އިސްރާއީލުން ފަލަސްތީނުގެ ބިމުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއި، ފަލަސްތީނުގެ ބިންތަކުގައި ހުރި މާލީ ދަތިތައް އިތުރުވުމުގެ ސަބަބުން ފަލަސްތީނުގެ އިގްތިސާދީ ހާލަތަށް ވަރަށް ބޮޑަށް އަސަރުކޮށް، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އެންމެ އަސާސީ ސިއްހީ ޚިދުމަތް ވަގުތުން ލިބުމަށް ހުރަސްއެޅޭ ކަމަށް، ވޯލްޑް ބޭންކުން ބުނެފިއެވެ.
ވޯލްޑް ބޭންކުން "ރޭސިން އެގެއިންސްޓް ޓައިމް"ގެ ނަމުގައި ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ޖުމްލަގޮތެއްގައި ފަލަސްތީނުގެ އިގްތިސާދު ކުރިއަރާ މިންވަރު ވަރަށް ދަށްކަމަށާއި، ބޮލަކަށް ޖެހޭ އާމްދަނީ ހުއްޓުމަކަށް އަންނާނެކަމަށް ބެލެވޭ ކަމަށެވެ.
ފަލަސްތީނުގެ ބިންތަކުގައި ފަގީރުކަން އިތުރުވަމުންދާއިރު، ފަލަސްތީނުގެ ކޮންމެ ހަތަރު މީހަކުން އެކަކު ދިރިއުޅެމުން ދަނީ ފަގީރު ހާލަތުގައި ކަމަށް، ވޮޝިންޓަނަށް ނިސްބަތްވާ ބައިނަލްއަގްވާމީ ބޭންކުން ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ.
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިނގާބިނގާވެ އުޅުމާއި ވިޔަފާރީގެ މުއާމަލާތްތަކަށް ހުރަސް އެޅުމާއި، ޣައްޒާއަށް އަޅާފައިވާ ހުރަސްތަކާއި، ފަލަސްތީނުގެ ބިންތަކުގެ މެދުގައި ބައިބައިވުން އުފެދުން ފަދަ ކަންކަމަކީ ފަލަސްތީނުގެ އިގްތިސާދު ނުރައްކަލަށް ހުށަހެޅިދާނެ ސަބަބުތަކެއް ކަމަށް ރިޕޯޓުގައި ވެއެވެ.
ވޯލްޑް ބޭންކުން ހުޅަނގު އައްސޭރިއާއި ޣައްޒާއަށް ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރު ސްޓެފަން އެމްބްލާޑް އެ ރިޕޯޓާއެކު ނެރުއްވި ބަޔާނެއްގައި ވަނީ، މާލީ ދަތިތަކުގެ ސަބަބުން ފަލަސްތީނުގެ ސިއްހީ ނިޒާމަށް އަދި ވަކިން ޚާއްސަކޮށް ގައިންގަޔަށް ނާރާ ބަލިތަކުން އަރައިގަތުމުގެ ގާބިލުކަމަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ކަމަށެވެ.
އިސްރާއީލުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ފަލަސްތީނަށް ވަގުތުން ދޭންޖެހޭ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވޭޑިރެކްޓަރު، ސްޓެފަން އެމްބްލާޑް
އެގޮތުން ކެންސަރާއި ހިތުގެ ބަލިތަކާއި މާބަނޑު މީހުންނަށް ބޭނުންވާ ފަރުވާ ދިނުމަށް ބޭރުގެ މެޑިކަލް ރެފަރަލްތައް ލިބުމަކީ ޖިސްމާނީ ގޮތުންނާއި އިދާރީގޮތުން ދިމާވާ ދަތިތަކުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރާ ކަމެއް ކަމަށް އެ ބަޔާނުގައި ވެއެވެ.
ޚާއްސަކޮށް ސިއްހީ ނިޒާމުގެ ކެޕޭސިޓީ ވަރަށް ބޮޑަށް މަދުވެފައިވާ، އަދި ބަލި މީހުންނަށް ވަގުތުން ސިއްހީ ފަރުވާދިނުމުގެ ހުއްދަތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ޣައްޒާގެ ހާލަތު ވަރަށް ނާޒުކުކަމަށް އެ ބަޔާނުގައި ވެއެވެ.
ފަލަސްތީނުގެ ފަގީރު ބިންތަކުގައި ލިބެން ނެތް ބޭސްފަރުވާއަށް ހުޅަނގު އައްސޭރިއާއި ޣައްޒާގެ ފަލަސްތީނުގެ އެތައް ހާސް ބަޔަކު ކޮންމެ އަހަރަކުވެސް އިޒްރޭލަށް އެތެރެވެއެވެ.
ފަލަސްތީނުގެ ތިން މިލިއަން މީހުން ދިރިއުޅެމުން އަންނަ ހުޅަނގު އައްސޭރި އިސްރާއީލުން ހިފާފައިވަނީ 1967 ވަނަ އަހަރުގެތެރޭގައެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓްގައި މިފަދަ ވާހަކަތަކެއް ހުރިނަމަވެސް، ފަލަސްތީނުގެ ބިންތަކުގައި މަދަނީ ކަންކަން ބަލަހައްޓާ އިސްރާއީލުގެ ދިފާއީ ވުޒާރާގެ އިދާރާ، ކޯގަޓްއިން ބުނިގޮތުގައި ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް 110،000ށްވުރެ ގިނަ ފަހަރު މެޑިކަލް ފަރުވާއަށް އިސްރާއީލަށް އެތެރެވުމުގެ ހުއްދަ މިދިޔަ އަހަރު ވަނީ ދީފައެވެ. އަދި 2.3 މިލިއަން މީހުން ދިރިއުޅޭ ޣައްޒާގެ ރައްޔިތުންނަށްވެސް މިފަދަ 17،000ށްވުރެ ގިނަ ހުއްދަ މި މުއްދަތުގައި ދީފައިވާނެކަމަށް ކޯގަޓްއިން ބުނެއެވެ.
2007 ވަނަ އަހަރު ފަލަސްތީނުގެ ވެރިކަމަށް ހަމާސްއިން އައިފަހުން އިޒްރޭލުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންވެސް ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ބޭނުންވާ ސިއްހީ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހުރަސްއެޅިފައެވެ.
ވޯލްޑް ބޭންކުން އިސްރާއީލާއި ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައިވަނީ މިފަދަ މެޑިކަލް ކޭސްތައް މިހާރަށްވުރެ ރަނގަޅަށް ބެލެހެއްޓުމަށާއި، ބަލި މީހުންނަށާއި އެމީހުންގެ އަހުލުވެރިންނަށް ވަގުތުން ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހުއްދަ ދިނުމުގެ މަރުހަލާއަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށެވެ.
ޖުމްލަގޮތެއްގައި ފާއިތުވި ފަސް އަހަރު ފަލަސްތީނުގެ އިގްތިސާދު މަޑުޖެހިފައި ވާކަމަށާއި މިހާރު އަމަލު ކުރަމުންދާ ސިޔާސަތުތައް ބަދަލުވެގެން ނޫނީ އެކަން ރަނގަޅުވާނެ ކަމަށް ނުބެލެވޭ ކަމަށް ވޯލްޑް ބޭންކްގެ ޑިރެކްޓަރ އެމްބްލާޑް ވިދާޅުވިއެވެ.
އާބާދީ އިތުރުވާ ރޭޓަށް ބަލާއިރު، ބޮލަކަށް ޖެހޭ އާމްދަނީ މިހާރަށްވުރެވެސް މަޑުޖެހިދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެއެވެ.