ކ. މާލެ
|
9 ޖުލައި 2025 | ބުދަ 11:37
ލިވަޕޫލް އަށް ކުޅެމުން އަންނަ ލުއިސް ޑިއާޒް
ލިވަޕޫލް އަށް ކުޅެމުން އަންނަ ލުއިސް ޑިއާޒް
ރޮއިޓަރސް
ބާސެލޯނާ
ޑިއާޒް ހޯދުމަށް ބާސެލޯނާ އިން ވެސް މަސައްކަތް ކުރަނީ
މުންޑޯ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޑިއާޒް ވަނީ ބާސެލޯނާ އަށް ބަދަލުވާން އަނގަ ބަހުން އެއްބަސްވެފައި.

ލިވަޕޫލަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ލުއިސް ޑިއާޒް ހޯދުމުގެ މަސައްކަތް، ސްޕެއިންގެ ބާސެލޯނާ އިން ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ރިޕޯޓު ކޮށްފި އެވެ.

އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ ލިވަޕޫލަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރު އެވެ. އެ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތްއިރު، އޭނާ ހޯދުމަށް ބާސެލޯނާގެ އިތުރުން، ބަޔާން މިއުނިކް އިން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

ބާސެލޯނާ އާއި ބަޔާން އިންް ޑިއާޒް ހޯދުމަށް ހުށަހެޅި ފުރަތަމަ ހުށަހެޅުން ލިވަޕޫލް އިން ވަނީ ބަލައި ނުގަންނަން ނިންމައިފަ އެވެ. އޭގެ ފަހުން މިހާރު ބަޔާން އިން ޑިިއާޒް ހޯދުމުގެ މަސައްކަތް ވަރުގަދަ ކޮށްފައިވާއިރު، ބާސެލޯނާ އިން ވެސް އަންނަނީ އެ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

މުންޑޯ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޑިއާޒް ވަނީ ބާސެލޯނާ އަށް ބަދަލުވާން އަނގަ ބަހުން އެއްބަސްވެފަ އެވެ. އެގޮތުން ބާސެލޯނާ އަށް ޑިއާޒް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އޭނާ ޤަބޫލު ކުރާ ކަމަށާއި، އެހެންވެ ޝަރުތެއް ނެތި ބާސެލޯނާ އަށް ބަދަލުވާން އޭނާ އެއްބަސްވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ޑިއާޒް ވަނީ މިހާތަނަށް ލިވަޕޫލް އަށް ކުޅެދިން 148 މެޗުގައި 41 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ފަސް ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ އެ ޓީމާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން، އެފްއޭ ކަޕް، ކަރަބޯ ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްފަ އެވެ. މީގެ ތެރެއިން ކަރަބޯ ކަޕް ވަނީ ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ.

ދާދި ފަހުން ބާސެލޯނާ އިން ވަނީ އެތުލެޓިކޯ ބިލްބާއޯ އަށް ކުޅެމުން އަންނަ ސްޕެއިންގެ ނިކޯ ވިލިއަމްސް ހޯދުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ. ނަމަވެސް، ބާސެލޯނާ އަށް އެކަން ކާމިޔާބު ކުރެވިފައި ނުވާއިރު، ނިކޯ ވަނީ ބިލްބާއޯގެ އެއްބަސްވުން އައު ކޮށްފަ އެވެ.

- ކޮމެންޓް