ހުސްވެފައިވާ ބްރެޒިލް ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް، އިޓަލީގެ ކާލޯ އަންޗެލޮޓީ ހަމަޖައްސަން ނިންމައިފި އެވެ.
އުމުރުން 65 އަހަރުގެ އަންޗެލޮޓީ މިވަގުތު އިރުޝާދު ދެމުން އަންނަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ. ރެއާލާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް، އެއް އަހަރު ކުރިން އޭނާ ވަނީ ރެއާލް ދޫކޮށްލަން ނިންމައިފަ އެވެ. ސްޕެނިޝް ލީގު ނިމުމާ އެކު އޭނާ ރެއާލްގެ ކޯޗުކަން ދޫކޮށްލާނެ އެވެ.
ރެއާލް ދޫކޮށްލުމަށް ފަހު، ދެން އަންޗެލޮޓީ ހަވާލުވާނީ ބްރެޒިލްގެ ޤައުމީ ޓީމުގެ ކޯޗުކަމާ އެވެ. ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ އެކަން އިއުލާން ކޮށްފަ އެވެ. ބްރެޒިލްގެ ކޯޗުކަމާ އަންޗެލޮޓީ ހަވާލުވަނީ 14 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އެއީ އަންނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށެވެ. ނަމަވެސް، ވޯލްޑް ކަޕަށް ފަހު ވެސް އޭނާގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަން އިން ހާމަކޮށްފައިވާ ގޮތުގައި، ބްރެޒިލްގެ ކޯޗުކަމާ ރަސްމީކޮށް އަންޗެލޮޓީ ހަވާލުވާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
އަންޗެލޮޓީ އޭނާގެ ކޯޗިން ކެރިއަރު ފެށީ އިޓަލީ ޤައުމީ ޓީމުގެ އެސިސްޓެންޓު ކޯޗުގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް ގިނަ ކުލަބުތަކަކަށް އިރުޝާދު ދީފަ އެވެ.
އެގޮތުން އަންޗެލޮޓީ ވަނީ ރެޖިއާނާ، ޕާމާ، ޔުވެންޓަސް، އޭސީ މިލާން، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)، ރެއާލް މެޑްރިޑް، ބަޔާން މިއުނިކް، ނަޕޯލީ އަދި އެވަޓަން އަށް އިރުޝާދު ދީފަ އެވެ. ރެއާލަށް އޭނާ ވަނީ ދެ ފަހަރެއްގެ މަތިން އިރުޝާދު ދީފަ އެވެ.
ދެ ފަހަރެއްގެ މަތިން ރެއާލަށް އިރުޝާދު ދީ، އަންޗެލޮޓީ ވަނީ އެ ކުލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އޭނާ ވަނީ ރެއާލާ އެކު 15 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.
އޭގެ ތެރޭގައި ސްޕެނިޝް ލީގު ދެ ފަހަރު، ކޮޕާ ޑެލް ރޭ ދެ ފަހަރު، ސްޕެނިޝް ސުޕަ ކަޕް ދެ ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ތިން ފަހަރު، ޔުއެފާ ސުޕަ ކަޕް ތިން ފަހަރު، ފީފާ ކުލަބު ވޯލްޑް ކަޕް ދެ ފަހަރު އަދި ފީފާ އިންޓަކޮންޓިނެންޓަލް ކަޕް އެއް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.
އަންޗެލޮޓީ އަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ އެއް ކޯޗެވެ.