ކ. މާލެ
|
6 ޖޫން 2021 | އާދީއްތަ 14:26
ޔަމަން
ޔަމަން
ގޫގުލް
ހޫތީންގެ މިސައިލް ހަމަލާއެއް
ހޫތީންގެ ހަމަލާއެއްގައި 5 އަހަރުގެ ކުޑަ ކުއްޖަކާއެކު 17 މީހުން މަރުވެއްޖެ
އެތައް ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައި
ހަމަލާތަކުގައި ދެ އެމްބިއުލަންސް ވަނީ ހަލާކުކޮށްލާފައި
މިހަމަލާތައް ދީފައި ވަނީ ހޮނިހިރު ދުވަހު

ޔަމަންގެ މާރިބްއަށް ހޫތީން ދިން ހަމަލާތަކެއްގައި 17 މީހުން މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން މާރިބްގެ ރައުދާ އަވަށަށް ދިން މިސައިލް ހަމަލާގައި އުމުރުން ފަސް އަހަރުގެ ކުޑަ ކުއްޖެއް ވެސް ވަނީ މަރުވެފައެވެ. ޔަމަނުގެ ސަރުކާރުގެ ދަށުގައި އޮންނަ މި ސިޓީއަށް ހޫތީންގެ މިސައިލް ހަމަލާއަށް ފަހު ޑްރޯން އިން ވެސް ވަނީ ހަމަލާދީފައެވެ.

ހޮނިހިރު ދުވަހު ޑްރޯން އިން ދިން ހަމަލާތަކުގައި ދެ އެމްބިއުލަންސް ވަނީ ހަލާކުކޮށްލާފައެވެ. މި އެމްބިއުލަންސް ތަކަކީ މިސައިލް ހަމަލާގައި އިނިޔާލިބުނު މީހުން އުފުލުމަށް ދަތުރުކުރަމުން ދިޔަ އެމްބިއުލަންސް ތަކެކެވެ. މިހަމަލާތަކުގައި އެތައް ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެެވެ.

ހޫތީންގެ ފަރާތުން މިހަމަލާއާ ގުޅިގެން އަދި ބަހެއް ބުނެފައި ނެތްނަމަވެސް އެޖަމާއަތުން ދަނީ ފެބްރުއަރީ މަހުން ފެށިގެން މާރިބަށް އަމާޒުކޮށް ހަމަލާދެމުންނެވެ. މާރިބް އަކީ ދުނިޔެގެ ގައުމުތަކުން ބަލައިގަންނަ ޔަމަނުގެ ސަރުކާރުގެ ބެލުމުގެ ދަށުގައި އޮންނަ ސިޓީއެކެވެ. ހޫތީ ޖަމާއަތަކީ އިރާނުގެ އެހީއާއެކު ހިންގަމުން އަންނަ ޖަމާއަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް