ކ. މާލެ
|
29 މާރޗް 2025 | ހޮނިހިރު 17:29
ޑޯރިވަލް ޖޫނިއާ ބްރެޒިލް ކޯޗުކަމުގެ މަޤާމުން ވަނީ ވަކިކޮށްފައި
ޑޯރިވަލް ޖޫނިއާ ބްރެޒިލް ކޯޗުކަމުގެ މަޤާމުން ވަނީ ވަކިކޮށްފައި
ރޮއިޓަރސް
ބްރެޒިލް ކޯޗު ޑޮރިވާލް ވަކިކުރުން
ބްރެޒިލްގެ ކޯޗުކަމުގެ މަޤާމުން ޑޮރިވާލް ވަކިކޮށްފި
ކޮލިފައިންގައި ކުޅުނު މެޗުން 1-4 ގެ ނަތީޖާއިން އާޖެންތީނާ އަތުން ބްރެޒިލް ބަލިވެފައި ވުމުންނާއި ފަހަކަށް އައިސް އެ ޓީމުން ނެރޭ ނަތީޖާތައް ދައްވުމުން

ބްރެޒިލްގެ ގައުމީ ފުޓްބުބޯޅަ ޓީމުގެ ކޯޗުގެ މަގާމުން ޑޮރިވާލް ޖޫނިއަރ ވަކިކޮށްފި އެވެ.

ބްރެޒިލްގެ ގައުމީ ފުޓްބުބޯޅަ ޓީމުގެ ކޯޗުގެ މަގާމުން ޑޮރިވާލް ޖޫނިއަރ ވަކިކޮށްފައި މިވަނީ އެންމެ ފަހުން ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު މެޗުން 1-4 ގެ ނަތީޖާއިން އާޖެންތީނާ އަތުން ބްރެޒިލް ބަލިވެފައި ވުމުންނާއި ފަހަކަށް އައިސް އެ ޓީމުން ނެރޭ ނަތީޖާތައް ދައްވުމާއި ވެސް އެކުގައެވެ.

ޑޮރިވާލް ޖޫނިއަރ މަޤާމުން ވަކިކުރުމަށް ފަހު އޭނާގެ ބަދަލުގައި ކޯޗަކަށް ގެނައުމަށް މަސައްކަތްކުރަނީ ސްޕެއިންގެ ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީއެވެ. ބްރެޒިލްއިން ވަނީ މީގެ ކުރިންވެސް އަންޗެލޮޓީ ގެނައުމަށް މަސައްކަތް ކޮށްފައެވެ. އެކަމަކު އެކަން ނާކާމިޔާބުވީ އެންޗެލޮޓީ ބްރެޒިލްގެ ހުށަހެޅުން ގަބޫލު ނުކޮށް ދޫކޮށް ލުމުންނެވެ.

ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗަކަށް ގެނައުމަށް އެންމެ ބޮޑަށް ތާގެޓް ކޮށްފައި ވަނީ އެންޗެލޮޓީ އެވެ. އެހެން ނަމަވެސް އިތުރު ކޯޗުންތަކެއް ވެސް ވަނީ ޝޯޓްލިސްޓް ކޮށްފައެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީއަށް ކޯޗުކޮށްދޭ ޕެޕް ގާޑިއޯލާ އާއި ސައުދީ އަރަބިއާގެ އަލް ހިލާލްގެ ކޯޗު ޖޯޖް ޖެސޫސްވެސް ބްރެޒިލްގެ ލިސްޓުގައި ހިމެނެ އެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނެފައިވާ ގޮތުން ސައުދީ އަރަބިއާގެ އަލް ހިލާލްގެ ކޯޗު ޖޯޖް ޖެސޫސްވެސް ފީފާ ކުލަބު ވޯލްޑް ކަޕް ނިމުމުން ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވާން އަނގަބަހުން އެއްބަސްވެފައެވެ. އެހެން ނަމަވެސް ރަސްމީކޮށް މިކަމާއި ގުޅޭ އެއްވެސް ވާހައެއް އަދި ނުދައްކައެވެ.

2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ކޯޗުކަމާ ހަވާލުވި ޑޮރިވާލްގެ ކޯޗުކަމުގައި ބްރެޒިލް ކުޅުނު 15 މެޗުގެ ތެރެއިން މޮޅުވީ އެންމެ ފަސް މެޗުންނެވެ.

ޑޮރިވަލް ބްރެޒިލް ގައުމީ ޓީމާ ހަވާލުވީ މިދިޔަ އަހަރުގެ މާޗު މަހުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ވެމްބްލީގައި 1-0 އިން އިންގްލެންޑް ބަލިކޮށްފައިވާ އިރު، އޭގެފަހުން ކުޅުނު ހަތް މެޗުން ވެސް ބްރެޒިލް މޮޅުވި އެވެ.

އެހެން ނަމަވެސް، އެ ހިސާބުން ބްރެޒިލްގެ ފޯމު ދަށްވެ، ހަ މެޗުން އެއްވަރުވެ، ތިން މެޗުން ބަލިވި އެވެ.

ބްރެޒިލް ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ އާ ކޯޗަކު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ވީ އެންމެ އަވަހަކަށް އާ ކޯޗަކު އިއުލާނު ކުރާނެ ކަމަށެވެ.

ޑޮރިވަލްއަކީ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިއެއް ނޫނެވެ. އޭނާގެ ކޯޗުކަމުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2022 ވަނަ އަހަރު ދެކުނު އެމެރިކާގެ ތަށި ފްލަމެންގޯއަށް ހޯދައިދިނުމެވެ.

އާ ކޯޗަކަށް ބްރެޒިލުން ކުރަމުންދާ މަސައްކަތުގައި އަނެއްކާވެސް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީއަށް ލޯ އަޅަމުންދާ ނަމަވެސް، މިވަގުތު އެމަގާމަށް އައުން އެންމެ ގާތީ އަލް ހިލާލްގެ ކޯޗު ޖޯޖު ޖީސަސް އެވެ.

ނަތީޖާތައް ގޯސްވި ނަމަވެސް ބްރެޒިލް އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ކޮލިފައިނުވުމަކީ ވަރަށް ދުރުކަމެކެވެ. ސަބަބަކީ މުބާރާތް ކުޅޭ ގައުމުތަކުގެ 48 އަށް މަތިކޮށްފައިވާއިރު ދެކުނު އެމެރިކާއިން އެކަނިވެސް ޖުމްލަ ހަ ގައުމެއް އޮޓެމެޓިކުން ކޮލިފައިވާނެތީ އެވެ.

ކޮލިފައިންގައި ބާކީ ހަތަރު ބުރު އޮތްއިރު ބްރެޒިލް ކެޓުމަކީ ވަރަށް ދުރުކަމެކެވެ. ދެކުނު އެމެރިކާއިން މިހާތަނަށް ކޮލިފައިވެފައިވަނީ އާޖެންޓީނާ އެކަންޏެވެ.

ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ކާމިޔާބު ގައުމަކީ ބްރެޒިލްއެވެ. ވޯލްޑް ކަޕް ފަސް ފަހަރު ހޯދާފައިވާއިރު، އެންމެ ފަހުން މި ތަށި ލިބިފައިވަނީ 2002 ވަނަ އަހަރު އެވެ. އޭގެ ފަހުން ބްރެޒިލްއަށް ދުނިޔޭގެ ފެންވަރުގައި އެ ގައުމަށް ކާމިޔާބީ އެއް ހޯދިފައެއް ނުވެ އެވެ.

- ކޮމެންޓް