ކ. މާލެ
|
4 ޖުލައި 2024 | ބުރާސްފަތި 09:11
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަަދު މުޢިއްޒު އަދި، ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަަދު މުޢިއްޒު އަދި، ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
ރައީސްގެ ކޮއްކޯފުޅު ވިދާޅުވި ނަމޫނާ މަޖިލިސް، އިދިކޮޅުގެ ހުށަހެޅުން ބޭރުކޮށްލީ ސައްޕެއް ޖަހާފައި!
މައްސަލަ ބަލައި ނުގަންނަން ފާސް ކުރީ، އެ ވިދާޅުވާ ނަމޫނާ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ 56 މެމްބަރުން ދެއްވި ވޯޓުންނެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަޖިލިސް މެމްބަރުން އެންމެ ބޮޑަށް ދައްކާ އެއް ވާހަކަ އަކީ، ވިހި ވަނަ ރައްޔިތުންގެ މަޖިލީހަކީ ނަމޫނާ މަޖިލީހެއް ކަމަށެވެ. ކުރީ މަޖިލީހުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެޖޯރިޓީ އޮތްއިރު، އޭރުގެ އިދިކޮޅު މެމްބަރުންނަށް ފުރުސަތު ނެތް ވާހަކަ ވެސް ވިދާޅުވި އެވެ. އެއާ ޚިލާފަށް ވިހި ވަނަ މަޖިލީހުގައި އިދިކޮޅު މެމްބަރުންނަށް ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އައު މަޖިލީހަށް މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ސަރުކާރު މެމްބަރުން ދެ ނޭވާ ދޭތެރެއިން ދައްކަވާ އެއް ވާހަކަ އަކީ އެއީ އެވެ. ވިހި ވަނަ މަޖިލީހުން ނަމޫނާ ދައްކަމުން އަންނަ ކަމަށެވެ، އިދިކޮޅު ޕާޓީ އާއި މެމްބަރުންނަށް ފުރުސަތު ދެމުން އަންނަ ވާހަކަ އެވެ. އެ ބޭފުޅުންގެ ޚިޔާލާއި، އަޑު، އެންމެ ގަދަ އަށް އިއްވުމުގެ ފުރުސަތު އޮންނާނެ ވާހަކަ އެވެ. އެ ފުރުސަތު މަޖިލީހުގެ ރިޔާސަތުން އަދި މެމްބަރުން ވެސް ދެއްވާނެ ވާހަކަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިލަންދޫ ދާއިރާގެ މެމްބަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ވެސް ވިދާޅުވެފައި އޮތީ އެ ވާހަކަ އެވެ. ސައުދާ ވިދާޅުވީ، އަޅުގަނޑުމެންނަށް ފާހަގަވެގެން ދަނީ، އަދި ފެންނަމުން ދަނީ ނަމޫނާ މަޖިލީހެއްގެ މަންޒަރު ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ކޮއްކޯފުޅު އެ ވިދާޅުވާ ނަމޫނާ މަޖިލީހުން، ހަގީގަތުގައި ރައްޔިތުންނަށް ފެންނަނީ އެ މަންޒަރެކެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެއީ ސަރުކާރުގައި ތިބި ސިޔާސީ މަޤާމުތަކުގެ އަދަދު ހޯއްދެއްވުމަށް މެމްބަރު މީކާއީލް ހުށަހެޅުއްވި މައްސަލަ އެކެވެ. މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ސިޔާސީ އެކި މަޤާމުތަކަށް އައްޔަނު ކޮށްފައިވާ މީހުންގެ އަދަދާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަ ކުރަމުންދާ އަދަދު ހާމަ ކުރުމަށް ސަރުކާރުން އިންކާރު ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން، ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އަދި އެއްވެސް ހައްދެއް ނެތި ސިޔާސީ މަޤާމުތަކަށް މީހުން އައްޔަނު ކުރަމުން ދިއުމުގެ ސަބަބުން، ކުންފުނިތަކުން ވެސް މާލީ ޙާލަތާ ނުބައްދަލު ޚަރަދު ކުރަން ޖެހިފައިވާކަން މީކާއީލް ހުށަހެޅުއްވި މައްސަލައިގައި ބަޔާންކޮށްފައިވެ އެވެ. މިއީ މިވަގުތު ރައްޔިތުންގެ ތެރެއިން ގިނަ ބައެއްްގެ ކަންބޮޑުވުން އޮތް މައްސަލަ އެކެވެ.

