ކ. މާލެ
|
30 ނޮވެންބަރ 2023 | ބުރާސްފަތި 21:40
ބާސެލޯނާގެ ކޯޗު ޒަވީއާއެކު އަންޗެލޮޓީ (ވ)
ބާސެލޯނާގެ ކޯޗު ޒަވީއާއެކު އަންޗެލޮޓީ (ވ)
ރޮއިޓާސް
ބާސެލޯނާ
ކްރައިސިސް މެނޭޖްކުރަން ޒަވީ އަށް އެނގޭނެ: އެންޗެލޯޓީ
ޒަވީ މަގާމުން ވަކިކޮށްފާނެ ކަމަށް ދެކެވޭ ވާހަކަ ބާސެލޯނާއިން ދޮގުކުރޭ

ބާސެލޯނާގެ ކޯޗުކަމުގައި ޒަވީ ހަނާންޑޭޒަށް މިހާރު ކުރިމަތިވެފައިވާ ޕްރެޝަރުން އަރައިގަންނަން އޭނާ އަށް އެނގޭނެ ކަމަށް ވާދަވެރި ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފި އެވެ.

ބާސެލޯނާއަށްވުރެ ކުރިން ސްޕެނިޝް ލީގުގެ ދެ ވަނާގައި އޮތް ޓީމުގެ ކޯޗް މިހެން ބުނީ މި ސީޒަނުގައި ރަނގަޅު ޓީމެއް އޮވެމެ ނަތީޖާތައް ދަށްވެ، ބާސެލޯނާ ހަތަރު ޕޮއިންޓް ފަހަތުން ލީގުގެ ތިން ވަނާގައި އޮތުމުން ކުރިމަތިވަމުން އަންނަ ފާޑުކިއުންތަކާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުންނެވެ.

"ޒަވީ އަކީ އަހަރެން ވަރަށް ގަޔާވާ ކޯޗެއް. އޭނާ އަށް ބާސެލޯނާގެ މާހައުލު ވަރަށް ރަނގަޅަށް އެނގޭނެ. އަދި އަހަރެން ގަބޫލު ކުރަނީ އޭނާ ފާޑުކިއުންތަކާ ކުރިމަތިލައި ހަމަޔަކަށް އަޅުވަން ދަންނާނެ ކަމަށް،"
އެންޗެލޯޓީ ބުންޏެވެ.

އޭނާ އަދި ބުނީ ޒަވީ އަށް މިހާރު ދިމާވަމުން އަންނަ ފާޑުކިއުމާއި ޕްރެޝަރަކީ ކޮންމެ ކޯޗަކު ވެސް ކުރިމަތިލާންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ކޯޗުންނަށް ނަތީޖާ ބަދަލުކޮށް ޓީމު ގޮވައިގެން ކާމިޔާބީއާ ހަމައަށް ދަތުރުކުރެވޭނީ ކެތްތެރިވެގެން ކަމަށެވެ. އަދި މި ޖާގަ ސަޕޯޓަރުން ވެސް ދޭން ޖެހޭ ކަމަށެވެ.

ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ޓީމާ ހަވާލުވީ ހުސްވި ސީޒަނުގެ ކުރީ ސީޒަނުގެ މެދުތެރެއިންނެވެ. މާލީ މައްސަލަތައް ކުރިމަތިވެފައިވީ ނަމަވެސް ބާސެލޯނާއިން ވަނީ ޒަވީ ބޭނުންވާ ވަރުގެ ޓީމެއް އުފައްދައިދީފަ އެވެ. ނަމަވެސް ނަތީޖާތައް ގޯސްވުމުން އޭނާ މަގާމުން ވަކިކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ސްޕޭނުގެ ނޫސްތަކުންދަނީ ބުނަމުންނެވެ.

ނަމަވެސް މިވާހަކަ ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ އާއި ސްޕޯޓިން ޑައިރެކްޓަރު ޑެކޯ ދޮގުކުރެ އެވެ.

ޒަވީއާ ބެހޭ ގޮތުން މި ގޮތަށް ވާހަކަ ދެއްކި ނަމަވެސް އިޓަލީގެ ނާޕޮލީން ކޯޗު ބަދަލުކުރުމާ ގުޅޭ ގޮތުން އެންޗެލޯޓީ ބުނީ ބައެއް ފަހަރު ކޯޗު ބަދަލު ކުރުމުން ޓީމަށް އުއްމީދާއި އާރޯކަން ލިބޭ ކަމަށެވެ.

- ކޮމެންޓް