ޕާކިސްތާނާއި އިންޑިއާ އާ ދެމެދު ބޮޑު ހަނގުރާމައެއް ފެއްޓިދާނޭކަމުގެ ބިރުހީވެފައިވާ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފިއެވެ.ޕާކިސްތާނާއި އިންޑިއާ އާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކުން ދެގައުމުގެ މެދުގައި ބޮޑު ހަނގުރާމައެއް ފެއްޓިދާނޭ ކަމުގެ ބިރު ހީވެފައި ވާކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައި މިވަނީ ހޮނިހިރު ދުވަހުގެ ފަތިހު އިންޑިއާގެ އެތައް މިލިޓަރީ ޓާގެޓްތަކަކަށް ޕާކިސްތާނުން ހަމަލާތަކެއް ދީފައިވަނިކޮށެވެ.
އިންޑިއާ އަދި ޕާކިސްތާނުގެ މަޝްރަހު އިތުރަށް ގޯސްވަމުން އަންނައިރު، ދެގައުމުން ބަދަލުކުރަމުން އަންނަ ހަމަލާތަކަށް އަދިވެސް ނިމުމެއް ނާދެއެވެ. ދެގައުމުން ވެސް ދަނީ އެއްގައުމު އަނެއް ގައުމުގެ ކިބައިން ބަދަލުހިފުމުގެ ރޫހުގައި ހަމަލާތައް ބަދަލުކުރަމުންނެވެ.ޕާކިސްތާނުން ބުނާ ގޮތުގައި ހޮނިހިރު ދުވަހުގެ ފަތިހު އިންޑިއާއިން އެ ގައުމުގެ ތިން އެއާ ބޭސްއަކަށް ހަމަލާ ދީފައިވެއެވެ. މީގެ ތެރޭގައި އިސްލާމާބާދާ ގާތުގައި ހުންނަ ނޫރު ޚާން އެއާ ބޭސް ހިމެނެއެވެ. ރާވަލްޕިންޑީގެ ރައްޔިތުން ބުނާ ގޮތުގައި މަދުވެގެން ތިން ފަހަރު ބާރުގަދަ ގޮވުމެއްގެ އަޑުތައް އިވިފައިވެއެވެ.އިންޑިއާއިން ޕާކިސްތާނު އެއަރ ބޭސްތަކަށް ހަމަލާތައް ދިންތާ ދެޑިއިރެއް ފަހުން ޕާކިސްތާނުން އިންޑިއާގެ އުދަމްޕުރް އަދި ޕަތާންކޯޓް އެއަރ ބޭސްތަކާއި މިސައިލް ރައްކާކުރާ ތަނަކަށް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިންޑިއާއިން ބުނާ ގޮތުގައި އެގަައުމުން ދިން މި ހަމަލާތަކަކީ ޕާކިސްތާނުން އިންޑިއާގެ 26 ތަނަކަށް ޑްރޯންތަކާއި ހަތިޔާރުތައް ބޭނުންކޮށްގެން ހަމަލާ ދިނުމުން އެކަމަށް ޖަވާބު ދިނުމުގެ ގޮތުން ހަމަލާތައް ދިނީކަމަށެވެ.
އިންޑިއާގެ އެއަރ ފޯސްގެ އޮފިސަރެއް ކަމަށްވާ ވިޔޯމިކާ ސިންގް ވިދާޅުވީ ޕާކިސްތާނުން އިންޑިއާގެ ހަތަރު އެއަރ ބޭސްއަށް އަމާޒުކޮށް ދިން މިހަމަލާތަކުގައި މާބޮޑު ގެއްލުންތަކެއް ލިބިފައި ނުވާކަމަށެވެ.އިންޑިއާ އަދި ޕާކިސްތާން އާއި ދެމެދު ހަނގުރާމަ ފެށުނީ މިދިއަ ބުދަ ދުވަހު އިންޑިއާ އިން ޕާކިސްތާނަށް ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. މި ހަމަލާތައް ދީފައި ވަނީ އިންޑިއާ އިން ބުނާގޮތުން އިންޑިއާ ކޮންޓްރޯލްކުރާ ކަޝްމީރުގައި ހިންދޫ ފަތުރުވެރިންނަށް ދިން ޓެރަރިސްޓު ހަމަލާގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
ޕާކިސްތާނުން ބުނެފައިވަނީ ހިންދޫ ފަތުރުވެރިންނަށް އަމާޒު ކޮށް ދިން އެ ހަމަލާ އާ އެ ގައުމާ އެއްވެސް ގުޅުމެއް ނެތް ކަމުގައެވެ.
ދެ ގައުމުން ވެސް ހަނގުރާމަ އިތުރަށް ފުޅާކުރަން ބޭނުން ނުވާކަމަށް ބުނަމުން އަންނައިރު، އެމެރިކާއިން ވެސް ވަނީ ދެގައުމުގެ ދެމެދުގައި ހިނގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ.
ބުދަ ދުވަހުން ފެށިގެން ދެގައުމުގެ ދެމެދުގައި ހިނގްމުން އަންނަ މި ހަނގުރާމައިގަިއ މަދުވެގެން 48 މީހުން މަރުވެފައިވާ ކަމަށް ދެ ގައުމުން ލަފާކޮށްފައިވެއެވެ. ނަމަވެސް މި އަދަދުތައް މިނިވަން ފަރާތަކުން ކަށަވަރުކޮށްފައެއް ނުވެއެވެ.