ކ. މާލެ
|
25 ޖޫން 2023 | އާދީއްތަ 00:22
ރޮސްޓޮވް ގެ މައި ހެޑްކުއަރޓާގައި ވެގްނަރ ގްރޫޕުން ހަރަކާތްތެރިވަނީ
ރޮސްޓޮވް ގެ މައި ހެޑްކުއަރޓާގައި ވެގްނަރ ގްރޫޕުން ހަރަކާތްތެރިވަނީ
ރޮއިޓާރސް
ރަޝިޔާ ވެންގަރ ގްރޫޕް ފަހަތަށްޖެހުން
ލޭއޮހޮރުވުމަކަށް ނުދާން ކަމަށް ބުނެ ވެގްނަރ ގްރޫޕުން ފަހަތަށް ޖެހިއްޖެ
ފަހަތަށް ޖެހުމަށް އެއްބަސްވީ ބެލަރޫސް މެދުވެރިއެއްގެ ރޯލު އަދާކޮށްގެން
ފަހަތަށް ޖެހުމަށް ނިންމިއިރު ވެގްނަރ ގްރޫޕްގެ ލަޝްކަރު އޮތީ ރަޝިޔާގެ ވެރިރަށް މޮސްކޯ އާއި 200 ކިލޯމީޓަރ ދުރުގައި

ރަޝިއާ ޔޫކްރޭން ހަނގުރާމައިގައި ރަޝިއާއާ އެއްކޮޅަށް މަސައްކަތް ކުރަމުންދާ ކުލީ ސިފައިންތަކެއް ކަމަށްވާ ވެގްނަރ ގްރޫޕުން ރަޝިޔާއާ ދެކޮޅަށް ތެދުވެ މޮސްކޯއާ ދިމާލަށް މިސްރާބުޖެހުމަށްފަހު ލޭއޮހޮރުވުމަކަށް ނުދާންކަމަށް ބުނެ މިސްރާބް ބަދަލުކޮށްފިއެވެ.

ވެގްނަރ ގްރޫޕުން ރަޝިޔާ ސަރުކާރާ ދެކޮޅުވުމަކީ ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ފެށުނުފަހުން ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އަށް ކުރިމަތިވެ ވަޑައިގެންނެވި އެންމެ ބޮޑު ގޮންޖެހުމެވެ. ވެގްނަރ ގްރޫޕްގެ ލީޑަރ ޔެވްގެނީ ޕްރިގޮޒިން ވިދާޅުވީ ލޭއޮހޮރުވުމަކަށް ނުދިޔުމަށް ސިފައިން ފަހަތަށް ޖެހި ބޭސްތަކަށް އަނބުރާ ދިޔުމަށް ނިންމާފައިވާކަމަށެވެ.

މިނިންމުން ޔެވްގެނީ ނިންމެވިއިރު ވެގްނަރ ގްރޫޕްގެ ލަޝްކަރު އޮތީ ރަޝިޔާގެ ވެރިރަށް މޮސްކޯ އާއި 200 ކިލޯމީޓަރ ދުރުގައިކަމަށްވެސް ޔެވްގެނީ ވިދާޅުވިއެވެ. ވެގްނަރ ގްރޫޕުން ވަނީ ރޮސްޓޮވް ހިފާފައެވެ.

ޔެވްގެނީ ދެއްވި އޯޑިއޯ މެސެޖެއްގައި ވިދާޅުވީ ރަޝިޔާ ސަރުކާރުން ބޭނުންވީ ވެގްނަރ ގްރޫޕް ނެތިކޮށްލާ ބައިބައިކޮށްލަން ކަމަށެވެ. ނަމަވެސް ޖޫން 23 ވަނަ ދުވަހު ވެގްނަރ ގްރޫޕްގެ ލަޝްކަރުތައް އިންސާފު ހޯދުމަށް ހިނގާލުމެއް ބާއްވާ 24 ގަޑިއިރު ތެރޭގައި މޮސްކޯ އާއި 200 ކިލޯމީޓަރާ ގާތަށް އާދެވިފައިވާކަމަށް ޔެވްގެނީ ވިދާޅުވިއެވެ.

