ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގޯސްތަކެއް ހިނގައިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ޕޮލިސް ބޯޑަށް ހާޒިރުވާން އަންގައިފިއެވެ.
ސީޕީ ހަމީދު ޕޮލިސް ބޯޑަށް ހާޒިރުވާން އަންގާފައިވާކަމަށް ވިދާޅުވީ ހޯމަ ދުވަހު ނޫސްވެރިންނާއެކު ބޭއްވި ބޭއްވި ބައްދަލުވުމުގައި ސީޕީއެވެ. ސީޕީ ހަމީދު ޕޮލިސް ބޯޑަށް ހާޒިރުވާން އަންގާފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 2:00 ގައެވެ. މިއީ ޕޮލިސް ބޯޑަށް ސީޕީ ހާޒިރުވެވަޑައިގަތުމަށް އެންގި ފުރަތަމަ ފަހަރެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގޯސްތަކެއް ހިނގައިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކަމަށާއި، ގޯސްކޮށް ހިނގައިފައިވާ ކަންކަމަށް ބެލެވޭ ކަންކަމާ ގުޅިގެން ޖަވާބުދާރީކުރެވޭނެ މަގުތައް ކޮށިފައިވުމަކީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ.
ޕޮލިސް ބޯޑަށް ހާޒިރުކުރާ މައްސަލައާއި ގުޅިގެން ސީޕީ ވިދާޅުވީ ދާދި ފަހަކުން މާލެ ސަރަހައްދުގަޔާއި މިތާ ކައިރި އަތޮޅެއްގަ ހިނގައިދިޔަ އޮޕަރޭޝަނެއްގައި، ފުލުހަކު ހިންގި އިޖުރާއަތެއް، ގޯސްކޮށް ހިންގީ ނުރަނގަޅު ނިޔަތެއްގައި ކަމަށް އަޅުގަނޑުމެންގެ ދައުލަތުގެ ތެރެއިން ބައެއް މުވައްސަސާތަކަށް ގަބޫލުކުރެވިގެން ހާޒިރުކުރަން ނިންމާފައިވާ ކަމަށެވެ.
މި މައްސަލަ ޕޮލިސް ބޯޑުގެ ސަމާލުކަމަށް ގެނެސްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ. ފުލުހުންގެ މައްސަލަތަކުގައި ޕޮލިސް ބޯޑަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ގާނޫނު ބުނާ ގޮތުގައި، ސީދާ ކޮމިޝަނާ އޮފް ޕޮލިސްއެވެ.
ސީޕީ ވިދާޅުވީ ފުލުހުން ހިންގާ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައާއި ޝަރީއަތުގެ މަރުހަލާތަކުގައި ވެސް ގޯސްތައް ހެދިފައި އެބަހުރި ކަމަށެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ކުށްވެރިން ދޫވެގެންދަނީ ފުލުހުންގެ އިހުމާލުން އެކަނި ނޫން ކަމަށެވެ.
ސީޕީ ވިދާޅުވީ ގޯހެއް ހިނގައިގެން، ގިނަ ބަޔަކަށް ގަބޫލުކުރެވެނީ، ބަޔަކު ދޫވުން، ބަޔަކު މިނިވަންވުން، ބަޔަކު ޖަލުގަ ނުތިބެވޭނެ ގޮތް ވުން އެއީކީ، ހުރިހާ ފަހަރެއްގައި ފުލުހުންގެ ތަހުގީގު ކުރާ ފަރާތެއް ނުވަތަ ފުލުހުންގެ މުވައްސަސާއިން ހަދާ ގޯހެއްގެ މައްޗަށް ހިނގާ ކަންތައްތަކެއް ނޫން ކަމަށެވެ.
ސީޕީ ހަމީދު ވިދާޅުވީ ޕޮލިސް ބޯޑަށް ހާޒިރުކުރުމަށް އެންގުމުން ހާމަވެގެންދަނީ ނިޒާމުގެ ތެރޭގައި ހަރުދަނާ ކުރަން ޖެހޭ ގިނަ ކަންކަން ހުރި ކަމެވެ.