޑަށް މިހާރު 6 މަސް ފުރިފައި ވާ އިރު، ބަނޑުގައި އޮތް ދަރިފުޅުގެ މުސްތަޤުބަލާ މެދު ހީބާގެ ހިތުގައި ޖަހަމުން ދަނީ ނުތަނަވަސް ކަމާއި މާޔޫސްކަމުގެ ވިންދެކެވެ.
ހަނގުރާމަ ފެށުނުތާ 100 ދުވަސް ފަސް، އަހަރެންގެ ބަނޑަށް 6 މަސް. ހަނގުރާމަ ފެށީއްސުރެ މިއަދާ ހަމައަށްވެސް ޗެކަޕެއް ހަދާކަށް ނުދަން. ބަނޑުގަ މި އޮތް ދަރިފުޅުގެ ޙާލެއް ނޭނގޭ. އެއްވެސް އެއްޗެއް ނޭނގޭ. މާބަނޑު ޙާލުގަ މި ވޭތުކުރާ ދުވަސްތައް އަހަރެން ވަރުބަލިކޮށްލައިފި. މާބަނޑު ދުވަސްވަރު އަންހެނަކު އުޅޭނެ ޙާލު އެނގެއެއްނު. ފަރުވާއެއް ހޯދާނެ ގޮތެއް ނޭނގޭ. އަހަރެން ވަރުބަލިވެއްޖެ. ނަފްސާނީ ޞިއްޙަތަށްވެސް ނޭދެވޭ އަސަރު ކުރޭ އެބަ. ބޮލުގަ އެވަރަށް ރިއްސާ. ތަދުކަނޑުވާ ބޭހެއް ނުކެވޭ. މީ އެއް ކަންތައް. ދެވަނަ ކަމަކީ، އަހަންނަށް ދަރިއެއް ލިބެން މި އުޅެނީ. ވިހާ ދުވަހާ މެދު ވަރަށް ކަންބޮޑުވޭ. ވިހާނީ ކޮންތާކު؟ ވިހޭމަ ދެން ހޯދަން ޖެހޭ ފަރުވާ ހޯދާނީ ނުވަތަ ފަރުވާ ދޭނީ ކިހިނެއް؟ ދަރިފުޅު ލައްވާލާނެ އެންމެ ހެދުމެއްވެސް ނެތް އަހަރެން އަތަކު. އެންމެ ފަހުން އަހަރެން ބަލިވެ އިނީ މީގެ 9 އަހަރު ކުރިން. އެހެންވެ، ދަރިފުޅުގެ އެއްވެސް ހެދުމެއްވެސް ނެތް. ހުރިހާ އެންމެން މި ތިބީ ގެދޮރު ގެއްލިފަ. އެހެންވީމަ، އަހަންނަށް ހެދުމެއް ދިއްކޮށްލެވޭނެ މީހަކު ހުންނާނެހެން ހީއެއް ނުވޭ. ނުވިތާކަށް ފިހާރައަކުންވެސް ގަނެވޭނެ ގޮތް ވާނެހެންނެއް ހީއެއް ނުވޭ.ހީބާ ބަކްރު؛ ޣައްޒާގައި ގެދޮރު ގެއްލިފައި ވާ މާބަނޑު ޒުވާނެއް
މުޅި ޣައްޒާ ހަފުސްކޮށް ފަލަސްޠީނުގެ ނަސްލު ދޮވެލުމަށް އަރުވާޖަހައިގެން އޮތް އިޒްރޭލުގެ ޤަތުލުޢާންމުގައި މި ދުނިޔެއާ ވަކިކޮށްލި ފަލަސްޠީނު ރައްޔިތުންގެ ޢަދަދު 24000 އަށް އަރައެވެ. އެއީ ކޮން ބައެއްކަން ކަށަވަރުވި މީހުންގެ ޢަދަދެވެ. އެޔެއް މިޔެއް ބެލުމެއް ނެތި ވައްޓާލާފައި ވާ ޢިމާރާތްތަކުގެ ދަށުގައި އަދިވެސް އެތައް ހާސް ބައެއްގެ ހަށިތައް ވާނެ ކަމަށް ޣައްޒާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. ނިރުބަވެރި ޢުދުވާންތަކުގައި ފަލަސްޠީނުން 60000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
އަހަރެމެން މިހާރު މި ދިރިއުޅެނީ އިންތިހާ ފަޤީރު ޙާލުގަ. ހަމަޖެހުމެއް އަރާމެއް ނެތް. ކާބޯތަކެއްޗެއް ނެތް. ފެނެއް ނެތް. ހުރިހާ ކަމެއްގައި އޮތީ ތަކުލީފު. ކޮންމެ ކަމެއްގެވެސް ސިއްލަންކޮޅަށް ގޮސްގެން ނޫނީ ކާނެ އެތިކޮޅެއް، ބޯނެ ފެންފޮދެއް ނުލިބޭ. ބައެއް ފަހަރު އަނބުރާ އަންނަން އެބަ ޖެހޭ ހުސް އަތާވެސް. ބޭކަރީ ދޮށަށް ގޮސް، އެތައް އިރެއް ވަންދެން އެބަ ޖެހޭ ހުންނަން، ދަރިންނަށް ޕާންކޮޅެއް ލިބޭތޯ. އަނެއް މީހަކު ހަމަ އެހެން އެބަ ޖެހޭ ހުންނަން ފެން ފޮދެއްގެ އުންމީދުގަ. މި ހިސާބުން ފެށިގެން، ސަރަޙައްދީ އިމާ ހިސާބަށް ސަފު އެބަ ދަމާލާ، ފެން ފޮދެއް ލިބޭތޯ.ޝާހީނާޒް ބަކްރު؛ ޣައްޒާގައި ގެދޮރު ގެއްލިފައި ވާ މީހެއް
ބައެއް މީހުންނަކީ ޢުމުރުގެ ބާކީ އޮތް ދުވަސްތައް، ނުކުޅެދޭ މީހުންގެ ގޮތުގައި ހޭދަ ކުރަން މަޖުބޫރުވެފައި ވާ މިހުންނެވެ. މި ގެއްލުންތަކަކީ 1948 ވަނަ އަހަރު އިޒްރޭލާއި ފަލަސްޠީނާ ދެމެދު ކުރި ހަނގުރާމައަށް ފަހު، ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލު ކުރަމުން ދާ އެންމެ ބޮޑު ގެއްލުމެވެ.
މުޅި ޣައްޒާ މިއަދު އޮތީ ގައުކުނޑީގެ ގޮނޑަކަށް ވެފައެވެ. މުޅި އާބާދީހެން މިއަދު ފިތިބާރުވެގެން ދިރިއުޅެމުން ދަނީ ޣައްޒާގެ ދެކުނުގައެވެ. އޭގެ ތެރެއިންވެސް އެތައް ބަޔަކު މިއަދު އުޅެނީ ރަފަޙުގައެވެ.
ޣައްޒާގެ ހުރިހާ ހޮސްޕިޓަލެއްހެން އިޒްރޭލުން ވަނީ ސުންނާފަތި ކޮށްފައެވެ. ނަމަވެސް ހޮސްޕިޓަލު ފަދަ ތަންތަނަކީ އެއްވެސް ހަނގުރާމައެއްގައި އެތަންތަނަށް ޙަމަލާ ދީ އުޅޭ ތަންތަނެއް ނޫނެވެ. އިޒްރޭލު އަސްކަރިއްޔާގެ ނިރުބަވެރި ޙަމަލާތަކުގެ އިތުރުން، ޣައްޒާއަށް ކުރިމަތިކޮށްފައި ވާ ފިއްތުންތަކުގެ ސަބަބުން އުފެދިފައި ވާ އިންސާނީ ކާރިޘާގެ ޝިކާރައަކަށްވެގެންވެސް ފަލަސްޠީނުން އެތައް ބައެއް ފުރާނަ ގެއްލި ދިއުމުގެ ބިރު މިހާރު އިންތިހާ ބޮޑެވެ.