ޚާއްސަކޮށް ޤައުމުގެ މާލީ ޙާލަތު ގޯސްވެފައިވާ ކަމަށް ސަރުކާރުން ބުނަމުން އަންނަ މި ދަނޑިވަޅުގައި، ބޭކާރު މަޤާމުތަކަށް ސަރުކާރުން ކުރާ ޚަރަދު ބަލަން ރައްޔިތުން ބޭނުންވެ އެވެ. ސިޔާސީ މަޤާމުތަކުގެ އަދަދު 700 އަށްވުރެ އިތުރު ނުކުރުމަކީ ވެސް ސަރުކާރުގެ ވައުދަކަށްވާއިރު، އެ މަޤާމު ތަކުގައި މީހުން ތިބި އަދަދު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދާތީ ވެސް އާންމުން ތިބީ ނުރުހުންވެފަ އެވެ. އެކަމުގެ ތަފްސީލުތައް ހާމަ ކުރުމަށް ވެސް ގިނަ ރައްޔިތުން އަންނަނީ ގޮވާލަމުންނެވެ.

މިފަދަ މުހިންމު މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން، ރައީސްގެ ކޮއްކޯފުޅު އެ ވިދާޅުވާ ނަމޫނާ މަޖިލީހުން ކަންތައް ކުރެއްވި ގޮތް އެ އޮތީ ސާފުކޮށް ފެންނާށެވެ. އިދިކޮޅުން ހުށަހެޅި އެ މައްސަލަ ބޭރުކޮށްލީ، ނިކަން ހެޔޮވަރުގެ ސައްޕެއް ޖަހައިފަ އެވެ. އެ މައްސަލަ އަށް ބަހުސް ކުރަން ފެންނަކަމަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ. އެ ރައީސްގެ ކޮއްކޯފުޅު ވިދާޅުވާ ނަމޫނާ މަޖިލީހުގައި ތިއްބެވި ސަރުކާރުގެ މެމްބަރުން ވޯޓު ދެއްވީ ދެކޮޅަށެވެ. އެ މައްސަލަ ބަލައި ނުގަންނަން ފާސް ކުރީ، އެ ވިދާޅުވާ ނަމޫނާ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ 56 މެމްބަރުން ދެއްވި ވޯޓުންނެވެ.

ދެން ވެސް ކަންކަން ހުރީ އެ ވިދާޅުވާ ނަމޫނާއާ އެއް ގޮތަށެވެ. އިދިކޮޅު މެމްބަރުންނަށް ޖެއްސުން ކުރުން ވެސް އޮތީ އެވެ. އިދިކޮޅު މެމްބަރުން ބަހުސް ކުރައްވަމުން ގެންދަވާއިރު، ބަރި ބަރި އަށް ނަންގަވާ ނިޒާމީ ނުކުތާ އަކީ އެކަމުގެ ވެސް މިސާލެކެވެ. ޒާތް ޒާތަށް ތެދުވެ ވަޑައިގެން، ރައީސްގެ ކޮއްކޯފުޅު އެ ވިދާޅުވާ ނަމޫނާ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ގޮވަނީ، "ކުރީ ސަރުކާރު، ކުރީ ސަރުކާރު" އެވެ. ބިލެއް ހުށަހެޅިޔަސް، ކުއްލި މައްސަލައެއް ހުށަހެޅިޔަސް، އޭގައި އޮތް އެއްޗަކަށް ބެއްލެވުމުގެ ބަދަލުގައި، އެ ވިދާޅުވާ ނަމޫނާ މަޖިލީހުން ގޮވަނީ ކުރީ ސަރުކާރެވެެ. އާދޭހެވެ! ނަމޫނާ ދެއްކޭނީ މިހާ ވަރަށެވެ.

ކޮމެންޓް