ކ. މާލެ
|
7 ޑިސެންބަރ 2023 | ބުރާސްފަތި 14:41
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް
ގޫގުލް
އެންޓޯނިއޯ ގުޓަރޭސް
ޣައްޒާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަލާމަތަށް ނުރައްކާވެދާނެކަމުގެ އިންޒާރު އދ.ގެ ވެރިޔާ ދެއްވައިފި
ގުޓަރޭސް ފޮނުއްވި ސިޓީފުޅާ މެދު ފިޔަވަޅު އެޅުމަށް ޔޫއޭއީ އިން ވަނީ އެ ކައުންސިލަށް ޑްރާފްޓް ގަރާރެއް ހުށަހަޅާފައި

ޣައްޒާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އެ ޖަމާއަތުގެ ސަލާމަތީ މަޖިލީހަށް ދެއްވައިފިއެވެ.

ގުޓަރޭސް އިންޒާރު ދެއްވީ އދ. ސަލާމަތީ މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

ގްޓަރޭސްގެ ސިޓީފުޅުގައި އިސްރާއީލާއި ފަލަސްތީނުގެ ހަމާސްއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށް ވަނީ ގޮވާލައްވާފައެވެ.

ގުޓަރޭސް ފޮނުއްވި ސިޓީފުޅާ މެދު ފިޔަވަޅު އެޅުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ އެ ކައުންސިލަށް ޑްރާފްޓް ގަރާރެއް ހުށަހަޅާފައެވެ.

ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޫއޭއީގެ އަމާޒަކީ ހުކުރު ދުވަހު އެ ގަރާރަށް ވޯޓަށް އެހުމެވެ. ޔޫއޭއީ އިން މި ޤަރާރު ހުށަހަޅާފައި ވަނީ ޣައްޒާއާ ބެހޭ ގޮތުން ގުޓަރޭސް ކައުންސިލަށް މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.

އދ. ސަލާމަތީ މަޖިލީހުގައި ގަރާރެއް ފާސްކުރަން މަދުވެގެން ނުވަ ވޯޓު ބޭނުންވާއިރު، ގަރާރެއް ފާސްވާނީ ދާއިމީ ފަސް މެންބަރުން ކަމަށްވާ އެމެރިކާ، ރަޝިއާ، ޗައިނާ، ފްރާންސް ނުވަތަ އިނގިރޭސިވިލާތުން ވީޓޯ ނުކޮށްފިނަމައެވެ.

އެމެރިކާއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ސަފީރު ރޮބަޓް ވުޑް ވިދާޅުވީ ސަލާމަތީ މަޖިލީހުން މިވަގުތު ޣައްޒާ ހަނގުރާމައާއި ގުޅޭގޮތުން އިތުރު ފިޔަވަޅެއް އެޅުމަށް އެމެރިކާއިން ތާއީދު ނުކުރާ ކަމަށެވެ.

އެހެން ނަމަވެސް، އަޅުގަނޑުމެން ފޯކަސް ކުރަމުން މިގެންދަނީ، އިތުރު ރަހީނުން ދޫކޮށްލުމަށާއި ޣައްޒާއަށް އިތުރު އެހީތައް ފޯރުކޮށްދިނުމާއި، އާންމުންގެ ރައްކާތެރިކަން މިހާރަށްވުރެ ރަނގަޅަށް ފޯރުކޮށްދިނުމަށް
ރޮބަޓް ވުޑް / އެމެރިކާއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ސަފީރު

އެމެރިކާ އާއި އެކުވެރި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމާ ދެކޮޅު ހަދަނީ އެކަމުގެ ފައިދާ ލިބޭނީ ހަމާސް އަށް ކަމަށް ގަބޫލުކުރެވޭތީއެވެ. އޭގެ ބަދަލުގައި ވޮޝިންޓަނުން ތާއީދު ކުރަނީ އާންމުންގެ ހިމާޔަތާއި، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ނުރައްކާތެރި ހަމަލާގައި ހަމާސް ޖަމާއަތުން ރަހީނުކުރި މީހުން ދޫކޮށްލުމަށް ފުރުސަތު ދިނުމަށެވެ.