ހަނގުރާމައިގެ ކުރިން އަހަރެން އިންނަނީ ކޮފީ ކުރައެއް ކައްކާލައިގެން، ކައިރީގަ އެ ބައިންދައިގެން މުޅި ރޭ ހޭދަ ކުރަނީ ކޮންމެވެސް އެއްޗެއް ވިޔުމުގަ. ހެދުމުގެ އަޑިން ލާން ގެންގުޅޭ ފޭރާމާއި، ޓީޝާޓާ، އެކަހަލަ ހުރިހާ އެއްޗެއް ވިޔަން. ކޮފީ ބޮމުން، ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން، އުފާވެރި ދިރިއުޅުމެއް އުޅެމުން ދިޔައީ. ބޭސްވެސް ކަން. ސުލްޙަވެރި އުޅުމެއް އުޅެމުން ދިޔައީ. ދެން މި ފެށުނީ ހަނގުރާމަ. ހާސްކަމާއި ނުތަނަވަސްކަމުގަ އުޅުން ނޫން ގޮތެއް ނެތް. މިހާރު ވިޔެވެނީއެއް ނޫން. ކިތަންމެ ބަލައިގެން ވިޔުނަސް، ސައިޒު ދިމައެއް ނުވޭ. ނުތަނަވަސްވެފަ އިންނަ ވަރުން. ވައިގެ ޙަމަލާތަކާއި، ބޮމާއި ބަޑީގެ ޢުދުވާންތަކުގަ އެތައް ބައެއް ފުރާނަ ގެއްލިއްޖެ. ޔަހޫދީން އެ ދަނީ ހޮސްޕިޓަލުތަކަށްވެސް ޙަމަލާ ދެމުން. އެހެންވެ، އަހަރެންގެ ހާސްކަމާއި ނުތަނަވަސްކަން ވަކިން ބޮޑުވޭ.ޝާހީނާޒް ބަކްރު؛ ޣައްޒާގައި ގެދޮރު ގެއްލިފައި ވާ މީހެއް
ޚިދުމަތް ދެވޭ މަދު ހޮސްޕިޓަލުތައް އޮތީ ފުރި ބާރުވެފައެވެ. އޮޕަރޭޓް ކުރަމުން ދަނީ ކެޕޭސިޓީއަށް ވުރެ އެތައް ސަތޭކަ ގުނައެއް އިތުރަށެވެ. ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތް ތެރިން ތިބީ ވަރުބަލިވެފައެވެ. ބައެއް ޑޮކްޓަރުންނަކީ 24 ގަޑިއިރުގެ ޝިފްޓުގައި މަސައްކަތް ކުރަން މަޖުބޫރު ވެފައި ވާ ޑޮކްޓަރުންނެވެ. ޞިއްޙީ ޢާލާތްތަކާއި ބޭހުގެ ސަޕްލައިވެސް އެކަށީގެން ވާ ގޮތެއްގައި ލިބެން ނެތް އިރު، ބޮޑެތި ޒަޚަމްތަކާ އެކު ފަރުވާއެއްގެ އުންމީދުގައި ހޮސްޕިޓަލަށް އަންނަ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނަށް ކުރިމަތިވެފައި އޮތް ނަފްސާނީ ވޭނަކީވެސް ހަނދާން ނައްތާލެވެން އޮތް ކަމެއް ނޫނެވެ.
ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ޙަމާސް ޖަމާޢަތުގެ ވަސް މި ދުނިޔެއިން ފޮހެލުމަށް ކަމަށް ބުނެ އިޒްރޭލުން ދެމުންދާ ޢުދުވާންތައް ކުޑަކޮށްވެސް މަޑުޖައްސާލާފައި ނުވާ އިރު، އަދިވެސް އެތައް މަހަކަށް އެ ޙަމަލާތައް ކުރިއަށް ދާނެ ކަމަށް ޔަހޫދީން ވަނީ އިންޒާރު ކޮށްފައެވެ. ބަރަކާތްތެރި ރަމަޟާން މަހަށް، ބާކީ 2 މަސްދުވަސްވެސް ދެން ނެތެވެ.
އަހަރެންގެ ގޭގަ ހުންނާނީ ނިކަން ރީއްޗަށް މުށި ޖަހައިގެން ހަދާފަ ހުރި ބަދިއެއް. ހާމަ ތަންތަން ހުންނާނެ. ވަރަށް ހިތްގައިމު، ތަރުތީބު ދިރިއުޅުމެއް އެއީ. އެކަމު، ނިކަން ދެކިބަލަ އަހަރެމެންނަށް މިއަދު ބޭނުން ކުރަން ޖެހޭ ބަދިގެ. މީ އަހަރެމެންގެ އަދުގެ ދިރިއުޅުމަކީ. މި ތިބެނީ ވެލިގަނޑު މަތީގަ. ފެން ފޮދެއް ނުލިބޭ. ތަށިކޮޅުވެސް ދޮވެލެވޭކަށް ނެތް. އަހަރެމެންނަށް ކުރެވޭނެ ކަމެއް ނެތް. މާތް ﷲ އަހަރެމެންނަށް މަދަދު ދެއްވާށި.ހީބާ ބަކްރު؛ ޣައްޒާގައި ގެދޮރު ގެއްލިފައި ވާ މާބަނޑު ޒުވާނެއް
އިޒްރޭލުގެ ޢުދުވާންތަކުގައި މިހާތަނަށް އެންމެ ބޮޑު ތަކުލީފެއް އުފުލަމުން ދަނީ ޣައްޒާގެ ޢާންމުންނެވެ. ވަކިން ޚާއްޞަކޮށް، އަންހެނުންނާއި ކުޑަކުދިންނެވެ. ނިރުބަވެރިންގެ ޙަމަލާތަކުގައި ޢާންމުން މަރުވާ މައްސަލައާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުން އަމާޒު ކުރާ ފާޑުކިއުންތަކުގެ ރައްދުގައި އިޒްރޭލުން ބުނަނީ، ޢާންމުންގެ ސަލާމަތަށް ވީ ވަރަކުން ބަލާ ކަމަށެވެ. ނަމަވެސް ހަނގުރާމައިގެ ބޭނުންތަކަށް، ޙަމާސް ޖަމާޢަތުން ޢާންމު ތަންތަން ބޭނުން ކުރަމުން ދިއުމަކީ ޢާންމުންގެ ފުރާނަ ނުރައްކަލަށް ހުށަހަޅާ ސަބަބު ކަމަށް ބުނެ އިޒްރޭލުން ކުޅެނީ ދިފާޢަށެވެ.
އޭނާއާއި އޭނާގެ ޢާއިލާއަށް ކުރިމަތިލާން ޖެހިފައި އޮތް ތަކުލީފުތަކަކީ، ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް އުފުލަންޖެހިފައި އޮތް ތަކުލީފުތަކާއި، ވޭނާއި ކުކުޅުމުގެ ހަނދާން، ޝާހީނާޒްއަށް އައު ކޮށްދެނި ކަންކަމެވެ.