މިހާރު މިވަނީ ލޭއޮހޮރުވުން ހިނގާ ހިސާބަށް އައިސްފައި.. އެވަގުތު މިވަނީ ޖެހިފައި.. އެހެންކަމުން ކޮންމެސް އެއް ދިމާލަކުން ރަޝިޔާގެ ލޭ ބިމަށް އޮހެރޭނެ. އެހެންކަމުން އަހަރުމެންގެ ފައުޖުތައް ފަހަތަށްޖައްސާ ޕްލޭންކުރި ގޮތަށް ކޭމްޕްތަކާއި ދިމާލަށް މިމިސްރާބު ޖެހީ
ވެގްނަރ ގްރޫޕްގެ ލީޑަރ ޔެވްގެނީ ޕްރިގޮޒިން

ރަޝިޔާ ސަރުކާރާ ދެކޮޅަށް ނިކުތް ވެގްނަރ ގްރޫޕާއެކު ހަމަޖެހުން ގާއިމުކުރުމުގެ އެއްބަސްވުމަކާ ހަމައަށް އާދެވިފައިވަނީ ބެލަރޫސް އިން މެދުވެރިއެއްގެ ރޯލު އަދާކޮށްގެންނެވެ. ބެލަރޫސްގެ ރައީސް އެލެކްޒެންޑަރ ލުކްޝަންކޯގެ އޮފީހުން ބުނެފައިވަނީ ވެގްނަރ ގްރޫޕު އިތުރަށް މޮސްކޯއާ ދިމާލަށް ދިޔުން މަޑުޖައްސާލީ އެގައުމުން ކުރި މަސައްކަތްތުންކަމަށާއި އޭގެ ބަދަލެއްގެ ގޮތުގައި އެމީހުންނަށް ސަލާމަތް ލިބޭނެކަމުގެ ޔަގީންކަން ދީފައިވާކަމަށެވެ. މި ޑީލްއާ ގުޅޭގޮތުން ރަޝިޔާގެ ރައީސްގެ ބަހެއް އަދި ނުލިބެއެވެ.

ކުރިން ޔެވްގެނީ ވިދާޅުވެފައިވަނީ އެމީހުން އިންސާފުގެ މަރޗް ބާއްވަނީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި އުޅޭ ކޮރަޕްޓް އަދި މަސައްކަތަށް ގާބިލުނޫން ކޮމާންޑަރުން މަގާމުތަކުން ވަކިކުރުމަށެވެ.

ޓީވީ މެދުވެރިކުރައްވާ ވާހަކަދައްކަވަމުން ޕުޓިން ވަނީ ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާ ކުރިމަތިވެފައިވާކަމަށް ވިދާޅުވެފައެވެ.

ރަޝިޔާގެ އަސްކަރިއްޔާއިން މަސައްކަތްކުރަމުން އަންނަނީ ރަޝިޔާގެ ރައްޔިތުންގެ ދިރިތިބުމާއި ސަލާމަތާއި ގައުމުގެ ސަލާމަތާއި އިސްތިގުލާލާއި މިނިވަންކަމަށް ކަމަށާއި ރަޝިޔާ ރަޝިޔާގެ ގޮތުގައި ދެމިއޮތުމަށްކަމަށް ޕުޓިން ވިދާޅުވިއެވެ. އަދި ރަޝިޔާ ނެތިކޮށްލުމަށް މަސައްކަތްކުރާ މީހުންނަށް ހަރުކަށި އަދަބު ދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ. ވެގްނަރ ގްރޫޕް ގެ ހަރަކާތްތައް ޕޫޓިން ސިފަ ކުރައްވާފައިވަނީ ހަތިޔާރާއެކު ހިންގި "މިއުޓިނީ" އެއްގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް