ކ. މާލެ
|
13 ސެޕްޓެންބަރ 2023 | ބުދަ 21:59
ކަޝްމީރުގެ އަނަންތަނާގްގައި ޓެރަރިސްޓުންނާ އެކު ހިނގި ކުރިމަތިލުން ތަކުގައި އެތައް ބަޔަކު ޒަހަމްވެއްޖެ
ކަޝްމީރުގެ އަނަންތަނާގްގައި ޓެރަރިސްޓުންނާ އެކު ހިނގި ކުރިމަތިލުން ތަކުގައި އެތައް ބަޔަކު ޒަހަމްވެއްޖެ
ދަ ޕްރިންޓް
ކަޝްމީރުގައި ހިނގި ބަޑީގެ ހަމަލާތައް
ކަޝްމީރުގައި ބަދަލުކުރެވުނު ބަޑީގެ ހަމަލާތަކެއްގައި ސިފައިންގެ ދެ އޮފިސަރަކު މަރާލައިފި
އިންޑިއާގެ އަސްކަރިއްޔާއިން ކުރިމަތިލީ ޕާކިސްތާނަށް ނިސްބަތްވާ ޖަމާޢަތަކާ
ފަރުބަދަ ތަކުގެ ތެރޭގައި ޓެރެރިސްޓުން ފިލައިގެން އުޅޭކަމުގެ މައުލޫމާތު އަސްކަރިއްޔާއަށް ވަނީ ލިބިފައި

ކަޝްމީރުގެ އަނަންތުނާގްގައި ޓެރަރިސްޓުންނާ ސަރުކާރު އަސްކަރިއްޔާގެ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުން ތަކެއްގައި އަސްކަރިއްޔާގެ ކާނަލް، މޭޖާ އަދި ޑެޕިއުޓީ އެސްޕީ މަރުވެއްޖެއެވެ.

އިންޑިއާގެ އަސްކަރިއްޔާ އާއި ހަވާލާދީ ކަޝްމީރުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހަމަލާގައި މަރުވެފައިވަނީ އަސްކަރިއްޔާގެ 19 ރާޝްތުރިއާ ރައިފަލްސްގެ ކޮމާންޑިން އޮފިސަރު ކާނަލް މަންޕްރީތު ސިންގް އާއި މޭޖާ ރޭންކްގެ އޮފިސަރަކާއި ކަޝްމީރު ފުލުހުންގެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓްއެވެ. 

މި ހަމަލާގައި ސަލާމަތީ ބާރުތަކުގެ އިތުރު ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އޭގެ ތެރޭގައި އެކަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. 

ޑިފެންސް އެންޑް ސެކިއުރިޓީ އެސްޓަބްލިޝްމަންޓުގެ މަސްދަރުތަކާއި ހަވާލާދީ "ދަ ޕްރިންޓް" އިން ބުނެފައިވަނީ މިހަމަލާތައް ފެށުނީ ކަޝްމީރުގެ ދެކުނުގެ އަނަންތުނާގްގެ ކޮކަރްނާގް ސަރަހައްދުގައި ޓެރަރިސްޓުން ތިބޭ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އަސްކަރިއްޔާ އާއި ފުލުހުންގެ ޖޮއިންޓް ޓީމެއް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ސަބަބުންނެވެ.

އަސްކަރިއްޔާއިން ބުނީ އެފަދަ އޮޕަރޭޝަނެއް ހިންގަން ޖެހުނީ ޕާކިސްތާނަށް ތާއީދުކުރާ ޓެރަރިސްޓް ޖަމާއަތެއްގެ ޓެރަރިސްޓުންތަކެއް އެ ތަނުގައި ފިލައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމުންނެވެ.

އަސްކަރިއްޔާގެ މައްޗަށް ޓެރަރިސްޓުން ހޯދި ކާމިޔާބާއެކު ސަލާމަތީ ބާރުތަކަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފުރަތަމަ ހިނގި ކުރިމަތިލުން ތަކުގައިވެސް އޮފިސަރަކަށް ވަނީ އަނިޔާވެފަ އެވެ. 

މޭޖަރާއި ޑީއެސްޕީ އަށް އަނިޔާވި ނަމަވެސް އަސްކަރިއްޔާގެ ހެލިކޮޕްޓަރުތައް ކުރިމަތިލުން ހިނގި ސަރަހައްދު ކައިރިއަށް ނުޖެއްސޭތީ ވަގުތުން އޮފިސަރުން އެތަނުން ނެރެވިފައި ނުވީއެވެ. ދަ ޕްރިންޓް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓެރަރިސްޓުން ހެލިކޮޕްޓަރަށް ވަނީ ބަޑިން ހަމަލާދީފައެވެ.   

ބައެއް ސިފައިންނަށް ބަޑީގެ ޒަހަމްތައް ލިބިފައިވާ އިރު، އިތުރު މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި އަދިވެސް ކުރިމަތިލުން ކުރިއަށްދާ ކަމަށާއި ޓެރަރިސްޓުންނަށް ފިލައިގެން ނުދެވޭނެ ގޮތަށް ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. 

އަސްކަރިއްޔާއަށް މި ގެއްލުމާއި ކުރިމަތި މިވީ ނޯދަން ކޮމާންޑުގެ ދަށުން އޮންނަ ރާޖޫރީގައި ވެސް ޓެރަރިސްޓުންނާ އެކު ހިނގި ކުރިމަތިލުމެއްގައި އިތުރު ޒުވާނަކާއި ކެނައިން ސިފައިންގެ މީހަކު މަރުވިތާ އެއް ދުވަސް ފަހުންނެވެ.

- ކޮމެންޓް