ޔޫއޭއީގެ ޑްރާފްޓް ގަރާރަށް އަރަބި އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ޖަމާއަތުގެ ތާއީދު އެބައޮތް ކަމަށާއި މިއީ އަޚްލާގީ އަދި އިންސާނީ ގޮތުން ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި ސެކްރެޓަރީ ޖެނެރަލްގެ ގޮވާލެއްވުމަށް ހުރިހާ ގައުމަކުން ވެސް އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރާކަމަށް، އެކްސްގައި ޔޫއޭއީގެ މިޝަން އިން ބުނެފައިވެއެވެ.

ފަލަސްތީނުގެ އދ.ގެ މަންދޫބު ރިޔާދު މަންސޫރު ވިދާޅުވީ ސަލާމަތީ މަޖިލީހުގެ ގަރާރުގެ ޑްރާފްޓާ ބެހޭ ގޮތުން އަރަބި ވަޒީރުން މި ހަފުތާގައި ވޮޝިންޓަނަށް ކުރައްވާ ދަތުރުފުޅުގައި އެމެރިކާގެ އޮފިޝަލުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުއްވި ސިޓީފުޅުގައި ގުޓެރޭޒް ވިދާޅުވެފައިވަނީ މި ހަނގުރާމައިގެ ސަބަބުން ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތަށް މިހާރު ހުރި ނުރައްކާތައް އިތުރަށް ބޮޑުވެދާނެ ކަމަށެވެ.

އދ. ގެ ޗާޓަރުގެ 99 ވަނަ މާއްދާގެ ދަށުން ބައިނަލްއަގްވާމީ ސުލްހަ މަސަލަސްކަމާއި އަމާންކަން ދެމެހެއްޓުމަށް ނުރައްކާވެދާނެ ފަދަ އެއްވެސް ކަމެއް އޮތްނަމަ ސަލާމަތީ މަޖިލީހުގެ ސަމާލުކަމަށް ގެނައުމުގެ ފުރުސަތު ގްޓަރޭސްއަށް އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ އދ. ގެ ސަފީރު ގިލާޑް އެރްދާން ވަނީ ގްޓަރޭސްއަށް ފާޑުކިޔާފައެވެ. އޭނާ ބުނީ ސަލާމަތީ މަޖިލީހަށް ސިޓީ ފޮނުއްވުމަކީ ގްޓަރޭސް ކުރެއްވި އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ ކަމެއް ކަމަށެވެ.

ސެކްރެޓަރީ ޖެނެރަލް ހަނގުރާމަ ހުއްޓާލުމަށް ގޮވާލެއްވުމަކީ ހަގީގަތުގައި ވެސް ޣައްޒާގައި ހަމާސްގެ ޓެރަރިޒަމްގެ ވެރިކަން ދެމެހެއްޓުމަށް ގޮވާލާ ގޮވާލުމެއް
ގިލާޑް އެރްދާން / އިސްރާއީލުގެ އދ.ގެ ސަފީރު

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިއު މިލާ ވިދާޅުވީ މި ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދީ އަދި ދުނިޔޭގެ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އަޅުގަނޑުމެން ވަރަށް ސާފުކޮށް ދެންނެވިން އަޅުގަނޑުމެން ކުރަން އުޅޭ އެއް ކަމަކީ މި ހަމަނުޖެހުން ފެތުރުން ހުއްޓުވުން
މެތިއު މިލާ / އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު

އިސްރާއީލުން ބުނީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާގައި 1200 މީހުން މަރުވެ 240 މީހުން ރަހީނުކޮށްފައިވާ ކަމަށެވެ. އޭގެ ބަދަލުގައި އިސްރާއީލުން ވަނީ ހަމާސް ޖަމާއަތާ ދެކޮޅަށް ބަދަލު ހިފުމުގެ ގޮތުން މުޅި ޣައްޒާ ފުނޑުނޑު ކޮށްލާފައެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ 2.3 މިލިއަން މީހުންގެ އެންކްލޭވްގައި މިހާތަނަށް 16،015 މީހުން މަރުވެފައިވާ ކަމަށެވެ.

ގުޓެރޭޒްގެ ސިޓީފުޅުގައި ވިދާޅުވެފައިވަނީ އާންމުންނަށް ހަރުދަނާ ހިމާޔަތެއް ލިބިފައި ނުވާ ކަމަށާއި "ޣައްޒާގައި އެއްވެސް ތަނެއްގައި ސަލާމަތެއް ނެތް" ކަމަށެވެ.

- ކޮމެންޓް