ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެކުނު އެމެރިކާ ސަރަހައްދުގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބްރެޒިލް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ އެވެ.
ބުދަ ދުވަހުގެ ފަތިހު ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗު ބްރެޒިލް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ބްރެޒިލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައިވާއިރު، މެޗުގައި އެ ޓީމުން ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ.
މެޗު ފަށައިގެން ވެސް ބްރެޒިލް އިން ވަނީ ލަނޑު ޖަހާނެ ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް މެޗުގެ ހަމައެކަނި ލަނޑު ބްރެޒިލް އިން ޖެހީ، ފުރަތަމަ ހާފުގެ ފަހު ވަގުތުގަ އެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، ބްރެޒިލްގެ އެ ލަނޑު ޖެހީ ވިނީޝިއުސް ޖޫނިއާ އެވެ.
މިއީ ދާދި ފަހުން ބްރެޒިލްގެ ކޯޗުކަމާ ހަވާލުވި އިޓަލީގެ ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން އެ ޤައުމުން ހޯދި ފުރަތަމަ މޮޅެވެ. އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ބްރެޒިލްގެ ފުރަތަމަ މެޗުގައި ވާދަކޮށްފައި ވަނީ އެކުއެޑޯއާ އެވެ. އެ ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މޮޅާއެކު ބްރެެޒިލް ވޯލްޑް ކަޕްގެ ޖާގަ ހޯދިއިރު، ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފިކޭޝަންގައި ބްރެޒިލް އޮތީ ތިން ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ 16 މެޗުން 25 ޕޮއިންޓާ އެކު އެވެ.
ބްރެޒިލް ވަނީ މިހާތަނަށް ފަސް ފަހަރެއްގެ މަތިން ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. އެ ޤައުމަކީ އެންމެ ގިނައިން ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ރެކޯޑު ވެސް އޮތް ޤައުމެވެ. އަދި މިހާތަަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ކުޅުނު ހަމައެކަނި ޤައުމީ ވެސް ބްރެޒިލް އެވެ.
ނަމަވެސް، ފަހަކަށް އައިސް ބްރެޒިލްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ޤައުމަށް އަންނަނީ ފާޑު ކިޔުންތައް އަމާޒުވަމުންނެވެ. ޚާއްސަކޮށް ހުނަރުވެރި އަދި މޮޅެތި ގިނަ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސްކޮޑެއް އޮވެ، ބްރެޒިލް އަށް ރަނގަޅު ނަތީޖާއެއް ނުނެރޭވެ ކަމަށް ބުނެ ފާޑު ކިޔުން އަންނަނީ އަމާޒުވަމުންނެވެ.