ކ. މާލެ
|
3 އޭޕްރިލް 2023 | ހޯމަ 07:44
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް
ރޮއިޓާސް
ބާސެލޯނާ
އެއްވަނައިގައި ލީޑެއް އޮތުމަކީ ހިތްހަމަޖެހުމެއް: ޒަވީ
އޭނާ ބުނީ މެޗު ފަށައިގެން ނިމެންދެން ވެސް ބާސެލޯނާ އިން ކުޅުނީ ހިތްހަމަޖެހޭ ގޮތަށް ކަމަށް

ސްޕެނިޝް ލީގު ތާވަލްގެ އެއް ވަނައިގައި ބޮޑު ލީޑެއް އޮތުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ މިހެން ބުނީ ލީގުގައި އެލްޗޭއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ޖުމުލަ ގޮތެއްގައި ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް އެ މެޗުގައި ފެނުނީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި އެއީ ވަރަށް ރަނގަޅު މެޗެއް ކަމަށެވެ. އެގޮތުން މެޗު ފަށައިގެން ނިމެންދެން ވެސް ބާސެލޯނާ އިން ކުޅުނީ ހިތްހަމަޖެހޭ ގޮތަށް ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ދެއްކި ކުޅުމާއެކު، އޭނާ އަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށެވެ. މީގެ އިތުރުން ޒަވީ ބުނީ އެ މެޗުގައި މެދުތެރިން އެރިކް ގާސިއާ ދެއްކީ އާދަޔާ ޚިލާފު ކުޅުމެއް ކަމަށެވެ. އަދި އޭނާ އަށް އެ ޚިޔާލު ދިނީ ބާސެލޯނާ އަށް ކުރިން ކުޅުނު މިހާރު އެ ޓީމުގެ ސްޕޯޓިން އެޑްވައިޒަރު ޖޯޑީ ކްރައިފް ކަމަށެވެ. ޒަވީ ބުނީ، ގާސިއާގެ ފެންވަރާއި، އޭނާގެ ހުނަރު ކްރައިފް އަށް ފެނި، ޒަވީއާ އެކަން ހިއްސާކުރީ ކަމަށެވެ. މީގެ އިތުރުން އެ މަގާމުގައި ގާސިއާ ކުޅުވަން ފާއިތުވި މަސްތަކުގައި މަސައްކަތް ކުރި ކަމަށެވެ. އަދި އޭނާ ޤަބޫލު ކުރާ ގޮތުގައި ގާސިއާ އަށް ވަރަށް މޮޅު ހޯލްޑިން މިޑްފީލްޑަރަކަށް ވެވޭނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ޒަވީ ބުނީ ލަނޑު ޖެހުމަކީ އަބަދުވެސް ފޯވާޑުންގެ އިތުބާރު ބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން ހުރިހާ ކަމެއް ރަނގަޅަށް ދިޔައީ ތިން ފޯވާޑުން ވެސް ލަނޑު ޖެހުމުން ކަމަށެވެ. އޭނާ ބުނީ މެޗުގައި އަންސޫ ފާޓީ ޖެހި ލަނޑާއެކު، އޭނާގެ މަސައްކަތް ވަރަށް ބޮޑަށް ފެނުނު ކަމަށެވެ. އަންސޫގެ މަސައްކަތާއި، އޭނާގެ ހުނަރަކީ ޒަވީ ފާހަގަ ކުރި ގޮތުގައި އޭނާ އަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުން ކަމަށެވެ. ޚާއްސަކޮށް އުނދަގޫ ޙާލަތެއްގައި ހުރުމަށް ފަހު އަންސޫ ދެއްކީ ފާހަގަކޮށްލެވޭ ކުޅުމެއް ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ މެޗުގައި ކޮންމެހެން ލަނޑު ޖަހަން ޖެހޭ ކުޅުންތެރިން އެކަން ކުރި ކަމަށާއި، އެ ރޫހުގައި ކުރިއަށް ދާން ބޭނުންވާ ކަމަށެވެ.

ބާސެލޯނާ އަށް ދެން އޮތީ މި މަހުގެ ހަ ވަނަ ދުވަހު އަމިއްލަ ދަނޑުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ ކޮޕަ ޑެލް ރޭ މުބާރާތުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގު މެޗެވެ. ފުރަތަމަ ލެގުގައި ބާސެލޯނާ އިން ވަނީ ރެއާލްގެ ދަނޑުގައި އެ ޓީމު ބަލިކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް