އިސްރާއީލުގެ ބެން ގޫރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާއެއް ޔަމަނުގެ ހޫތީން ބުނެފިއެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރީ އަންގާރަ ދުވަހު ބުނެފައިވަނީ ތެލް އަވީވް ކައިރީ ގައި އޮންނަ ބެން ގޫރިއަން އިންޓަނޭޝަނަލް އެއަރޕޯޓަށް އަމާޒުކޮށް "ފަލަސްތީން 2" ހައިޕަރސޮނިކް ބެލިސްޓިކް މިސައިލެއް ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ ދެތިން ގަޑިއިރު ކުރިން ވެސް މިފަދަ އެހެން ހަމަލާއެއް ދީފައިވާ ކަމަށްވެސް ސާރީ ބުނެފައިވެއެވެ.
އިސްރާއީލު ސިފައިން ޓެލެގްރާމްގައި ޝާއިޢުކުރި ބަޔާނެއްގައި ބުނެފައި ވަނީ، ހަމަލާ އާ ގުޅިގެން "އިސްރާއީލުގެ ބޮޑު ސަރަހައްދަކަށް ސައިރަންގެ އަޑު އިވުމަށްފަހު، ޔަމަނުން ފޮނުވާލި މިސައިލެއް އިސްރާއީލުގެ ވައިގެ ސިފައިން ހުއްޓުވައިފި،" ކަމަށެވެ.
އިރާނުގެ މަދަދު ލިބޭ ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ހޫތީ ޖަމާއަތުން އިސްރާއީލަށް މިސައިލާއި ޑްރޯން ހަމަލާ ދޭން ފެށިފަހުން، ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް އިސްރާއީލުން ތަކުރާރުކޮށް ހަމަލާ ދީފައި ވެއެވެ. ހޫތީން ބުނެފައި ވަނީ އެ މީހުން ދޭ ހަމަލާތަކަކީ ޣައްޒާ ހަނގުރާމައިގައި ފަލަސްތީނު ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކުރުމުގެ ގޮތުން ދޭ ހަމަލާތަކެއް ކަމަށެވެ.
އިސްރާއީލުގެ ދިފާޢީ ވަޒީރު ޔޯއާވް ގައްލަންޓް ހޯމަ ދުވަހު ބުނެފައި ވަނީ، ހުދައިދާ ބަނދަރުގައި ހުރި ހޫތީ ޓެރަރިސްޓު ސަރުކާރުގެ ތަންތަނަށް ދިން ހަމަލާތަކުގެ މަޤްޞަދަކީ، ކުރިން ހަލާކުކޮށްލާފައިވާ އިންފްރާސްޓްރަކްޗަރ އަލުން ބިނާކުރުމަށް ކުރާ ކޮންމެ މަސައްކަތެއް ހުއްޓުވުން ކަމަށެވެ. އަދި "ޔަމަނަށް ވެގެންދާނީ ތެހެރާނަށް ވެގެން ދިޔަ ގޮތް" ކަމަށް ވެސް ބުނެފައި ވެއެވެ.
ނަން ނުޖެހުމަށް ޝަރުޠުކޮށް އެއެފްޕީއަށް މައުލޫމާތު ދިން ހޫތީ ސަލާމަތީ އޮފިޝަލެއް ބުނެފައިވަނީ، "ކުރިން ދިން ހަމަލާތަކަށްފަހު އަލުން ބިނާކޮށްފައިވާ ބަނދަރުގެ ޑޮކް، މިފަހަރު ބޮން އެޅުމުގެ ސަބަބުން ހަލާކުވެފައިވާ" ކަމަށެވެ.
ޣައްޒާ ގައި ކުރާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އިސްރާއީލަށް ބާރު އެޅުމުގެ ގޮތުން، އިސްރާއީލާ ގުޅުންހުރި ކަމަށް ތުހުމަތުކުރާ ބޯޓު ފަހަރަށް އަމާޒުކޮށް، ރަތްކަނޑާއި އަދަން ކަނޑުގައި ހޫތީން ވަނީ މި ފަހަކަށް އައިސް ވަރަށް ގާތްގާތުގައި ގެއްލުން ބޮޑު ހަމަލާތައް ދޭން ފަށާފައެވެ.