Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2022 | އަންގާރަ 11:01
ލުތުފަރުގެ މަރުގެ މައްސަލައިގެ އަޑުހުމުގެ ތެރެއިން
ލުތުފަރުގެ މަރުގެ މައްސަލައިގެ އަޑުހުމުގެ ތެރެއިން
މުހައްމަދު ފަޒީން
ލުތުފަރުގެ މަރުގެ މައްސަލަ
ލުތުފަރުގެ މަރުގެ މައްސަލަ - ދައުލަތުގެ އެދުމުގެ މަތިން އަޑު އެހުން ކެންސަލް
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދު
އަންގާރަ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުން
ދައުލަތުން އިތުރު 10 ދުވަހުގެ ފުރުސަތަކަށް ވަނީ އެދިފައި
ލުތުފަރު މަރާލައިފައިވަނީ ބޯޓުގައި ހުރި އިތުރު ބިދޭސީއަކާއެކު އެއް ޖިންސުން ގުޅުން ހިންގުމަށް މަސައްކަތް ކުރުމުން ކަމަށް ދައުވާ ލިބޭ މީހުން ތަހުގީގަށް ކިޔާދީފައިވޭ

ށ. ޅައިމަގު "ކުރިމަގު 1'' ބޯޓުގައި މަސައްކަތްކުރި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލައިގައި އަންގާރަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑު އެހުމެއް ތާވަލްކޮށްފައިވަނީ އަންގާރަ ދުވަހުގެ 09:00 އަށެވެ. އެ އަޑުއެހުމުގައި ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމެވެ. އެ މައްސަލަ ކެންސަލްކޮށްފައި ވަނީ ދައުލަތުން އިތުރު 10 ދުވަހުގެ ފުރުސަތަކަށް އެދުމުންނެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ. ލުތުފަތުގެ މަރުގެ މައްސަލައިގައި، އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ އަލަމިން އާއި ނޫރުލްއިސްލާމް އަދި އެމްޑީ އަކްތަރް ހުސައިންގެ މައްޗަށެވެ.

ށ. ޅައިމަގު ބޯޓެއްގައި ކައްކާއެއްގެ ގޮތުގައި އުޅުނު ލުތުފަރު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު ކަމަށް ވާއިރު، ފުލުހުން އެ މައްސަލަ ތަހުގީގުކޮށްފައި ވަނީ މަރުގެ މައްސަލައެއްގެ ގޮތުގައި ބަލައިގެންނެވެ. އެގޮތުން ފުލުހުން ކުރި ތަހުގީގުގެ ތެރެއިން ކަނޑަށް ފީނައިގެން ބެލި ބެލުމުގެ ތެރޭގައި ލުތުފަރުގެ ހަށިގަނޑުގެ ކަށިތައް ކަމަށް ބެލެވޭ މިނިކަށިތަކެއް ވަނީ ހޯދާފައެވެ.ދައުލަތުން ވަނީ އެ ކަށިތަކުން ލުތުފަރުގެ މަންމައާއި ދަރިންގެ ޑީއެންއޭ ނެގިފައިވާކަން މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާގައި ހާމަކޮށްފައެވެ.

Advertisement

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުން ވެސް ވަނީ ކުށަށް އިއުތިރާފްވެ ދައުލަތާ އެކު ކުށުގެ އިއުތިރާފު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެހެންނަމަވެސް އެ މައްސަލައިގެ ޝަރީއަތް ފެށި ހިސާބުން އެ ތިން މީހުން ދަނީ ކުށަށް އިންކާރު ކުރަމުންނެވެ. އަދި ކުރިން ކުށަށް އިއުތިރާފްވެފައި ވަނީ އެ މީހުންނަށް ފުލުހުން އަނިޔާކޮށް ބިރު ދެއްކުމުން ކަމަށް ވަނީ ބުނެފައެވެ.

މި މައްސަލައިގައި ދައުލަތުންހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ލުތުފަރު ބޯޓުގައި އިންކަމާއި، މި ހާދިސާ ހިނގި ދުވަހުގެ ރޭ ބޯޓުން އާދަޔާޚިލާފު އަޑެއް އިވުނުކަމާއި، އޭގެ ފަހުން މޫދަށް އެއްޗެއް ވައްޓާލުންފަދަ އަޑެއް އިވުނުކަން ސާބިތު ކޮށްދިނުމަށް ހެކި ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ކަނޑު އަޑިން ފެނުނު ކަށިތަކާ މެދު ވެސް ޝަރީއަތުގެ މަރުހަލާގައި ހެކިބަސް ނަގާފައިވެއެވެ. އެގޮތުން މި މައްސަލައިގެ ސީން އޮފް ކްރައިމް ތައްޔާރުކުރި ފަރާތުން ޝަރީއަތުގައި ބުނެފައި ވަނީ ކަށިތައް ފެނުނީ އަޑީގައި ހުންނަތާ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް ބެލެވޭ ކަމަށެވެ.

މި މައްސަލަ އާ ގުޅިގެން ފުލުހުން ބުނެފައިވަނީ ލުތުފަރު މަރާލައިފައިވަނީ ބޯޓުގައި ހުރި އިތުރު ބިދޭސީއަކާ އެކު އެއް ޖިންސުން ގުޅުން ހިންގުމަށް މަސައްކަތް ކުރުމުން ކަމަށް ދައުވާ ލިބޭ މީހުން ތަހުގީގަށް ކިޔާދީފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް