އަންހެން ކުޑަ ދެ ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ބުދަ ދުވަހު ފުލުހުން ބުނީ، ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެއް 16 ނޮވެންބަރު 2025 ގައި ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ކުޑަ ކުދިންނާ ގުޅޭ މައްސަލަތައް ޚާއްސަ ސަމާލުތަކެއް ދީގެން ތަހުގީގު ކުރަމުންދާއިރު، އާއްމު ގޮތެއްގައި މިފަދަ ހާދިސާތައް ހިނގާ ސަރަހައްދުތައް ފުލުހުން ހާމަ ކުރެ އެވެ. ނަމަވެސް މިއީ މާލެ ސަރަހައްދު ނުވަތަ އަތޮޅުތެރޭގައި ހިނގި ހާދިސާއެއް ކަމެއް ވެސް ފުލުހުން ހާމަ ކޮށްފައިނުވެ އެވެ.
ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، މާލެ މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކާ ގަދަކަމުން ބެހުނު މައްސަލަ އެއް މިމަހުގެ 18 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން މިދިޔަ ހަފުތާގައި މާލޭގެ މަގެއްގެ މަތިން ފުލުހުންގެ އެހީއަށް އެދުނު އަންހެނަކު ހޮސްޕިޓަލަށް ގެންގޮސް ބެލިއިރު، އޭނާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން ހާމަވި މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.