މުޅި ޣައްޒާ ސުންނާފަތި ކޮށްފި. ޣައްޒާގެ 70 ޕަސެންޓް ގެދޮރު ބިމާ ހަމަކޮށްފި. ޣައްޒާ ސިޓީއަށް ގޮސް، އަހަރެމެން ދާނީ ވަކި ކޮންތާކަށް؟ އަހަރެމެން ދިރިއުޅޭނީ ކޮންތާކު؟ އަހަރެމެންގެ ހުރިހާ ގެދޮރެއް ހަފުސްކޮށްފި. ބާޒާރުތަކާއި ޔުނިވަރސިޓީތަކާއި އޮފީސްތައްވެސް ސުންނާފަތިކޮށްފި. ޣައްޒާ ނެތީވިއްޔާ އަހަރެމެންނަށް ދިރިއުޅުމެއް ކޮބާ؟ ޣައްޒާއަށް ސިޓީއަށް އަނބުރާ ދާންވެއްޖެއްޔާ އަހަރެމެންނަށްވެސް މަޖުބޫރުވާނީ ޓެންޓޫ ޖަހަން. ގެދޮރު ގެއްލުމަކީ އަހަރެމެންނަށް ހުރި ގޮތްތަ؟ 1948 ގަވެސް ގެދޮރު ގެއްލުނީ... ދެން އަނެއްކާ 2024 ގަވެސް?ޝާހީނާޒް ބަކްރު؛ ޣައްޒާގައި ގެދޮރު ގެއްލިފައި ވާ މީހެއް
ހީބާގެ ހުރިހާވެސް އުންމީދަކީ ހަނގުރާމަ ހުއްޓި، ހިންދެމިލެވޭ ގޮތްވުމެވެ.
މި ދިޔަ 100 ދުވަސް ހީވަނީ، އަހަރެންގެ މުޅި ޢުމުރުހާ ގިނަ ދުވަސްހެން. އެއީ އަހަރެންގެ މުޅި ޙަޔާތުގަވެސް ތަޖުރިބާ ކުރި އެންމެ ހިތްދަތި ދުވަސްތައް. ހީވަނީ، ނިދިން ހޭލެވެން ނެތް ޙާލުގަ ފެންނަ ބިރުވެރި ހުވަފެނެއްގެ ތެރޭގަ އުޅޭހެން. ދެން ވާނެ ގޮތެއް އެނގެނީއެއް ނޫން. މިއަށް ވުރެ ދެރަ ގޮތެއް ބަޔަކަށް އަޅެ ކުރިމަތިވާނެތަ؟ ﷲ ގަންދީ ބުނަން، އަހަރެމެން ވަރަށް ވަރުބަލިވެއްޖެ.ހީބާ ބަކްރު؛ ޣައްޒާގައި ގެދޮރު ގެއްލިފައި ވާ މާބަނޑު ޒުވާނެއް
އިޒްރޭލުގެ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް މާ ބޮޑު ކަމެއް ކުރާކަށް ނުކެރިފައި އޮތް އިރު، ޔަހޫދީ ނިރުބަވެރިން ގޮވައިގެން ބައިނަލްއަޤުވާމީ ޢަދުލު އިންސާފުގެ ކޯޓު (އައިސީޖޭ)އަށް ވަންނަން ކެރުނު ހަމަ އެކަނި ޤައުމަކީ ދެކުނު އެފްރިކާއެވެ. އިޒްރޭލުން ޤަތުލުޢާންމު ހިންގާ ކަމުގެ ތުހުމަތުގައި އައިސީޖޭއަށް ދެކުނު އެފްރިކާއިން ހުށަހެޅި ދަޢުވާއަށް އިޒްރޭލުން ފާޅުގައި އިންކާރު ކުރެއެވެ. އިޒްރޭލުން ބުނާ ގޮތުގައި ހިނގަމުންދާ ހުރިހާ ކަމަކީވެސް އަމިއްލަ ނަފުސުގެ ދިފާޢުގައި ހިންގާ ކަންކަމެވެ.
މިއީ އިޒްރޭލަށް ފާޅުގައި އެއްބާރުލުން ދެމުންދާ އެމެރިކާއާއި އެކުވެރިންނަށް ބަލައިގަންނެވޭ ދިފާޢެކެވެ. ނަމަވެސް އިންސާނިއްޔަތު ކަމުގެ ޒައްރެއްގެ މިންވަރު ހުރި މީހަކު ނަމަ، އިޒްރޭލުގެ ޔަހޫދީންނަކީ ނަސްލު ދޮވެލުމުގެ ނިރުބަވެރި ޖަރީމާ ހިންގަމުންދާ މުޖުރިމުން ނޫން ކަމަކަށް ނުބުނާނެއެވެ.