ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި، ޔުކްރެއިން އަށް އިތުރު ހަތިޔާރު ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.
އެމެރިކާގެ ރިޔާާސީ ދެ ވަނަ ދައުރަކަށް ވަޑައިގެންނެވި ފަހުން ޓްރަމްޕް ވަނީ، ކުރީގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ޔުކްރެއިން އަށް ދެމުން އައި އެހީތެރިކަން ހުއްޓާލައިފަ އެވެ. އަދި އެމެރިކާ އިން ޔުކްރެއިން އަށް އިތުރު އެހީތެރިކަމެއް ނުދޭނެ ކަމަށް ވެސް އޭރު ވިދާޅުވި އެވެ. ނަމަވެސް، އެ ނިންމުން ބައްދަލު ކުރައްވައި، ޓްރަމްޕް ވަނީ ޔުކްރެއިން އަށް ހަތިޔާރު ފޮނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ނޫސްވެރިން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން ޔުކްރެއިން އަށް ހަތިޔާރު ފޮނުވުމަށް ނިންމާފައިވާ ކަމަށާއި، އެމެރިކާ އިން ޔުކްރެއިން އަށް ހަތިޔަރު ފޮނުވަން ޖެހޭ ކަމަށެވެ. އަދި މައިގަނޑު ގޮތެއްގައި އެމެރިކާ އިން ފޮނުވާނީ ދިފާއީ ހަތިޔާރު ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، ރަޝިޔާ އިން ދަނީ ޔުކްރެއިން އަށް ވަރަށް ބޮޑެތި އަދި ބާރު ގަދަ ހަމަލާތަކެއް ދެމުން ކަމަށެވެ. އެކަމާ ގުޅިގެން ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ އަމަލުތަކާ މެދު ހިތްހަނަ ނުޖެހޭ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. މި ފަހަކަށް އައިސް ޓްރަމްޕް ގެންދަވަނީ ރަޝިޔާގެ ރައީސް ޕުޓިން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، ޕުޓިން ބޭނުން ވަނީ މީހުން މަަރަން ކަމަށާއި، އަދި ޕުޓިންގެ ނިޔަތަކީ އެކަން ކުރިއަށް ގެންދިޔުން ކަމަށެވެ. އަދި އެމެރިކާ އިން ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.
ރަޝިޔާ އާއި ޔުކްރެއިންއާ ދެެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ގޮވާލައްވާފައިވާއިރު، އެކަމާ ގުޅިގެން އޭނާ ވަނީ ޕުޓިންއާ ވެސް މަޝްވަރާ ކުރައްވައިފަ އެވެ. ނަމަވެސް، ޓްރަމްޕްގެ ފަރާތުން ކުރެވުނު އެއްވެސް މަސައްކަތަކަށް ޕުޓިން އިޖާބަދީފައި ނުވެ އެވެ.
ކުރީގެ ރައީސް ބަައިޑެންގެ ވެރިކަމުގައި އެމެރިކާ އިން ވަނީ ޔުކްރެެެއިން އަށް ބޮޑު އެހީތެރިކަމެއް ދީފަ އެވެ. އެގޮތުން އެމެރިކާ އިން ވަނީ 65 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އަސްކަރީ އެހީ ޔުކްރެއިން އަށް ދީފަ އެވެ.