ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ގޯލު ކީޕަރު ވޮޒްޝިއޭ ޝެޒްނީ، އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފި އެވެ.
ބާސެލޯނާގެ އެއް ނަންބަރު ގޯލު ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުމުގެ ސަބަބުން، އޭނާގެ ބަދަލު ކީޕަރެއްގެ ގޮތުގައި ޝެޒްނީ ބާސެލޯނާ އަށް ބަދަލުވީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެއީ ފުޓުބޯޅަ އިން ރިޓަޔާ ވުމަށް ނިންމުމަށް ފަހު، އެ ނިންމުން ބަދަލު ކުރުމަށްފަހު އެވެ.
އުމުރުން 35 އަހަރުގެ ޝެޒްނީ ބާސެލޯނާއާ ގުޅުނީ އެއް ސީޒަންގެ މުއްދަތަކަށެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް ހަމަވާން އޮތް އިރު، ބާސެލޯނާ އިން ވަނީ އޭނާގެ އެއްބަސްވުން އައު ކުރާނެކަން އިއުލާން ކޮށްފަ އެވެ.
ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުން އައި ޝެޒްނީ މިހާރު ވަނީ، އެ ކުލަބުގެ އެއްބަސްވުން އިތުރު ދެ އަހަރަށް އައު ކޮށްފަ އެވެ. އެހެންކަމުން، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މިހާރު އޭނާ ބާސެލޯނާގައި މަޑު ކުރާނެ އެވެ. ޝެޒްނީގެ އެއްބަސްވުން އައު ކޮށްފައިވާކަން ބާސެލޯނާ އިން ވެސް ވަނީ ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.
އާސެނަލް، ބްރެންޓްފޯޑް، ރޯމާ އަދި ޔުވެންޓަސް އަށް ކުޅެފައިވާ ތަޖުރިބާކާރު ކީޕަރު ވަނީ މި ނިމުނު ސީޒަންގައި ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި 30 މެޗުގައި ބާސެލޯނާގެ ގޯލު ބަލަހައްޓައިފަ އެވެ. އަދި ބާސެލޯނާ އާއެކު އޭނާ ވަނީ ތިން ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގުގެ އިތުރުން، ކޮޕާ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕް އެވެ.
ބާސެލޯނާގައި ޝެޒްނީ ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުން، އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ގިނައިން އިސްކަން ދިނީ ވެސް އޭނާ އަށެވެ.